ގިނަ އަދަދެއްގެ ވަޒީފާގެ ޔަޤީންކަން ދެމުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޖޮބް ފެސްޓިވަލް މިއަދު ފަށައިފިއެވެ. މާލޭގެ އިތުރުން، އަތޮޅުތެރޭގައި ހުރި އެ ޔުނިވަރސިޓީގެ ހުރިހާ ކެމްޕަހެއްގައި ވެސް މި ފެސްޓިވަލް ކުރިއަށް ގެންދެއެވެ.

މާލޭގައި ހުންނަ އެމްއެންޔޫގެ މެއިން ކެމްޕަހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޖޮބް ފެސްޓިވަލް ފައްޓަވައިދެއްވީ ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

މި ފެސްޓިވަލް މާދަމާ ރެއާ ހަމައަށް ކުރިއަށް ގެންދާނެއެވެ. ފެސްޓިވަލް ހުޅުވާފައި ހުންނާނީ 16:00 ން 18:00 އަދި 20:00 ން 22:00 އަށެވެ.
އެމްއެންޔޫގެ ޖޮބް ފެސްޓިވަލުގައި ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތައް ހިމެނޭހެން 75 ފަރާތަކުން ބައިވެރިވެއެވެ. އެ ފަރާތަކުން 300 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު މި ފެސްޓިވަލުގެ ތެރެއިން ފަހިވެގެންދާނެއެވެ.

މި ފަހަރުގެ ޖޮބް ފެސްޓިވަލުގައި ޤާނޫނީ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ފެސްޓިވަލުގެ ތެރެއިން ހިލޭ ޤާނޫނީ ލަފާ ދެއެވެ. އަދި ކެރިއަރއެއް އިޚްތިޔާރު ކުރުމުގައި އެހީ ބޭނުންވާ ފަރާތްތަކަށް ކެރިއަރގައިޑެންސްގެ ޚިދުމަތް ވެސް ފޯރުކޮށް ދެއެވެ.

އެމްއެންޔޫގެ ކެމްޕަސްތަކުގެ ތެރެއިން ޖޮބް ފެސްޓިވަލް ފުރަތަމަ ފެށީ ކުޅުދުއްފުށީ ކެމްޕަހުންނެވެ. މި މަހުގެ އަށް ވަނަ ދުވަހު ފެށި ފެސްޓިވަލް އެ ކެމްޕަހުން ކުރިއަށް ގެންދިޔައީ މި ރެއާ ހަމައަށެވެ.
އެހެން އަރުތަކާ ޚިލާފަށް މި އަހަރު، ހުރިހާ ކެމްޕަސްތަކުން ވެސް މި ފެސްޓިވަލަށް ތައްޔާރުވިއެވެ. އަދި ބައިވެރިވި ފަރާތްތައް ވެސް ގިނައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ޖޮބް ފެސްޓިވަލަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ. އެމްއެންޔޫ ފަހި ފުރުޞަތު / އެމް.އެން.ޔޫ ޖޮބްފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ވަނީ ހުޅުވާލާފައެވެ. މި ފެސްޓިވަލުގެ މަޤްޞާދަކީ، ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުން ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމާއި ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން ވެސް މި މަޤްޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.
advertisment
ހިޔާލު