ދީނަށް ދަރިވަރުން ލޯބިޖައްސަން، މާޅޮހު ސްކޫލުން "ނަމޫނާ ދަރިވަރު" ޕްރޮގްރާމް ފަށައިފި

މާޅޮހު ސްކޫލުން "ނަމޫނާ ދަރިވަރު" ޕްރޮގްރާމް ފަށައިފިއެވެ. މިއީ ދަރިވަރުންނަށް ދީނީ ކަންތައްތައް ދަސްކޮށްދިނުމާއި އެ ކަންތައްތައް އާދައެއްގެ ގޮތުގައި ދަރިވަރުން ކުރުމުގެ މަޤްޞަދުގައި އެ ސްކޫލުން ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ދިރާސީ އަހަރު ތެރޭގައި ކުރިއަށް ގެންދާ ގޮތަށެވެ.

ނަމޫނާ ދަރިވަރުގެ ގޮތުގައި ކުރިއަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އެ ސްކޫލުގެ ކޮންމެ ކުއްޖަކަށް ޚާއްޞަ ފޮތެއް ދެއެވެ. އެ ފޮތުގައި ހިމެނޭ ބައިތައް ބަހާލާފައި ވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ ނަމާދު ކުރަން އެނގޭތޯ ބެލުމަށް ކުރިއަށް ގެންދާ ދީނުގެ ތަނބާއި، ނަމާދު ކުރުމަށް ބާރުއެޅުމަށް ގެންދާ ނަމާދު ތަރިއާއި ޤުރުއާން ހަތިމްކުރުމާއި ހިތުދަސްކުރުމަށް ބާރުއަޅައިދޭ ރަންތާޖާއި ރޯދަމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ އަޅުކަމުގެ ކަންތައްތަކެވެ. މިއިން ކޮންމެ ކަމެއްގައި ހިމެނޭ ބައިތައް ފުރިހަމަ ކުރިކަން ބެލެނިވެރިޔާ ކަށަވަރުކޮށް ސޮއިކުރަން ޖެހެއެވެ.

ނަމޫނާ ދަރިވަރު ޕްރޮގްރާމުގައި ވަނީ ދަރިވަރުން ޙާޞިލްކުރަން ޖެހޭ ކަންތައްތަކުގެ މުޤައްރަރެއް ވެސް އެކުލަވާލާފައެވެ. އެކި އުމުރު ފުރައަށް ކަނޑައަޅާފައިވާ މި މުޤައްރަރުގައިވާ ގޮތުން، ގުރޭޑް 10 ނިންމާ ކޮންމެ ދަރިވަރަކު އައްމާ ފޮތް ހިތުން ދަސްކުރެވިފައި ހުންނަން ޖެހެއެވެ.

މާޅޮހު ސްކޫލު ޕްރިންސިޕަލް އަބްދުﷲ ޒުބައިރު ވިދާޅުވީ އެ ޕްރޮގްރާމް ނިންމާ ކޮންމެ ދަރިވަރަކު، ޤުރުއާން ހަތިމް ކުރުމާއި ފަރުޟު ނަމާދާއި ސުއްނަތް ނަމާދާއި ދުޢާތަކާއި ވުޟޫކުރުން ފަދަ އެންމެހައި ކަންތައްތައް އެނގި އެކަންތައް ޤަވާއިދުން ކުރަން ބާރުއަޅާނެ ކަމަށެވެ.

" ދީނީ ކަންކަމަށް ލޯބިކުރާ އަދި ދީނީ ކަންކަމަށް ފަރުވާތެރިވެ އަޚްލާގު ރަނގަޅު ކުދިބަޔަކު ނެރުން އަޅުގަނޑުމެންގެ ބޭނުމަކީ" ޒުބައިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަމޫނާ ދަރިވަރު ފްރޮގްރާމަށް ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލެއް ލިބޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *