ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ 34 ދަރިވަރުން ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ، ޖޫން 29 އިން ޖުލައި 3 އަށެވެ.
ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މި ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމުން ދަރިވަރުންނަށް ދަސްވި ކަންކަން އެހެން ދަރިވަރުންނަށް ބުނެދީ ނަމޫނާ ދަރިވަރުން ތަކަަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި ޕްރޮގްރާމުން ދަސްވި ކަންކަމުގެ ބޭނުން އަމަލީ މައިދާނުގައި ފުރިހަމައަށް ހިފައި އަބަދުވެސް ނަމޫނާ ދެއްކުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އެ ދަރިވަރުން ބުނާގޮތަށް ބެލެނިވެރިން އަމަލުކޮށް، މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މަގުމަތީގައާއި ސްކޫލް ސަރަހައްދުގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުއާމަލާތުކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ގެންގުޅުމަށް މައުލޫމާތުދީފައިވެއެވެ.

ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި އާއްމު ރައްޔިތުންނާއި، ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންގެ އިތުރުން މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ. މިފަދަ ޕްރޮގްރާމުތަކަކީ ވަރަށް ކާމިޔާބު ޕްރޮގްރާމުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
advertisment
ހިޔާލު