ޕްރިންސިޕަލް އެވޯޑް ތާޖުއްދީނުގެ 22 ދަރިވަރަކަށް

ކަނޑައަޅާފައި އޮންނަ ވަކި މިންވަރަކަށް ޤުރުޢާން ހިތުދަސްކުރާ ދަރިވަރުންނަށް ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ދެއްވާ "ޕްރިންސިޕަލް އެވޯޑް" އެ ސްކޫލުގެ 22 ދަރިވަރަކު ހޯދައިފިއެވެ.

ތާޖުއްދީން ސްކޫލުން ބުނީ، މި ފަހަރު އެވޯޑް ދިނީ މިދިޔަ އަހަރު ހިތުދަސްކުރުގެ ބައި ފުރިހަމަ ކުރި ދަރިވަރުންނަށް ކަމަށެވެ.

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު މުޙައްމަދު ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، ކުރީ އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރު އެވޯޑް ޚާޞލް ކުރި ދަރިވަރުންގެ އަދަދު މަދުވީ ދިރާސީ އާ އަހަރަށް ގެނައި ބަދަލާ ގުޅިގެން އެވޯޑަށް މަސައްކަތް ކުރަން ލިބުނު މުއްދަތު ކުރުވީމައެވެ.

2022 ވަނަ އަހަރު ޕްރިންސިޕަލް އެވޯޑް 50 އަށްވުރެ ގިނަ ދަރިވަރުން ހޯދާފައިވެއެވެ.

ފާތުން ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން އެ އެވޯޑަށް ބަދަލުތަކެއް ގެންނެވި ކަމަށާއި އެ ބަދަލާއެކު ޤުރުއާން ދަސްކުރަން ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމަށެވެ.

" ކީ ސްޓޭޖްގެ ދަރިވަރުންނަށް ކުރިން މި އެވޯޑް ލިބެނީ އެންމެ ފަހަރަކު. އޭގެ މާނައަކީ ގުރޭޑް އެކަކުން ތިނެއްގައި، ކޮންމެ ވެސް އެއް އަހަރެއްގައޭ ދަރިވަރަށް އެވޯޑް ލިބޭނީ. އެހެން އޮތީމާ ކިޔަވަން އުޅޭ ދަރިވރުންނަށް ފުރުޞަތު ގެއްލޭ. މިހާރު ކޮންމެ އަހަރަކު ވެސް އެ ވޯޑް ލިބޭ ގޮތަށް ތިން ލެވެލްއަކަށް ބަހާލީ" ފާތުން ވިދާޅުވިއެވެ.

ކީ ސްޓޭޖްތަކަށް ބަހާލައިގެން ބްރޯންޒާއި ސިލްވަރ އަދި ގޯލްޑް އެވޯޑް ދެނީ ޤައުމީ ޤުރުއާން މުބާރާތުގެ ހިފްޒް ބައިގެ މުޤައްރަރުގެ މައްޗަށް ބިނާކޮށެވެ.

ފާތުން ވިދާޅުވީ، އެވޯޑްގައި މި އަހަރު ބައިވެރިވާން ހުޅުވާލާފައިވާ ކަމަށާއި ދަރިވަރުންގެ ޝަޢުޤުވެރިކަމަށް ބަލާއިރު މި އަހަރު ބައިވެރިވާނެ ދަަރިވަރުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *