ސްޓޫޑެންޓް ލޯން ސްކީމް: ކޮލިފައިވީ 1153، މިހާތަނަށް ލޯނަށް ހޮވުނީ 1050 ދަރިވަރުން

ސްޓޫޑެންޓް ލޯނަށް 1709 ދަރިވަރުން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 1153 ދަރިވަރުން ކޮލިފައިވާ ކަމަށާއި ލޯން ސްކީމަށް މިހާތަނަށް 1015 ދަރިވަރުން ސެލެކްޓް ވެފައިވާ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މި އަހަރު ހުޅުވާލީ 500 ލޯނު ފުރުޞަތަށެވެ. ނަމަވެސް ސަރުކާރުން މިހާރު ނިންމާފައި ވަނީ ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެސް ލޯން ދޭށެވެ.

އެ ވުޒާރާއިން ބުނީ، ސެލެކްޓް ވި ދަރިވަރުންނަށް 13 ޖޫން 2024 ވަނަ ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ " ސްޕޮންސަރ ލެޓަރ" ލިބޭނެ ކަމަށެވެ.

އެ ވުޒާރާއިން ބުނީ، ޕައިލެޓް ލައިސެންސް ސްލޮޓްގެ މިއަދު އިއުލާނު ކުރީ ވަގުތީ ނަތީޖާ ކަމަށާއި އެހެނިހެން ސްލޮޓްތަކުގެ ސެލެކްޓް ވެފައިވާ ދަރިވަރުންގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކޮށްފައިވާ ކަމަށެވެ.

ފާއިތުވެދިޔަ އަހަރު، 500 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވާ ކަމަށާއި މިހާ ގިނަ ފުރުޞަތު، އެއް ދާއިރާއަކުން ކިޔެވުމަށް ދީފައިވުމުގެ ސަބަބުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ކަމާ ބެހޭ އެކިއެކި އިދާރާތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް މި މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް އެ ވުޒާރާއން ބުނެއެވެ.

އެހެންވެ ދަރިވަރުންނަށް ޕްލޭސްމަންޓާއި ވިސާ ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުން ކަމަށާއި އެހާ ގިނަ ދަރިވަރުނަތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފައި ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ލަފާކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންވެ މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނުދޭން ހުޅުވާލީ އެންމެ 10 ފުރުޞަތު ކަމަށް ވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުންޏެވެ.

ރާއްޖޭގެ ފްލައިންގ ސްކޫލްގައި ކިޔެވުމަށް އެ ސްލޮޓަށް ޝަރުތުހަމަވާ 148 އެޕްލިކޭޝަން ލިބިފައިވީނަމަވެސް އިސްވެ ދެންނެވި ކަންކަމާއި ރާއްޖޭގައި ހުރި ޕައިލެޓް ތަމްރީނު ދޭ މަރުކަޒުގެ ކެޕޭސިޓީއަށް ރިޢާޔަތްކޮށް އެ ވުޒާރާއިން ނިންމާފައިވަނީ، ޕައިލެޓް ލައިސެންސައަށް ކިޔެވުމަށް އިޢުލާނުގައި ސްލޮޓް ކަނޑައެޅިފައިވާ އަދަދަށް، މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް އެ ފުރުޞަތުދިނުމަށެވެ. އަދި މި ފުރުޞަތައް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ޝަރުޠު ހަމަވާ އެހެން ހުރިހާ ދަރިވަރުން، މިއަހަރު އިޢުލާންކޮށްފައިވާއި ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިޚްތިޔާރު ދިނުމަށެވެ.

ފައިލެޓް ލައިސެންސްގެ ސްލޮޓަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ނަތީޖާ ލިބެން ހުންނާނީ އެ ވުޒާރާގެ ވެބްސައިޓް https://mohe.gov.mv/  އިންނެވެ. އަދި އެހެނިހެން ސްލޮޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ ލިބެން ހުންނާނީ މި މިނިސްޓްރީގެ "މައި އެޑިޔު ޕޯޓަލް https://myedu.egov.mv/ " އިންނެވެ.

އެ ޕޯޓަލްގައި ނަތީޖާގައި ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބު ބަޔާން ކޮށްފައި ވާނެ ކަމަށާއި، ނަތީޖާ އާއި މެދު ޝަކުވާ ހުށަހެޅުމުގެ މުއްދަތަކީ 11 ޖޫން 2024 އިން 25 ޖޫން 2024 އަށް ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *