ތިނަދޫ ސިޓީގެ ތިން ސްކޫލެއްގައި ހުރި ވަޞީލަތްތަކާއި ތަޖުރިބާ އެއް ސްކޫލުން އަނެއް ސްކޫލަށް ޙިއްސާކޮށް، އެހީތެރިކަމާއި އެއްބާރުލުން ދީގެން ކުރިޔަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
" ގުޅިގެން އެއް އަމާޒަކަށް" ނަމުގައި ކުރިއަށް ގެންދިޔަ ބައްދަލުވުން ތަކުގައި މަޝްވަރާ ކުރީ އަބޫބަކުރު ސްކޫލާއި ތިނަދޫ ސްކޫލުގެ އިތުރުން ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. އޭއީސީ) ންނެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ ބައްދަލުވުން ތަކުގައި ބައިވެރިވެވަޑައިގެންނެވީ ޕްރިންސިޕަލުންނާއެކު ކޮންމެ ސްކޫލެއްގެ ވެސް މެނޭޖްމަންޓްގެ އިސް ބޭފުޅުންނެވެ. އަބޫބަކުރު ސްކޫލުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އަޖީބެވެ. ގދ. އޭއީސީން މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ އެ ސްކޫލް ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ލީޑިންގ ޓިޗަރު އަޙްމަދު އަޝްރަފެވެ. ތިނަދޫ ސްކޫލުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ އެ ސްކޫލުގެ ޕްރިންސިޕަލް ޝަޒިއްޔާ އަޙްމަދެވެ.
މި ތިން ސްކޫލުގެ ތެރެއިން އަބޫބަކުރު ސްކޫލާއި ތިނަދޫ ސްކޫލުގައި ކިޔަވައިދެމުން ގެންދަނީ ޕްރީ ސްކޫލު އުމުރުފުރައިން ފެށިގެން ގުރޭޑް 6އާ ހަމައަށެވެ. ގދ. އޭއީސީގައި ކިޔަވައި ދެނީ ގުރޭޑް 7ން 12އަށެވެ.
މި ބައްދަލުވުން އިންތިޒާމު ކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި، އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އަޖީބު ދަރިވަރު ނޫހަށް ވިދާޅުވީ، ތިން ސްކޫލުގެ ވެސް އަމާޒަކީ އެއް އަމާޒެއް ކަމަށާއި ބޭނުމަކީ ތިނަދޫގެ ތަޢުލީމަށް ހެޔޮ ބަދަލެއް ގެންނަން ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށެވެ.

" މިއީ، ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު، އުފާވެރި ބައްދަލުވުމެއް. މުސްތަޤްބަލުގައި މިފަދަ އިތުރު ބައްދަލުވުންތައް ބާއްވައި، ތިނަދޫ ސިޓީގެ ތަޢުލީމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ތިނަދޫގެ ތިން ސްކޫލް ގުޅިގެން ކުރިޔަށް ގެންދިއުމަށް މި ބައްދަލުވުން ތަކުން ނިންމުނު" އަޖީބު ވިދާޅުވިއެވެ.
އަޖީބު ވިދާޅުވީ، އަބޫބަކުރު ސްކޫލާއި ތިނަދޫ ސްކޫލަކީ ޕްރައިމަރީ ސްކޫލަށް ވުމުން އެ ދެ ސްކޫލުން ނިންމާ ދަރިވަރުން ގދ. އޭއީސީއަށް ދާއިރު، ސެކަންޑްރީއަށް ތައްޔާރުކޮށްދޭ ދަރިވަރުންގެ ކިބައިގައި ހުންނަން ޖެހޭ ކަންތައްތައް ފުރިހަމަވެފައި ހުރިތޯ، މައްސަލަތަކެއް ހުރިނަމަ އެއީ ކޮން މައްސަލަތަކެއްތޯ ބަލައި ކުރިއަށް އޮތްތަނުގައި ކުރަން ޖެހޭ ކަންތައްތައް ދެނެގަތުން ވެސް ފެށި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޫލްތަކުގައި ބައިވަރު ރިސޯސަސް އެބަހުރި ކަމަށާއި އެއް ސްކޫލެއްގައި ނެތް ރިސޯސަސްއެއް އަނެއް ސްކޫލުގައި ހުރެދާނެ ކަމަށާއި އެފަދަ ރިސޯސަސްގެ ބޭނުން އެއް ސްކޫލަކުން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށް ދިނުން ވަރަށް މުހިންމު ކަމަށެވެ.
" އެއް ސްކޫލުން އަނެއް ސްކޫލަށް ހިއުމަން ރިސޯސަސްގެ ބޭނުން ވެސް ކުރެވިދާނެ. ޕީޑީ ސެޝަންތައް ކުރިއަށް ގެންދާއިރު ވެސް ވަކިވަކި މާއްދާތަކަށް ފޯކަސްކޮށްގެން ވެސް އެފަދަ ސެޝަންތައް ކުރިއަށް ގެންދެވޭނެ" އަޖީބު ވިދާޅުވިއެވެ.

ތަފާތު އެކްސްޕީރިންސެއް ޓީޗަރުންނަށް ހޯދައި ދޭން އެކްސްޗޭންޖް ޕްރޮގްރާމެއް ހިންގުން ވެސް މުހިންމު ކަމަށް އަޖީބު ފާހަގަ ކުރެއްވިއެވެ.
" ޕްރައިމަރީ ދެ ސްކޫލުގެ ލީޑިންގ ޓީޗަރުންނަށް ނަމަވެސް ގދ. އޭއީސީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމަކީ ތަފާތު އެކްސްޕީރިއަންސެއް ކުރެވި އެ ސްކޫލެއްގައި ހުރި ރަނގަޅު ކަންތައްތައް ފާހަގަކޮށް، ޕްރޮފެޝަނިލިޒަމް އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރުމަށް ކުރެވިދާނެ ކަމެއް. އޭގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި ސްކޫލްތައް ހިންގުމަށް ވެސް ހެޔޮ ބަދަލު އަންނާނެ" އަޖީބު ވިދާޅުވިއެވެ.
އަޖީބު ވިދާޅުވީ، ޚާއްޞަ މުނާސަބަތުތަކާއި ކޯ ކަރިކިއުލަރ ހަރަކާތްތައް ވެސް ތިން ސްކޫލު ބައިވެރިވެގެން ހިންގުމާއި އެ ސްކޫލެއްގައި ނެތް ވަޞީލަތެއް އަނެއް ސްކޫލަށް ފޯރުކޮށް ދިނުން ފަދަ އެތައް ކަމެއް މި މަސައްކަތުގެ ތެރެއިން ފަހިވެގެން ދާނެ ކަމަށެވެ.
އަޖީބު ވިދާޅުވީ ތިން ސްކޫލު ގުޅިގެން ހަރަކާތްތައް ކުރިއަށް ދާނަމަ އެއީ މުޅި ރަށަށް އަންނާނެ ޢީދެއް ކަމަށެވެ. އެކަމުގެ ސަބަބުން އެކުވެރިކަމާއި އެއްބައިވަންތަކަން ވެސް އާލާ ވެގެންދާނެ ކަމަށެވެ. އަދި އެހެންމެ ތިން ސްކޫލެ މެދުގައި އޮތް ބީރައްޓެހިކަން ނައްތާލާ އެއް އަމާޒަކަށް މަސައްކަތް ކުރާ ސްކޫލުތަކެއްކަން، ސްކޫލް ނިންމައި ދަރިވަރުންނަށް އަންގައި ދިނުމަކީ ވެސް މި މަސައްކަތް ކުރިއަށް ގެންދާ އެއް ސަބަބުކަމަށް އަޖީބު ފާހަގަ ކުރެއްވިއެވެ.
މި ތިން ސްކޫލުގެ އާބާދީ 1500 އަށް އަރާފައިވާއިރު، އަބޫބަކުރު ސްކޫލާއި ތިނަދޫ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ މައްސަލައެވެ. ތިނަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެ ސްކޫލަށް ވަނީ 4000 އަަކަ ފޫޓްގެ ބިމެއް އިތުރުކޮށްދީފައެވެ.
advertisment
ހިޔާލު