ޗައިނާ އެމްބެސެޑަރުގެ މާލީ އެހީ އެމްއެންޔޫއާއި އައިޔޫއެމްގެ 15 ދަރިވަރުންނަށް

"ޗައިނީސް އެންބެސެޑަރ ބަރސަރީ" ޕްރޮގްރާމްގެ ދަށުން ފައިސާގެ އެހީ ހޯދުމުގެ ފުރުސަތު އެމްއެންޔޫއާއި އައިޔޫއެމްގެ ދަރިވަރުންނަށް ހުޅުވާލައިފިއެވެ. މި ދެ ޔުނިވަރސިޓީގެ 15 ދަރިވަރުންނަށް މާލީ އެހީ ދޭން ވަނީ ނިންމާފައެވެ.

މި އެހީ އެ ދެ ޔުނިވަރސިޓީގެ ދަރިވަރުންނަށް ދޭ މި އެހީގެ އެއްބަސްވުމުގައި ޗައިނާގެ އެންބަސީން ވަނީ އެމްއޯޔޫގައި ސޮއިކުރައްވައިފިއެވެ.

މިއަދު ހެނދުނު، މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތަށް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި  މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް) ފަރާތުން  މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުއެވެ. ޗައިނީސް އެންބަސީ ގެ ފަރާތުން ސޮއިކުރެއްވީ، އެމްބެސަޑަރ ވަންގ ލީޒިން އެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ(އެމްއެންޔޫ)ގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.

"ޗައިނީސް އެންބެސެޑަރ ބަރސަރީ" ޕްރޮގްރާމަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، ޝަރުތުހަމަވެ، ހޮވޭ 15 ދަރިވަރުންގެ ތެރެއިން ކޮންމެ ދަރިވަރަކަށް 10،000 ރުފިޔާގެ ފައިސާގެ އެހީ ލިބޭނެއެވެ.

"ޗައިނީސް އެންބެސެޑަރ ބަރސަރީ" އަށް ހުށަހެޅުމުގެ ޝަރުތުތައް:

  • މާލީ ދަތިކަމުގެ ސަބަބުން ތަޢުލީމު ހާޞިލުކުރުމަށް ދަތިވުން
  • އޯ ލެވެލް އަދި އޭ ލެވެލްގައި އިސްލާމް އާއި ދިވެހި މާއްދާ ހިމެނޭގޮތަށް 4 މާއްދާއިން ފާސްވެފައިވުން.
  • ޑިޕްލޮމާއިން މަތީގެ ހުރިހާ ސެމިސްޓަރ އެއްގައިވެސް 3.0-3.5 ޖީ.ޕީ.އޭއާއި ދެމުދެގެ ނަތީޖާއެއް ލިބިފައިވުން
  • އައި.ޔޫ.އެމް/އެމް.އެން.ޔޫގައި ކިޔަވަމުންދާ ނުވަތަ ކިޔެވުމަށް ހުށަހަޅާ ދަރިވަރަކަށްވުން
  • އެހެންއެއްވެސް ސްކޮލަރޝިޕެއް ނުވަތަ ކިޔެވުމައްޓަކައި އެއްވެސް މާލީ އެހީއެއް ލިބޭ ދަރިވަރެއް ކަމުގައި ނުވުން.

މި ޕްރޮގްރާމަކީ ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގެ ޒުވާނުންގެ މެދުގައި ޗައިނާގެ މަޢުލޫމާތު މުއްސަނދިކުރުމާއި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ތަޢުލީމު ހާޞިލުކުރުމަށް ދަތިވެފައިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *