ގުރޭޑް 6ން މަތީގެ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ވަގުތީ ހުއްދަ ދެނީ

ގުރޭޑް 6ން މަތީގެ ދަރިވަރުންނަށް އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއި އަދި ކޭތަނަމާދު ކުރުމުގެ ވަގުތީ ހުއްދަ ދެވޭގޮތަށް، ދިވެހިރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރުމަށް ހުއްދަ ދިނުމުގެ އުސޫލު" އެކުލަވާލައި އެ އުޞޫލަށް އަމަލުކުރަން ފަށައިފިއެވެ.

އެ އުޞޫލުގައިވާ ގޮތުން، އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ތެރެއިން ގްރޭޑް 10 ނުވަތަ ގްރޭޑް 11 ނުވަތަ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެއް ނަމަ އެ ދަރިވަރަކަށް އިމާމުވެ ހުކުރު ކުރުމާއި ޢީދު ނަމާދާއި ކޭތަނަމާދު ކުރުމުގެ ދާއިމީ ހުއްދަ ދޭނީ، މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިޙާނަކުން އެންމެ މަދުވެގެން ވެސް 75 އިންސައްތަ މާކްސް ލިބިފައިވުމާއި މިނިސްޓްރީން ކަނޑައަޅާ ޚަޠީބުކަމުގެ ތަމްރީނު ފުރިހަމަކޮށް އެ ތަމްރީނަށް ކަނޑައަޅައިފައިވާ ދިހަ އިންސައްތަ މާކްސް ލިބިގެންނެވެ.

އެ އުޞޫލުގައި ބަޔާން ކޮށްފައިވާ ގޮތުން ގުރޭޑް 12 ގައި ކިޔަވާ ކުދިންގެ ތެރެއިން އުމުރުން 18 އަހަރު ފުރިފައިވާ ކުދިންނަށް ހުއްދަ ދިނުމުގައި ބަލާނީ އިމާމުވެ ހުކުރު ކުރުމަށް ހުއްދަ ދިނުމަށް ބަލާ އާންމު މިންގަނޑާ އެއްގޮތަށެވެ. އެ މިންގަނޑުގައިވާ ގޮތުން ސާނަވީ އިމްތިޙާނަކުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން އިސްލާމާއި ދިވެހި މި ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އިމާމުކަމުގެ ދާއިރާއިން ދަށްވެގެން އެމްކިޔުއޭގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނޫނީ މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިޙާނުން އެންމެ މަދުވެގެން ވެސް 85 އިންސައްތަ މާކްސް ލިބިގެންނެވެ.

ގްރޭޑް 6ން ފެށިގެން މަތީ ގްރޭޑުތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރްއާން ކިޔަވަން ދަންނަ އަދި ނަމާދުގެ ޙުކުމްތައް އެނގޭ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ބޭނުމުގައި ވަގުތީ ހުއްދައެއް ދޫކުރެވިދާނެ ކަމަށް އަމަލުކުރަން ފެށި އުޞޫލުގައި ބުނެފައިވެއެވެ. އެގޮތުން ހުއްދަ ދެނީ، އިމާމުވެ ހުކުރު ނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރެވޭ ފެންވަރަށް ތަކެތި ދަންނަ މީހެއްކަމަށް ކައުންސިލުން ނުވަތަ މި އުސޫލުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތަކުން ކައުންސިލަށް ކަށަވަރުކޮށްދީފައިވާ ނަމައެވެ.

ހުއްދައަށް އެދޭއިރު، 18 އަހަރު ނުވާ ކުއްޖެއްނަމަ އެ ކުއްޖެއްގެ ޝަރުޢީ ބެލެނިވެރިޔާ ނުވަތަ ޤާނޫނީ ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. އަދި ސްކޫލު / މަދަރުސާގައި ކިޔަވާ ދަރިވަރެއް ނަމަ ކިޔަވަމުންދާކަން އަންގައިދޭ ލިޔުމެއް ވެސް ހުށަހަޅަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *