އިމްތިޙާނު ފޭސް ޓު ފޭސްކޮށް ބާއްވާގޮތަށް، އޮންލައިން ޤުރުއާން ކޯސްތަކަށް ހުއްދަދެނީ

އިމްތިޙާނު ފޭސް ޓު ފޭސްކޮށް ބާއްވާގޮތަށް، އޮންލައިން ޤުރުއާން ކޯސްތަކަށް ހުއްދަދޭން މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީ (އެމްކިޔުއޭ) އިން ނިންމައިފިއެވެ.

އެ އޮތޯރިޓީން ބުނީ، 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ގެޒެޓްގައި ޝާއިއުކުރި "ގައިޑްލައިން ފޯ އީ ލަރނިންގ" ގެ 11 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އީ ލަރނިންގ މޮޑަލިޓީގެ ދަށުން ކުރިއަށް ނުގެންދެވޭނެ އަށް ދާއިރާއެއް ބަޔާން ކޮށްފައިވާއިރު، އޭގެ ތެރޭގައި ޤުރުއާނާއި ޤުރުއާނާ ގުޅުން ހުރި ދާއިރާތައް ހިމެނޭ ކަމަށެވެ.

އޮންލައިންކޮށް ޤުރުއާނާ ގުޅުން ހުރި ކޯސްތައް ހިންގަން ހިންގުމުގެ ހުއްދަ ނުދޭ މައްސަލައިގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނިކޮށް، އީ ލަރނިންގ މިޑަލިޓީގެ ދަށުން ކީރިތި ޤުރުއާނާ ގުޅުންހުރި މާއްދާތައް ކިޔަވައިދިނުމުގެ ހުއްދަދެވިދާނެ ކަމަށް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ލިޔުމުން އަންގާފައިވާ ކަމަށް އެމްކިޔުއޭއިން ބުނެއެވެ.

އެމްކިޔުއޭއިން ބުނެފައި ވަނީ " ކިޔަވައިދިނުމުގައި އީ ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި މީހާރުން މިހާރަށް ވެސް ވަކިކަހަލަ މޮޑިއުލްތަކެއް ( މަޢާނިލް ޤުރުއާން އަދި ޢުލޫމުލް ޤުރުއާން ފަދަ) މާއްދާތައް ކިޔަވައި ދެވިދާނެ ކަމާއި އަދި ވަކި އުޞޫލުތަކެއްގެ އެހެން މާއްދާތައް ވެސް (ތިލާވާ އަދި ޙިފްޠް ފަދަ) މާއްދާތައް ކިޔަވައިދެވިދާނެ ކަމަށް" އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެ ސިޓީއާ ހަވާލާ ދީ، އެމްކިޔުއޭއިން ބުނީ، " އީ ލަރނިންގ މޮޑަލިޓީގެ ދަށުން ޕްރޮގާރާމްތައް ކުރިއަށް ގެންދިޔަ ކަމުގައިވީ ނަމަވެސް، އިމްތިޙާނުތައް ބާއްވަމުން ގެންދަންވާނީ ފޭސް ޓޫ ފޭސް ކޮށް ކަމަށާއި، ޤުރުއާނުގެ ދާއިރާގެ ކޮންމެ ޕްރޮގްރާމެ ވެސް އެ ޕްރޮގްރާމެއްގައި ކިޔަވައިދޭ މާއްދާތަކަށް ރިޢާއަތްކޮށް ވަކި އުޞޫލެއްގެ ތެރެއިން އީ ލަރނިންގ މޮޑަލިޓީގައި ކިޔަވައި ދިނުމަށް ހުއްދަ ދެވިދާނެ ކަމަށް" ވެސް އެ ސިޓީގައި ބަޔާން ކޮށްފައިވާ ކަމަށެއެވެ.

އެ ސިޓީއާ ގުޅިގެން " ޤުރުއާނާއި ޤުރުއާނާ ގުޅުން ހުރި ދާއިރާތައް" ގެ ޕްރޮގްރާމްތައް އީ ލަރނިންގ މޮޑަލިޓީގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އެ ޕްރޮގްރާމްތައް ފަރުމާކުރުމަށްފަހު އެމްކިޔުއޭއަށް ހުށައެޅޭނެ ކަމަށް އެމްކިޔުއޭއިން މިއަދު ނެރުނު އާންމު ބަޔާނުގައި ބުނެފައިވެއެވެ.

ޤުރުއާނާ ގުޅުން ހުރި ޕްރޮގްރާމް އީ ލަރނިނގް މޮޑަލިޓީގެ ދަށުން ކުރިއަށް ދެންދަވަން ވާނީ އީ ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން ހުއްދަ ދިނުމަށް ފަހު ކަމަށާއި އީ ލަރނިނގ މޮޑަލިޓީގެ ދަށުން ކުރިއަށް ގެންދާ މޮޑިއުލެއް ނުވަތަ ކޯހެއްގެ އިމްތިޙާނެއް ކުރިއަށް ގެންދަންވާނީ ފޭސް ޓު ފޭސް ކޮށް ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *