ސްކޫލުތަކާ އަލަށް ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް "ޕްރިންސިޕަލް މެންޓަރޝިޕް"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ސްކޫލުތަކާ އަލަށް ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ އަދާކުރައްވަން ޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ތަޖުރިބާ ހުރި ޕްރިންސިޕަލަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދޭން ކުރިއަށް ގެންދާ 6 މަސްދުވަހުގެ ޕްރޮގްރާމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، މި މުއްދަތުގެ ތެރޭގައި ޕްރޮގްރާމްގެ ބައިވެރިންނަށް ދާއިރާގެ ތަޖުރިބާކާރު ޕްރިންސިޕަލުންގެ ފަރާތުން، ސްކޫލު ހިންގުމުގައި ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތުގެ ލަފާއާއި އިރުޝާދުދީ، ސްކޫލުތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި ޕްރޮގްރާމުގެ މެންޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުން މައިގަނޑު ގޮތެއްގައި މައުލޫމާތު ދޭނެ ކަންތައްތަކުގެ ތެރޭގައި، އިންސްޓަރކްޝަނަލް ލީޑަރޝިޕާއި ގޮތް ނިންމުމާއި އިސްތިރާޖީ ގޮތެއްގައި ކަންކަން ރޭވުމާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމާއި ސްކޫލާ ގުޅޭ ކަންކަމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި ކްރައިސިސް މެނޭޖްމަންޓާއި މުހިންމު ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވުމާއި އަދި ކުރާ މަސައްކަތުގައި ޕްރޮފެޝަނަލް އަދި ޕަރސަނަލް ބެލެންސްއެއް ގެންގުޅުން ހިމެނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މިއީ މެންޓީސްގެ އިތުރުން މެންޓަރުންނަށް ވެސް އޭގެ ފައިދާކުރާނެ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގެ ސަބަބުން ދާއިރާގެ ބޭފުޅުންނާއެކު ރަނގަޅު ޕްރޮފެޝަނަލް ގުޅުމެއް ޤާއިމުކުރުމަށް މަގުފަހިވެ، އެ ބޭފުޅުންގެ ލީޑަރޝިޕް އާއި ކޯޗިންގ ހުނަރުތައް އިތުރަށް ތަރައްޤީވެގެން ދާނެ ކަމަށެވެ.
މި ޕްރޮގްރާމްގެ މި ބުރުގައި 20 ޕްރިންސިޕަލުން ބައިވެރިވެ ވަޑައިގަންނަވާއިރު އޭގެ ތެރެއިން ކޮންމެ ޕްރިންސިޕަލަކަށް މެންޓަރ އެއްގެ ގޮތުގައި އެކުގައި މަސައްކަތްކުރުމަށް ތަޖުރިބާކާރު އެހެން ޕްރިންސިޕަލަކު ވަނީ ހަމަޖައްސާފައިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު