ޞަލާޙުއްދީނުގެ ކެޕްޓަނަކީ އަޒްކާ، ޑެޕިއުޓީންނަށް ރައްޔާންއާއި ޝައުރަތު

ޞަލާޙުއްދީން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ރައްޔާންއާއި ޝައުރަތު އަދި ކެޕްޓަން އަޒުކާ، އިގުރާރުގައި ސޮއިކުރެއްވުމުގެ ތެރެއިން- ފޮޓޯ: ޞަލާޙުއްދީން ސްކޫލް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސްކޫލުގެ އިސްވާރުން އިޤުރާރުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޞަލާޙުއްދީން ސްކޫލުގެ މި އަހަރުގެ ކެޕްޓަނަކީ 10 އެސްގެ ދަރިވަރު އަޒްކާ އަބްދުލް ޙަފީޒެވެ. ޑެޕިއުޓީ ސްކޫލު ކެޕްޓަނުންނަކީ ގުރޭޑް 10ބީގެ މުޙައްމަދު ރައްޔާން އިސްމާއިލް ޢަލީ އާއި ގުރޭޑް 10ބީގެ މަރިޔަމް ޝައުރަތު ސަލީމެވެ.

ޞަލާޙުއްދީން ސްކޫލުގެ އިސްވާރުން އިގުރާރުވުމުގެ ރަސްމިއްޔާތު އޮތީ އަންގާރަދުވަހުގެ ހަވީރު އެ ސްކޫލުގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީ ވުޒާރާގެ ދަޢުލަތުގެ ވަޒީރު، ޑޮކްޓަރު އަޙުމަދު މުޙައްމަދެވެ. އަދި ތަޢުލީމީ ވުޒާރާގެ ނައިބުން ކަމަށްވާ ، ޑަކުޓަރު ފާތިމަތު ނިޝާން އަދި ޙުސެއިން ޝިމާލްގެ އިތުރުން، އިނިސްޕެކްޓަރ އޮފް ޕޮލިސް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަވަށްޓެރި ފުލުހުންގެ އިސްވެރިޔާ ޙާމިދާ ޢަބްދުލް  ޢަލީމު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެޑައިގައެވެ.

ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅުގައި އިސްވާރުންނަކީ ސްކޫލުގެ އެހެން ދަރިވަރުންނަށް ރިވެތި ނަމޫނާދައްކާ ކުދިބަޔަކަށްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން އިސްވާރުންނަކީ، އެކުގައި އުޅޭ ކުދިން ގޮވައިގެން ކާމިޔާބީ ހޯދުމަށް ހިތްވަރާއެކު މަސައްކަތްކުރާ ޢަޒުމުވަރުގަދަ ކުދިބަޔަކަށްވުމަށް ވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

އިސްވާރުން އިޤުރާރުވުމުގެ ރަސްމިއްޔާތުގައި 69 ދަރިވަރުންވަނީ މަޤާމުގެ ހުވާކޮށްފައެވެ. މި ދަރިވަރުންގެ ތެރެއިން ސްކޫލުގެ އިސްމަޤާމްތަކަށް 19 ދަރިވަރުން  އައްޔަނުކުރިއެވެ. އެގޮތުން ސްކޫލު ކެޕްޓަނާއި  ޑެޕިޔުޓީ  ސްކޫލު  ކެޕްޓަނުންގެ  ގޮތުގައި 2 ދަރިވަރުންނާއި،  އެކްޓިވިޓީ  ކެޕްޓަން  އަދި  ޑެޕިޔުޓި އެކްޓިވިޓީ ކެޕްޓަން، އަދަބީ  ޖަމިއްޔާތަކުގެ އިސްމަޤާމުތައް ހިމެނެއެވެ. މީގެ އިތުރުން ޞަލާޙުއްދީން ސްކޫލުގެ ހަތަރު ހައުސްގެ ގޮތުގައި ކަނޑައަޅާފައިވާ ހައުސްތައް ކަމަށްވާ ރަންމުތް، ފެންފިޔާޒު، ފީރޯޒު އަދި ލާލު ހައުސްގެ ކެޕްޓަނުންނާއި  ވައިސް ކެޕްޓަނުން ވެސް މަޤާމުގެ ހުވާ ކުރިއެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *