އައްޑޫ ސިޓީ ހިތަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަރަކާތްތައް، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރަންޔޫބީލް ދުވުމުން ފަށަން އެ ސްކޫލުން ތައްޔާރުވާން ފަށައިފިއެވެ. ހިތަދޫ ސްކޫލަށް 50 އަހަރު ފުރޭނީ އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި ދުވުމުގައި ރަންޔޫބީލް ލޯގޯ އިފްތިތާޙު ކުރާނެ ކަމަށް އެ ސްކޫލުން ބުނެއެވެ. ރަން ޔޫބީލް ލޯގޯ ހޮވަނީ، އެ ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި މުބާރާތެއްގެ ތެރެއިންނެވެ.
ރަންޔޫބީލްގެ ހަރަކާތްތައް "ޖީލުތައް ބިނާކުރުމުގައި 50 އަހަރު" ގެ ނަމުގައި ކުރިއަށް ގެންދަނީ އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ، ދަރިވަރު ނޫހަށް ވިދާޅުވީ، އަންނަ މާޗް މަހުގެ ތެރޭގައި ބާއްވާ ރަންޔޫބީލް ޖަލްސާއާ ހަމައަށް ރަންޔޫބީލް ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެ ހަރަކާތްތައް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި 50 އަހަރުގެ ޚިދުމަތުގެ ވާހަކަތައް ހިމަނައިގެން ނެރޭ ރަންޔޫބީލް މަޖައްލާ ވެސް ހިމޭނޭ ކަމަށެވެ.
ރަންޔޫބީލް ދުވުމުގައި ބޭނުންކުރާ ބިޕެއް 100 ރުފިޔާއަށް ދަނީ ވިއްކަމުންނެވެ.
ޑރ. އާސިޔަތު ވިދާޅުވި ގޮތުގައި، ރަންޔޫބީލް ދުވުން ކުރިއަށް ގެންދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އެއް ކިލޯމީޓަރާއި ތިން ކިލޯމީޓަރުގެ އިތުރުން ފަސް ކިލޯމީޓަރެވެ. މިއިން ކޮންމެ ކެޓަގަރީއަކުން ދުވުން ފުރިހަަމަ ކުރާ ފަރާތަަކަށް މެޑަލް ދޭނެއެވެ. އުއްމީދަކީ ރަންޔޫބީލް ހަރަކާތްތައް ފަށަން ބާއްވާ ދުވުމުގައި މަދުވެގެން ހާހެއްހާ މީހުން ބައިވެރިވުން ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
" އެންމެ ފަހުން ބޭއްވި އަހަރީ ދުވުމުގައި ޓާގެޓަކަށް ކަނޑައެޅީ 600 މީހުން. މި ފަހަރު ޓާގެޓް ކުރަނީ ހާހެއްހާ މީހުންނަށް" ޑރ. އާސިޔަތު ވިދާޅުވިއެވެ.
ރަންޔޫބީލް ދުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އާސިޔަތު ވަނީ އެދިވަޑައިގެންފައެވެ. ޚާއްޞަކޮށް އެ ސްކޫލުގެ އިސްދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވުން ވަރަށް މުހިންމު ކަމަށް ޑރ. އާސިޔަތު ވިދާޅުވިއެވެ.
advertisment
ހިޔާލު