ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަންގެ ފަރާތުން ޞަލާޙުއްދީން ސްކޫލަށް ހަދިޔާކުރި 32 ސްމާޓް ޓީވީ އާ ހަވާލުވުމުގެ ރަސްމިއްޔާތު، އެ ސްކޫލުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖެއަށް ޕާކިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒު ގިލާނިއެވެ. އަދި ޚާއްޞަ މެޙެމާނުންގެ ގޮތުގައި ޕާކިސްތާނު އެންބަސީގެ ޑެޕިއުޓީ ހައިކޮމިޝަނަރ، ހިޒް އެކްސެލެންސީ ޒުލްޤަރުނައިން އަޙުމަދު އާއި ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާގެ ދަޢުލަތުގެ ވަޒީރު، ޑރ. އަބްދުއްލަޠީފު މުޙައްމަދުގެ އިތުރުން އެޑިޔުކޭޝަން ޕްރޮފެޝަނަލް، އަލްފާޟިލް އަޙުމަދު ނަސީމު ވެސް ބައިވެރިވެޑައިގަތެވެ.

ސްކޫލުތައް ސުމޭކު(ޑިޖިޓަލް) ކުރުމަށް ތަޢުލީމީ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ނުހަނު އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ ކަމަކަށްވާއިރު، ޕާކިސްތާނުގެ ހައިކޮމިޝަނުން މި ހަވާލުކުރެއްވި 32 ސްމާޓް ޓީވީއާ ހަވާލުވެޑައިގަތީ ތަޢުލީމީ ވުޒާރާގެ ދަޢުލަތުގެ ވަޒީރު ޑރ. އަބްދުއްލަޠީފު މުޙައްމަދު އަދި ޞަލާޙުއްދީން ސްކޫލުގެ ޕްރިންސިޕަލް، ނާޞިޙާ އިދުރީސްއެވެ.
ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒު ގިލާނި ވިދާޅުވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ތަފާތު ގޮތްގޮތުން އެހިތެރިވެދެއްވުމަކީ ޕާކިސްތާނު ހައިކޮމިޝަނުން ނުހަނު އިސްކަމެއް ދެއްވައިގެން އަބަދުވެސް ކުރައްވަމުން ގެންދަވާ ކަމެއްކަމުގައެވެ. އަދި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދޭ ވެށްޓަކީ، ހުރިހާ ގޮތަކުން ވެސް އުފެއްދުންތެރި ޒިންމާދާރުކަމުގެ ސިފަތަކުން ދަރިވަރުން ތަރުބިއްޔަތުކުރެވޭނެ ފަދަ ވަޞީލަތްތައް ޤާއިމްވެފައި ހުރި ތަންތަނަށްވުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއަކަށްވާނީ، މުޖުތަމަޢަށް ފައިދާ ހުރި ޤާބިލު ދަރިވަރުންތަކެއް ބިނާކުރެވި، މުސްތަޤުބަލުގައި ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް އެ ދަރިވަރުން ޢަމަލީ މައިދާނުގައި ހަރަކާތްތެރިވާ މަންޒަރު ފެނިގެންދިއުން ކަމުގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު ނުހަނު އިސްކަމެއް ދެއްވައިގެން، "ޤައުމިއްޔަތު" މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވުމަށް ނިންމެވި ނިންމެވުމަކީ، ކިޔަވާކުދިންގެ ހިތްތަކުގައި ދިވެހިންގެ ޘަޤާފަތާއި އާދަކާދިގެ އިތުރުން ހުއްބުލްވަޠަނުގެ މަތިވެރި ލޯބި ތާއަބަދު ދެމިގެންދާނެ ކަމެއްކަމަށް ވެސް ފާހަކުރެއްވިއެވެ.

ތަޢުލީމީ ވުޒާރާގެ ދަޢުލަތުގެ ވަޒީރު ޑރ. އަބްދުއްލަޠީފު މުޙައްމަދުގެ ވާހަކަފުޅުގައި، ބަވަނަވަމުންދާ މި ދުނިޔޭގައި، ޢިލްމީގޮތުން ޤާބިލު 21ވަނަ ޤަރުނަށް ލޯހުޅުވިފައިވާ ޖީލެއް ތަރުބިއްޔަތުކުރެވޭނީ ، ޒަމާނީ ތަޢުލީމުދެވޭނެ ފަދަ ވަސީލަތްތައް ޤާއިމްކޮށްގެން ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ޕާކިސްތާނު ސަރުކާރުން، ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، ވަޒީރު، ޑރ. ޑރ. އަބްދުއްލަޠީފު މުޙައްމަދު އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވި އެވެ.

2023 އޮގަސްޓު 6 ގައި ޞަލާޙުއްދީން ސްކޫލުގައި ކިޔަވައިދޭން ފެށިއިރު ސްކޫލުގައި 2700 އެއްހާ ކުދިން ކިޔަވަމުންދިޔަ ކަމަށާއި، ޞަލާޙުއްދީން ސްކޫލުގެ މުދައްރިސުންނަށް އޭރު، ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ސްކޫލުގެ ކިޔެވުން ފެށުނު އިރު، ސްމާޓް ޓީވީތައް ކުލާހުގައި ނެތުން ކަމުގައި އެ ސްކޫލުގެ ޕްރިންސިޕަލް، ނާޞިޙާ އިދުރީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، މިކަމަށް ޙައްލު ހޯއްދެވުމަށް ކަމާގުޅޭ ތަފާތު އިދާރާތައް މެދުވެރިކޮށް ކުރެއްވި މަސައްކަތްޕުޅަށް ފެހި ސިގުނަލެއް ލިބިގެންދިޔައީ، ޕާކިސްތާނު ހައިކޮމިޝަންގެ ފަރާތުންކަމުގައި ވިދާޅުވެ، އެ ކޮމިޝަނަށް ޕްރިންސިޕަލް ނުހަނު އިޙުތިރާމާއެކު ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ސްކޫލުގެ ޕީ.ޓީ.އޭގެ ފަރާތުން ވެސް ވަނީ ސްމާޓް ޓީވީ އެއް ސްކޫލަށް ހަދިޔާ ކުރައްވާފައެވެ.
advertisment
ހިޔާލު