ވިލާ ކޮލެޖުން ސެޕްޓެމްބަރުގައި ފަށާ 150 ކޯހަކަށް ހުޅުވާލައިފި

150އަށް ވުރެ ގިނަ ޕްރޮގްރާމައާއި އެކު ވިލާކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލިމަށް ހުޅުވާލައިފިއެވެ.

އަންނަ ސެޕްޓެމްބަރުގައި ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓަރސް ފެންވަރުގެ 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހަކާއި، ޑިގްރީ ފެންވަރުގެ 45 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯހެވެ.

މިކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ އަދި ޓޭލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމަތައް ހިމެނެއެވެ.

ކޯސްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ވިލާ ކޮލެޖުގައި މިއަދު ބޭއްވުނު ނޫސް ކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން ވިލާ ކޮލެޖުގެ ވައިސްރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވިގޮތުގައި މި އަންނަ އިންޓޭކައި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (ޕްރައިމަރީ،އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، މާރކެޓިންގ،އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ، ހިއުމަން ރިސޯސް، އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް، ސިވިލް އިންޖިނައރިންގ) ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން ، ސައިކޮލޮޖީ، ކައުންސެލިން އަދި ކަލިނަރީ އާރޓްސްގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން މާސްޓަރސް ލެވެލްއަށް ޕްރޮގްރާމްތައް ހިމެނިފައިވާނެއެވެ.

މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އިންޖިނިއަރިންގ ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯރޓްސްމޯތް ޔުނިވާރސީޓީއިން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ. މި ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯރޓްސްމޯތް ޔުނިވާރސީޓީ އަށްގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ބައިވެރިވެވޭނެއެވެ. އަދި ދެއަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ 3 ވަނަ އަހަރުގައި ބައިވެރިވެވޭނެއެވެ.

އަދި މާސްޓަރ އޮފް ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމަކީ މެލޭޝިއާގެ ސައިބަރޖާޔާ ޔުނިވަރސިޓީގެ  ޕްރޮގްރާމެކެވެ.  މާސްކޮމިއުނިކޭޝަން، ކަލިނަރީ މެނޭޖްމަންޓް، އަދި ހޮސްޕިޓަލިޓީ މެނޭޖްމަންޓް ގެ ދާއިރާއިން ހުޅުފާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރާގައި ޓެއިލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމްތައް ހިމެނިފައިފާ އިރު، ޔުނިވަސިޓީ އޮފް ވެސްޓް އޮފް ދި އިންގްލޭންޑްގެ ޑިގްރީ ފެންވަރާއި މާސްޓަރސް ފެންވަރުގެ ޖުމްލަ 15 ޕްރޮގްރާމް ހިމެނިފައިވެއެވެ.  ޓެއިލަރސް ޔުނިވަރިސިޓީގެ ޕްރޮގްރާމްތަކަކީ ވެސް ދަރިވަރުން ބޭނުންވެއްޖެ ހިނދެއްގަ ޕްރޮގްރާމްގެ ބައެއް ވިލާ ކޮލެޖުގައި ފުރިހަމަ ކުރުމަށް ފަހު ބާކީ ބައި މެލޭޝިއާގެ ޓެއިލަރސް ޔުނިވަރސިޓީގައި ފުރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖަހިފައިވާ ޕްރޮގްރާމް ތަކެކެވެ.

މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގެ ޤައުމީ ސެޓްފިކެޓް 4  ގެ 1 ކޯހަކާއި ސެޓްފިކެޓް 3 ގެ 10 ކޯހަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. ނޭޝަނަލް ސެޓްފިކެޓް 3 ކޯސްތަކުގެ ތެރޭގައި ހައުސްކީޕިންގ، ރިޒަރވޭޝަން އެންޑް ޓިކެޓިންގ، ވޯޓަރ ސްޕޯޓްސް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ލައިފްގާޑިންގ، މެނޭޖްމަންޓް، އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސަސް، ކެޝިއަރިންގ، ޓުއާ ގައިޑިންގ، އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ހިމެނެއެވެ. އަދި ޤައުމީ ސެޓްފިކެޓް 4 ގައި ހިމެނެނީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް އެވެ.

ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިންގ،ޓީޗިންގ، ނާރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއްވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ. ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެ އެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް  ކިޔެވޭނެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ނަޖީބު ވިދާޅުވި ގޮތުގައި ވިލާ ކޮލެޖުގެ އެންމެ ބޮޑު ފޯކަސްއަކީ ވިލާކޮޖުން ހިންގާ ޕްރޮގްރާމަތަކަކީ ފެންވަރުގެ ގޮތުން ދުނިޔޭގެ ރަގަޅު ޔުނިވަރސިޓީތަކުގައިވެސް ހިންގާ ފެންވަރުގެ ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުމާއި އެ ފެންވަރު ދެމެހެއްޓުމެވެ. މިގޮތުން ޑރ. ނަޖީބު އިތުރަށް ވިދާޅުވިގޮތުގައި ތަޢުލީމާއި ސީދާ ގުޅުންހުރި ވަސީލަތްތައް ޤާއިމުކުރުމާއި، ދަރިވަރުންގެ ދުޅަހެޔޮކަމާއި ގުޅޭ ވަސީލަތްތައް ޤާއިމުކުރުމާއި، ކިޔަވައިދެއްވާ ބޭފުޅުންނާއި ކިޔަވައިދެވޭ ކޮންޓެންޓްގެ ފެންވަރު ހިފެހެއްޓުމަކީ ވިލާ ކޮލެޖުން އެންމެ ސަމާލުކަން ދެއްވާ ކަންތައްތަކެވެ.

ވިލާ ކޮލުޖުގެ މާހައުލަކީ ދަރިވަރުން ބޭނުންވާ ފަދަ ކެމްޕްސްލައިފް އެއް ޤާއިމްކުރެވިފައިވަ ތަނަކަށް ހެދުމަށްޓަކައި އެކި އެކި ކުޅިވަރުގެ ވަސީލަތަކާއި، ޖިމްނޭޒިއަމް ފަދަ ތަންތަން މިހާރުވެސް ވަނީ ޤާއިމް ކުރެވިފައެވެ.މ އަދި ކައިރި މުސްތަޤްބަލެއްގައި ވަރޗުއަލް ގޭމިނގް ފަދަ ވަސީލަތްތައް ވެސް ރަގަޅުފެންވަރެއްގައި ޤާއިމް ކުރެވިގެންދާނެއެވެ.  މިއާއި އެކު ދަރިވަރުންބޭނުންވާ ސައިކޯ ސޮޝިއަލް ސަޕޯޓް ދިނުމަށްޓަކައި މެންޓަލް ހެލްޓް ސެންޓަރ އެއްވެސް ވަނީ ޤާއިމުކުރެވިފައެވެ. ވިލާ ކޮލެޖުން ނުކުމެގެން ދާ ދަރިވަރުންނަކީ  ލިބޭ އެކަޑެމިކް ނޮލެޖުގެ އިތުރުން، ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށްޓަކައި އިންޑްސްޓްރީއާއި ގުޅިގެންވެސް ދެމެހެޢްޓެނިވި ގޮތެއްގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ވިލާ ކޮލެޖުވަނީ ، އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވަރސީޓި ތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއު.އެސް ރޭޓިނގްގައި އެކްސެލެންސަށް ރޭޓް ކުރެވި ތިން ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި އެމްޕްލޯޔަބިލިޓީ، އޮންލައި ލާރރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެވެ. ވިލާ ކޮލެޖަކީ ކިއު.އެސް ރޭޓިންގގައި ރޭޓް ކުރެވިފައިވާ ރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *