ދަރިވަރުންގެ އާ އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރެން، ފަސް ލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދޭން އިނޮވޭޓް ހަބްގެ ގޮތުގައި އެމްއެންޔޫ އިންކިއުބޭޓަރ އިފްތިތާހުކޮށްފިއެވެ.
މިއީ ރާއްޖޭގެ މަތީ ތާޢުލީމް ފޯރުކޮށްދޭ އިންސްޓިޓިއުޝަންއަކުން މިފަދަ މާލީ އެހީތެރިކަމެއް، ފޯރުކޮށްދޭން ދަރިވަރުންނަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
" އެމްއެންޔޫގެ ވައިސް ޗާންސެލަރު، ޑރ. ޢާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، އިނޮވޭޓް ހަބް" މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް އިތުރު ހުނަރުތަކާއި ސިފަތައް ދަސްކޮށްދެވޭނެ ކަމަށެވެ.
އޭމާ ވިދާޅުވީ، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލާއި ފިކުރު ބޭނުންކޮށްގެން އާ އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރެ އެއިން ރަނގަޅު ވިޔަފާރިއެއް އުފެއްދުމުގެ ފުރުޞަތު އެ ޔުނިވަރސިޓީން ޤާއިމް ކުރި އިންކިއުބޭޓަރއިން ފޯރުކޮށްދޭނެ ކަމަށެވެ. ދަރިވަރުން ހުށައަޅާ ޕްރޮޕޮސަލް ތަކުގެ މައްޗަށް ބިނާކޮށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން އެ އީޖާދީ އުފެއްދުން ބާޒާރާ ހަމައަށް ގެންދަން ފުރިހަމަ ކުރަންޖެހޭ މަރުހަލާއެއްގައި ވެސް އެ ޔުނިވަރސިޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ވެސް ޔުނިވަރސިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
" މި ޕްރޮޖެކްޓުގެ ދަށުން ދަރިވަރުން ތަމްރީނުކުރާނީ އެމްއެންޔޫގެ މުއައްޒަފުން. އާ އީޖާދުތައް ހެދުމުގެ މަގްސަދަކީ ގައުމު ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުޖްތަމައުއާއި ދަރިވަރުންނާ އަދި އެމްއެންޔޫއާ އެކު މަސައްކަތް ކުރުން"
މާލީ އެހީ ދެނީ ތިން މިންގަނޑަކަށް ބިނާކޮށެވެ. އެންމެ ކުދި ޕްރޮޕޯސަލްތަކަށް މާލީ އެހީގެ ގޮތުގައި ދެނީ 50،000 ރުފިޔާއެވެ. މެދުމިނުގެ ޕްރޮޕޯސަލްތަކަށް ދެނީ 225،000 ރުފިޔާއެވެ. އެންމެ ބޮޑެތި ޕްރޮޕޯސަލްތަކަށް މާލީ އެހީގެ ގޮތުގައި ދޭނީ 500،000 ރުފިޔާއެވެ.
ޑރ. ޝެހެނާޒު ވިދާޅުވީ، އިޖާދީ އުފެއްދުންތައް ނެރެން މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފައިސާ ހޯދާނީ ސްޕޮންސަރުންގެ އަތުން ކަމަށާއި އެފަދަ އެހީތެރިކަން ދޭނެ ކަމުގެ ޔަޤީން ބައެއް ފަރާތްތަކުން ދީފައިވާ ކަމަށެވެ.
ވައިސް ޗާންސެލަރު ޑރ. ރަހީމާ އަބުދުއްރަހީމް ވިދާޅުވީ، ޔުނިވަރސިޓީއެއް ދުނިޔޭގެ ރޭންކިންއަށް ދާއިރު އާ އީޖާދީ އުފެއްދުންތައް ނެރުން މުހިންމު ކަމަށެވެ.
ވައިސް ޗާންސެލާ ޑރ. އަލީ ފައްވާޒް ޝަރީފް ވިދާޅުވީ، ޔުނިވަރސިޓީން އިލްމް އުފައްދައި އެ ފަތުރަން ވެސް ޖެހޭ ކަމަށެވެ. އިތުރަށް ވިދާޅުވީ، ވަޒީފާ ހޯދައި ދޭ ބައެއްގެ އިތުރުން ވަޒީފާ އުފައްދާ ބަޔަކަށް ވެސް ވާން ޖެހޭ ކަމަށެވެ.
" ބޭނުން ވަނީ ކޮންމެ ދަރިވަރަކުވެސް ވިޔަފާރިއެއް އުފައްދާ އެ ވިޔަފާރީގެ ތެރެއިން ގިނަ ބަޔަކަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް އުފައްދައި ދިނުން" ފައްވާޒް ވިދާޅުވިއެވެ.
އީޖާދީ އުފެއްދުންތައް ނެރެން ބޭނުންވާ ދަރިވަރުންނަށް ޕްރޮޕޯސަލްތައް ހުށަހަޅަން މި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.


advertisment
ހިޔާލު