އެއްވަނަ ސްކޫލުގެ މަޤާމް އިސްކަންދަރުން ދަމަހައްޓަން ބުރަކޮށް މަސައްކަތް ކުރަން ޖެހޭ: ޕްރިންސިޕަލް ޝުކުރީ

އެއްވަނަ ސްކޫލުގެ މަޤާމް އިސްކަންދަރުން ދަމަހައްޓަން ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުކުރީ ވިދާޅުވެއްޖެއެވެ.

ފާއިތުވި ދިރާސީ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުކުރީ ވިދާޅުވީ، ފާއިތުވި އަހަރަކީ އިސްކަންދަރު ސްކޫލަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި އެ ކާމިޔާބު ލިބުނީ އޯލެވެލްގައި ބައިވެރިވި ދަރިވަރުންނާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރުންގެ މިންނެތް މަސައްކަތުން ކަމަށެވެ.

ފާއިތުވި އަހަރު، އެ ސްކޫލުގެ 171 ދަރިވަރުން އޯލެވެލްގައި ބައިވެރިވެ 49 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އެއް ސްކޫލަކަށް އެންމެ ގިނަ ދަރިވަރުން އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ ވެސް އެ ސްކޫލުންނެވެ.

ފާއިތިވި އަހަރުގެ ނަތީޖާއަށް ބަލާއިރު، ފަސް މާއްދާއިން ފާސްވި އިންސައްތަ 80 އަށް މަތިވެފައިވާއިރު، އަށް މާއްދާއިން ފާސްވި އިންސައްތަ 60 އަށް މަތިވެފައިވެއެވެ.

ޝުކުރީ ވިދާޅުވީ، މިހާރު މިއޮތް މާހައުލު އެގޮތުގައި ހިފަހައްޓާލައިފި ކަމަށްވަންޏާ ކުރިއަށް އޮތީ ފަހި އަހަރުތަކެއް ކަމަށެވެ. އެހެން ނަމަވެސް ނަތީޖާ ދަމަހައްޓަން ބުރަކޮށް މަސައްކަތް ކުރަންޖެހޭ ސަބަބު ވެސް ޝުކުރީ ވިދާޅުވެ ދެއްވިއެވެ.

" އަޅުގަނޑު ސްކޫލުގެ މުވައްޒަފުންނަށް، ސްކޫލުގެ މެނޭޖްމަންޓަށް، މުދައްރިސުންނަށް ދަންނަވަން އޮތީ، އަޅުގަނޑުމެންނަކީ މިހާރު ރާއްޖޭގައި އެންމެ ރަނަގަޅު ނަތީޖާ ހާޞިލްކުރާ އެއް ސްކޫލް. އެއްވަނައިގައި އޮތުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ. ޚާއްޞަކޮށް އަޅުގަނޑުމެން ހޯދަމުން އައި އިލްމީ ނަތީޖާތައް އެގޮތުގައި ހިފެހެއްޓުމަށް ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަގުގައި އަޅުގަނޑުމެންނާ ކުރިމަތި އެބަވޭ. އެއީ އަހަރުން އަހަރަށް އޯލެވެލް އިމްތިޙާނުގައި [ އިންކަންދަރު ސްކޫލުން ] ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވެގެން ދިއުން" ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ، 2022- 2023 ވަނަ އަހަރު 171 ދަރިވަރުން އޯލެވެލް އިމްތިޙާނު ހެދިއިރު، މި ޖޫން މަހު އޯލެވެލް ހެދީ 198 ދަރިވަރުން ކަމަށާއި އަދި ކުރިއަށް އޮތް އަހަރުގައި 280 ދަރިވަރުން އޯލެވެލް ހަދާނެ ކަމަށެވެ.

" އަޅުގަނޑުމެން ވިސްނައިގެން ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކޮށްފިކަމަށް ވަންޏާ ﷲ އިރާދަކުރެއްވިއްޔާ މި ކާމިޔާބީއަކީ އަބަދުވެސް ދެމެހެއްޓޭނެ ކާމިޔާބީއެއް. އަޅުގަނޑުމެން ކުރަން އޮތް މަސައްކަތަކީ ޓީމެއްގެ ގޮތުގައި، މިހާރު ވެސް ކުރަމުންދާ މަސައްކަތް، ތަފްޞީލީ ގޮތެއްގައި ވަކިވަކި ދަރިވަރުންގެ އުނގެނުމާއި އެހެނިހެން ކަންތައްތައް ހުންނަ ގޮތް ބަލާ އެކުދިންނަށް އެހީތެރިވެދީ، ކޮންމެ ކުއްޖަކަށް ކާމިޔާބު ހާޞިލް ކުރުމަށް ބުރަކޮށް މަސައްކަތް ކޮށްދިނުން" އިސްކަންދަރުގެ އެންމެގައި ސްޓާފުންނަށް ޕްރިންސިޕަލް ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ، އިސްކަންދަރު ސްކޫލްގެ ނަން އަންނަ ކޮންމެ ފަހަރަކު އެ ސްކޫލަކީ ބެސްޓް ސްކޫލެކޭ ބުނާ ކަމަށެވެ. އެ ސްކޫލުގައި އޮންނާނީ ވަރަށް ރަނގަޅު މެނޭޖްމަންޓް ޓީމެއް ކަމާއި ވަރަށް ތަޖުރިބާކާރު ވަރަށް ބުރަކޮށް ހިތްވަރާއެކު މަސައްކަތްކުރާ ޓީޗިންގ ފޯސްއެއްގެ އިތުރުން އެހީތެރިވެދޭ ސްކޫލް ބޯޑެކޭ އަދި ޕީޓީއެކޭ ބުނާ ކަމަށް ޝުކުރީ ފާހަގަ ކުރެއްވިއެވެ.

އިސްކަންދަރު ސްކޫލުގެ ކާމިޔާބު ދެމެހެއްޓުނީ ކެތްތެރިކަމާއެކު ގިނަ ދުވަހުން ކުރެއްވި މަސައްކަތްތަކަކުން ފާހަގަ ކުރައްވައި އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ސައީދަށް ޝުކުރީ ޚާއްޞަ ޝުކުރެއް އިނާމު ދިނުމުގެ ޖަލްސާގައި ދެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *