ފަތާއި މަލާއި ތަނޑުން ކ. އޭއީސީގެ ދަރިވަރުން ހެދި ކޮލާޖްތައް

ކ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ 300 ދަރިވަރުން މިދިޔަ ބުރާސްފަތި ދުވަހު ސްކޫލަށް ދިޔައީ ފަތާއި މަލާއި ތަނޑު ފަދަ ތަކެތި ހިފައިގެންނެވެ. ސްކޫލްގެ ރަސްމީ ކިޔެވުމުގެ ބައި ނިންމާލުމަށްފަހު، އެންވަޔަރަމަންޓް އެންޑް އާޓް ކުލަބުގެ ހަރަކާތެއްގެ ގޮތުން އެ ސްކޫލުގެ ހުރިހާ ދަރިވަރުން ތައްޔާރު ކުރީ އެކުދިން ގެންދިޔަ ތަކެތި ބޭނުން ކޮށްގެން އުފެއްދުންތެރި ހިތްގައިމު " ނޭޗަރ ކޮލާޖް" ތަކެވެ. ދަރިވަރުން ހެދި ކޮލާޖްތަކުން ފެންނަނީ ދޫންޏާއި ސޫފާސޫއްޕާއި ގުދުރަތީ މަންޒަރުތަކެވެ.

ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ކުލަބު ހަރަކާތްތައް ކ. އޭއީސީގައި ކުރިއަށް ގެންދެއެވެ. ކޮންމެ ހަފްތާއަކު ވެސް ކުރިއަށް ގެންދަނީ ކޮންމެ ވެސް އެއް ކުލަބެއްގެ ހަރަކާތެކެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮތީ އެންވަޔަރަމަންޓް އެންޑް އާޓް ކުލަބުގެ ހަރަކާތެކެވެ.

އެންވަޔަރަމަންޓް އެންޑް އާޓް ކުލަބުގައި އިސްކޮށް މަސައްކަތް ކުރައްވާ ލީޑިންގ ޓީޗަރު އިބްރާޙިމް އަދީބު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ކުލަބުގެ ހަރަކާތުގައި ތިމާވެއްޓާއި އާޓް ހިމެނޭތީ، ބޭނުންވީ އެ ދެބައި އެއްކޮށްލައިގެން ތަފާތު ކޮލާޖްތަކެއް ހަދަން ކަމަށާއި ފަތާއި މަލާއި ދަނޑު ފަދަ ތަކެތި ބޭނުން ކޮށްގެން ކޮލާޖް ހެދުމުގެ ޚިޔާލު ދިނީ އެ ކުލަބުގެ ނައިބް ރައީސް ކަމަށެވެ.

" އެ ދަރިވަރުގެ އެ އުފެއްދުންތެރި ޚިޔާލު ކަމުގޮސްގެން އަޅުގަނޑުމެން ނިންމީ ފަތާއި މަލާއި ތަނޑު ފަދަ ތަކެތި ބޭނުން ކޮށްގެން ރީތި ކުރެހުންތަކެއް އުފައްދަން. އަދި ބޭނުންވީ ޤުދުރަތުގެ ރީތިކަމާއި، ދިރޭތަކެތި ޙިމާޔަތްކުރުމުގެ މުހިންމުކަން ވެސް އަންގައިދެވޭ ފަދަ ކޮލާޖްތަކެއް ހަދަން" އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ދަށް ގުރޭޑް ތަކުގެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ކޮލާޖްތަކުން ފެންނަން ހުރީ ދަރިވަރުންގެ އަމިއްލަ އުފެއްދުންތެރި ޚިޔާލުތައް ކަމަށާއި މަސައްކަތް ކުރީ ވެސް އެ ދަރިވަރުން އަމިއްލައަށް ކަމަށެވެ.

" އަމިއްލަ ޚިޔާލަށް ކޮލާޖް ހަދަން ދޫކޮށްލީމާ ފެނުނީ ދަރިވަރުންގެ ހުނަރާއި ފަންނުވެރިކަން" އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮލާޖް ހަދަން ބޭނުންވާ ތަކެތި ހޯދަން އެންގި ދުވަހަކީ އެ ރަށަށް ވިއްސާރަ ދުވަހަކަށް ވާތީ، ހިކިފަތް ހޯދަން އުނދަގޫވި ކަމަށެވެ. އެކަމުގައި ދަރިވަރުންނާއެކު ބެލެނިވެރިން ރަށުތެރޭގައި ހިނގި ކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.

" ފަތް ހޯދައިގެން އެ ހިއްކައިގެން، ބޭނުން ވި ހުރިހާ އެއްޗެއް ހިފައިގެން ދަރިވަރުން އައީ" އިބްރާހިމް ވިދާޅުވިއެވެ.

" އަދި ކުދިން އެ މަސައްކަތުގައި ބައިވެރިވީ ވެސް އެހާމެ ޝައުޤުވެރިކަމާއެކު"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *