ޤުރުޢާން ހިތުދަސްކުރި އަލް ހާފިޒު އަލީ ރައީފަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ތޮއްޑޫ ކައުންސިލުން ދީފިއެވެ. މިއީ މިހާރު އިންތިޚާބުވެފައިވާ ތޮއްޑޫ ކައުންސިލަރުންގެ ދައުރުގައި ޤުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް ދިނުމަށް ނިންމާފައިވާ ފައިސާގެ އިނާމެކެވެ. ފައިސާގެ މި އިނާމުގެ ތެރޭގައި ހިމެނެނީ އެ ރަށު ކައުންސިލުގެ ފައިނޭޝަނަލް ޕްލޭނިން ތެރޭގައި ހިމަނައިގެން ދޭ 25،000 ރުފިޔާ އާއި ކައުންސިލުގެ ރައީސް އަޙްމަދު ކަރަމް ދޭ 25،000 ރުފިޔާއެވެ.
50،000 ރުފިޔާގެ ފައިސާގެ އިނާމް ހާފިޒު އަލީ ރައީފަށް ހަވާލުކޮށް ދެއްވީ އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތޮއްޑޫ ކައުންސިލުގެ ރައީސް އަޙްމަދު ކަރަމްއެވެ.

ދަރިވަރު ނޫހަށް ކަރަމް ވިދާޅުވީ، މިހާރުގެ ކައުންސިލަރުން އިންތިޚާބު ވިތާ ތިން އަހަރުވިއިރު، ޤުރުއާން ހިތުދަސްކުރީ ރައީފު އަކަނި ކަމަށާއި ޤުރުއާން ހިދުދަސްކުރާ ކޮންމެ މީހަކަށް ވެސް އެ އިނާމް ދޭނެ ކަމަށެވެ. އަދި އަދި އެ ރަށުގެ ދަރިވަރުންނަށް ހިފުޒުކޮށް ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޤުރުއާން މުދައްރިސުންނަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އެކަމުގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ވެސް ކަރަމް ވިދާޅުވިއެވެ.
އޯޓިޒަމް ހުންނަ ރައީފު، ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަން ފެށީ އުމުރުން 12 އަހަރުގައެވެ. ޤުރުއާން ހިތުދަސްކޮށް ނިންމީ ނުވަ އަހަރުގެ މަސައްކަތުންނެވެ. އެމްއައިޓީޑީސީގައި މިހާރު ވަޒީފާ އަދާކުރަމުންދާ ރައީފަށް ކީރިތި ޤްރުއާން ހިތުދަސްކުރީ ޤުރުއާނާ ބެހޭ މަރުކަޒުން ހިންގި 500 ހާފިޒުން ޕްރޮގްރާމުގައި ބައިވެރިވެގެންނެވެ.
ރަޢީފް، ކީރިތި ޤުރްއާން ޙިފްޒް ކުރުމުގައި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒްގެ އުސްތާޒުންގެ ހިތްހެޔޮ ކަމާއި، އޯގާތެރި ކަމާއެކު ވެ ދެއްވި އަގުވަޒަން ނުކުރެވޭވަރުގެ އެހީތެރިކަމަށް ރަޢީފް އާއި ޢާއިލާ ގެ ފަރާތުން ޝުކުރު އަދާކުރެއެވެ.
advertisment
ހިޔާލު