ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ އަހަރީ ދުވަހުގެ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދަން އެ ސްކޫލުން ބާއްވާ " މެގަބައިޓްސް" ފެއަރ މި ފަހަރު ޚާއްޞަ ކުރަނީ ދުނިޔޭގެ ތަފާތު ބައްރު ތަކަށެވެ.
މި ފެއަރ ބާއްވަނީ އެ ސްކޫލުގެ ހަތަރު ހައުސްގެ މެދުގައެވެ. ކޮންމެ ހައުސެއްގެ ސްޓޯލްތަކުން ދުނިޔޭގެ އެކި ބައްރުތަކަށް ޚާއްޞަ ކުޅިވަރުތައް ކުޅުމާއި ކެއުންތައް ލިބެން ހުންނާނެއެވެ.
ހައުސްތަކުން ހުށަހަޅައިދޭ ބައްރުތައް:
އަސްރަފީ: ޔޫރަޕް
ޔާގޫތް: މިޑަލް އީސްޓަން
ފީރޯޒް: ލެޓިން އެމެރިކާ
ރަންމުއި: އޭޝިޔާ
އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި ފަށާ މި ފެއަރ އެރޭ 10:00އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
ސީއެޗްއެސްއީން ބުނީ، މިއީ މީގެ އެތަކެއް އަހަރެއް ކުރިން ފެށިގެން އެ ސްކޫލުގައި ބާއްވަމުންދާ ފެއާއެއް ކަމަށާއި މި ފަހަރުގެ ފެއަރގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި، ބިރުވެރި ހޮހޮޅައާއި އެފްސީ 24 ގެ އިތުރުން އެ ސްކޫލުގެ ބޭންޑްގެ ހަރަކާތްތައް ހިމެނޭނެ ކަމަށެވެ. އަދި މުޅިން އަލަށް ތައާރަފު ކުރާ ބޮޑު ބެރު ގުރޫޕުގެ ފޯރިގަދަ ހުށައެޅުންތަކެއް ވެސް ފެނިގެން ދާނެ ކަމަށެވެ.
މި ފެއަރއަށް ވަނުމުގެ ފީ އަކީ 20 ރުފިޔާއެވެ.
advertisment
ހިޔާލު