ޕީޖީ ޝަމީން ވިދާޅުވަނީ، ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ، މާޙައުލު ބަދަލުކުރުން ކަމަށް

ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ، ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާޙައުލު ބަދަލުކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ބޮލޮގްގައި ޕީޖީ ޝަމީމް ވަނީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އަދި ޙައްލެއް ހޯދިފައިނުވާ މައްސަލައަށް ތަފުޞީލު ގޮތެއްގައި ލިޔުއްވާފައެވެ.

ޝަމީން ލިޔުއްވާފައިވާ ގޮތުގައި، ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އަދި ޙައްލެއް ހޯދިފައިނުވާ މައްސަލައެކެވެ. ޤާނޫނު އޮތް ނަމަވެސް ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށް ވެސް އަދިއެއް ނުދެވެއެވެ.

" ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތަކާ ތަފާތެވެ. ކުޑަކުދިން ކުށްކުރަނީ ކުށެއް ކުރަންވެގެނެއް ނޫނެވެ. 9 އަހަރުގެ ކުއްޖަކު، ހެނދުނު ހޭލައިގެން މިއަދު ކުށެއް ކޮށްލާނަމޭ ހިތަށް އަރާނެކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ޤަބޫލުކޮށްފާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ދިވެހިރާއްޖޭގައި ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއް ހެދިފައެއް ނެތެވެ. ސަރުކާރުގެ އިދާރާތަކުން ދެކޭ ގޮތުގައި، ކުށްކުރުމާ ގާތަށް ދެވިދާނެކަމަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އެބަ އުޅެއެވެ. ރާއްޖޭގެ ކުށްކުރާ މީހުންގެ އާބާދީއަކީ 1500 އާއި 2000 އާ ދެމެދުކަމަށް ބަލައިގެން ހިސާބު ޖަހައިފިނަމަ، މިދެންނެވި 200 ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، މިއީ ޤައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ސުވާލަކީ، މިމައްސަލަ ޙައްލުކުރާނެ ގޮތާ ބެހޭ ސުވާލެކެވެ." ޝަމީން ލިޔުއްވާފައިވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ، ފުލުހުންގެ ތަޙްޤީޤީ ދާއިރާއާއި ސަރުކާރުގެ ބައެއް މީހުން ދެކެނީ، ޙައްލަކީ، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު މިހާރު އޮތް 15 އަހަރުން، 12 އަހަރަށް، ނުވަތަ 10 އަހަރަށް ހަގު ކުރުން ކަމަށެވެ. އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާކުރެވޭގޮތް ހަދައި ޖިނާއީ ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖްތިމާޢީ މައްސަލަތަކަށް އޮތް ޙައްލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.

" ޖަލުގެ އާބާދީގެ 70% އަށްވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. ޖިނާއީ ދަޢުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ޙައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނުއޮތީހެވެ."

މީހުން ޖަލުގައި ބަންދުކުރުމުގެ ފަލްސަފާ ނިޔާކުރަނީ، ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުން ކަމަށްވީ ނަމަވެސް، އެފަދަ ފުރިހަމަ ޚިދުމަތެއް އަދި ދިވެހިރާއްޖެއަކު ނުދެވެއެވެ. ހޮސްޕިޓަލަށް މީހުން ދަނީ ފަރުވާ ހޯދާށެވެ. ބަލިން ރައްކާތެރިވާން ކުރަންޖެހޭ ކަންކަން ކުރުމަކީ ހޮސްޕިޓަލެއް ހޮސްޕިޓަލަކަށްވާ އެއް ސަބަބެވެ. ނަމަވެސް، އެތަނުންވެސް އިތުރު ބަލި ޖެހޭކަން ތަފާސް ހިސާބުން ފެންނަން އޮތީ މާ ސާފުކޮށެވެ. ވީމާ، އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހައި ރައްކާތެރިކަމެއް ކަމަކަށް ނުފެންނަކަން ބަޔާން ކުރައްވައި އެއީ ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

" ކުށްކުރާ ކުދިންނާއި، ކުށަށް ހުށަހެޅިފައިވާ ކުދިންނަށް (އެއީ އެކުދިންގެ ޢުމުރުން އަދި 15 އަހަރު ނުވިޔަސް) ފިޔަވަޅު އަޅައި، ފަރުވާދެވޭނެ ނިޒާމުތައް ޤާނޫނުގައި މިހާރުވެސް ލިޔެފައި އެބައޮތެވެ. ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ނެތީއެއް ނޫނެވެ. ބެލެނިވެރިންނަށް ހިންގާ ޕްރޮގްރާމްތައް ލާޒިމުކުރެވޭނެ ގޮތަކާއި، އިދާރާތަކުގެ ދައުރު މިހާރަށްވުރެ ސާފުވާނޭ ގޮތެއް އޮތުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް، މިހާރު ޤާނޫނު އޮތް ގޮތުން އެއްވެސް ކަމެއް ނުވެގެން އުޅެންޖެހޭކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. ކަންކަންކުރާނެ، ކުރެވޭނެ ގޮތް ހޯދޭނެއެވެ"

ކުދިން އިޞްލާޙުކުރުމަށްޓަކައި، މާޙައުލު ބަދަލުކުރުން

ޝަމީމް ލިޔުއްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާޙައުލުން އެކަމަށް ހިތްވަރު ލިބޭތީއެވެ. ކުށަށް ހިތްވަރުލިބޭ މާޙައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ. ވީމާ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާޙައުލު ބަދަލުކުރެވޭތޯ ބެލުމެވެ.

އެ ކަން ކުރުމުގެ ބާރު، ޤާނޫނު ތަންފީޒުކުރާ މީހުންނަށް އެބައޮތް ކަމަށާއި ނަމަވެސް، މާޙައުލު ބަދަލުކުރުމާއި، އެބަދަލާއެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ ސްވިޗަކަށް ފިތާލުން ކަހަލަ ކަމެއް ނޫން ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.

" ވަގުތަކުން ނަތީޖާއެއް ނުފެންނާނެއެވެ. ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެއެވެ. ދައުލަތުގެ ވަޞީލަތްތައްވެސް އެކަމަށް ހޭދަކޮށްގެން، އެކުއްޖާއާއި އެކުއްޖާގެ ވަށައިގެންވާ މާޙައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންޖެހެއެވެ. އެކުއްޖާގެ މައިންބަފައިންގެ ވަޒީފާއެއް ނެތްނަމަ، ވަޒީފާއެއް ހޯދައިދޭންވީއެވެ. ތަޢުލީމީ ދާއިރާއިން އެ ކުދިންނަށް އިތުރު ޚާއްޞަ ފުރުޞަތުތައްވެސް ލިބޭނޭގޮތް ހަދަންވީއެވެ. ޔުނިވަރސިޓީތަކާއި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރިކޮށް، ނުރަނގަޅު ރަޙްމަތްތެރިންނާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުކުރެވޭތޯ ބަލަންވީއެވެ. އެއާއެކު، އެ ކުއްޖާއާ އެއްކޮށް އުޅޭ އެހެން ކުދިންވެސް، މަޑުމަޑުން މި ޕްރޮގްރާމްތަކުގައި ބައިވެރިކުރަންވީއެވެ. އެ ކުއްޖާގެ ވަށައިގެންވާ މާޙައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންވީއެވެ."

ޝަމީން ފާހަގަކުރެއްވި ގޮތުގައި، އެއީ ކުޑަނޫން މަސައްކަތެއް ނޫން ކަމަށާއި އަޅުގަނޑުމެންގެ އަމިއްލަ ދަރިން ތަރުބިއްޔަތުކުރުމަށް ކެތްތެރިކަން ބޭނުންވާ ފަދައިން، އެ ކުދިން އިޞްލާޙުކުރުމަށް ވެސް ކެތްތެރިކަން ބޭނުންވާނެއެވެ.

ބައެއް ފަހަރު މި ޢާއިލާތަކަށް ބޭނުންވަނީ މަގު ދައްކައިދީ، ކަންކަމާ މަޝްވަރާކޮށް ހަދާނެ ރަނގަޅު، ހަރުދަނާ މެންޓަރެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވެފައި ވަނީ، އިސްރަށްވެހިންގެ ކުލަބުގައި މިކަމަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ބައިވަރު މީހުން ތިބޭނެކަން ކަށަވަރު ކަމަށާއި މިހުރިހާ މަސައްކަތަކުން އެންމެ ކުއްޖަކާއި އެކުއްޖާގެ ޢާއިލާ އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެނެވުނަސް، މިކަމަށްކުރި ޚަރަދުގެ އަގު ލިބުނީ ކަމަށެވެ. މާޙައުލު ބަދަލުކުރުމަށްކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ޚަރަދަށްވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއްކަމަށް ވެސް ޝަމީމްގެ ބޮލޮގްގައި ލިޔުއްވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *