ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ދަރިވަރުން ލެޓިއުސް ހައްދަން ފަށައިފިއެވެ.
އެ މަދަރުސާގައި ފެނުގައި ގަސް އިންދާ ނިޒާމެއް ޤާއިމް ކުރީ ހުސްވި މާރޗް މަހުގެ ތެރޭގައެވެ. މި ނިޒާމް ޤާއިމްކޮށް ލެޓިއުސް ހައްދަން ފުރަތަމަ ދަސްކުރީ އެ ސްކޫލުގެ އިސް ބައެއް މުދައްރިސުންނެވެ. އެ މަސައްކަތުގެ ޓެކްނިކަލް އެހީތެރިކަން ހާއްސަ ޓީމަށް ދިނީ ވެލްނަސް މެޓާރސްގެ ފަރާތުން، ކޯޗް ފާރިޝް އެވެ.

މުދައްރިސުން ހެއްދި ލެޓިއުސްއާއެކު ލެޓިއުސް ފަރމް ހުޅުވީ ތިމާވެށި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިންނެވެ.

ލެޓިއުސް ފަރމުން ކޮންމެ ބުރެއްގައި 138 ގަސް ހައްދައެވެ. ފުރަތަމަ ހެއްދި ލެޓިއުސް ވިއްކައިގެން 4000 ރުފިޔާ ލިބުނު ކަމަށް ހއ. އަތޮޅު މަދަރުސާއިން ބުންޏެވެ. ދެވަނަ ބުރުގައި ލެޓިއުސް ހެއްދުމުގައި ބައިވެރިވީ ގުރޭޑް 10ގެ ދަރިވަރުންނެވެ. އެ ދަރިވަރުން ހެއްދި ލެޓިއުސް ވިއްކައިގެން މިހާތަނަށް 3000 ރުފިޔާ ލިބިފައިވެއެވެ.

ހއ. އަތޮޅު މަދަރުސާއިން ބުނީ، ލެޓިއުސް ހައްދަން ބޭނުންވާ ތަކެއްޗާއި އެންމެހާ މަސައްކަތްތަކަށް ޚަރަދު ކޮށްފައި ވަނީ ސްކޫލްގެ ދަރިވަރުންގެ ފަންޑުންނެވެ. ލެޓިއުސް ވިއްކައިގެން ލިބޭ އާމްދަނީ ޖަމާކުރަނީ ވެސް ދަރިވަރުންނަށް ހިންގޭ ތަފާތު ޕްރޮގްރާމްތަކަށް ޚަރަދުކުރަން ދަރިވަރުންގެ ފަންޑަށެވެ. ހއ. އަތޮޅު މަދަރުސާއިން ރާވާފައި ވަނީ ކޮންމެ ބުރެއް ވަކި ގްރޭޑަކަށް ޚާއްޞަކޮށް، އެ ގުރޭޑެއްގެ ދަރިވަރުން ބައިވެރިކޮށްގެން ގަސް އިންދާ ހައްދާށެވެ.

ހއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސައިން ނައީމް ދަރިވަރު ނޫހަށް ވިދާޅުވީ، ކޮންމެ ބުރެއްވެސް ޚާއްޞަ ކުރަނީ ކޮންމެ ވެސް އެއް ގުރޭޑަށް ކަމަށާއި، އޭގެ ބޭނުމަކީ ހުރިހާ ދަރިވަރުންނަށް ވެސް ފެނުގައި ލެޓިއުސް ހެއްދުމުގެ ތަޖުރިބާ ހޯދައިދީ، އެކަމުގެ ތެރޭގައި ބައިވެރިކުރުވުން ކަމަށެވެ.
advertisment
ހިޔާލު