ފަނޑިޔާރު މަހާޒު ކުރެއްސެވި ގުރާފް: މަތީ ތަޢުލީމަށް ލޯބިކުރާ މީހުންގެ އަދަދު މައްޗަށް، އަޚްލާޤު ދަނީ ދަށަށް

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މި އަހަރު ކުރިއަށް ގެންދިޔައީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. ދަސްވެނިވުމުގެ ފަހުގެ ދަންފަޅި ކުރިއަށް ގެންދިޔައީ ރޭގައެވެ. އެ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރެވެ.

ދަސްވެނިންނާ މުޙާޠަބުކުރައްވައި މަހާޒު ވިދާޅުވި ގޮތުގައި، ފާއިތުވި ހަތަރު އަހަރުގެ ތަފާސް ހިސާބުގެ ނަންބަރުތަކަށް އަޅިގަނޑުމެން ވިސްނާލައިފި ކަމުގައި ވާނަމަ ހިތަށް ވެރިވާނެ އެއްކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި މަތީ ތައުލީމަށް ލޯބިކުރާ ބޭފުޅުން އިތުރުވެގެންދާ ކަމެވެ. މަތީ ތައުލީމަށް އަހައްމިއްޔަތުކަމެއް އަޅުގަނޑުމެންގެ ތެރޭގައި އޮތް ކަމެވެ.

" މި ވިސްނުމުގެ މައްޗަށް ދެން ތަރުތީބުވެގެން މި އަންނަ ކަމަކީ، އެހެން ވެއްޖެކަމުގައި ވާނަމަ މި މުޖްތަމައުގެ އަޚްލާޤީ ފޭރާން ރަނގަޅުވާން ވާނެއޭ. މި މުޖްތަމައު ހޭލުންތެރިވާން ވާނެއޭ. ކަން އޮތީ އެހެންތޯ"

މުޖްތަމައުގައި ކަންތައްތައް ހިންގަމުން އަންނަ ގޮތް ސާފުކޮށް ދެއްވުމުގެ ގޮތުން މަހާޒު ދެން ގެންނެވީ މިސާލު ތަކެކެވެ. އެ މިސާލުތަކުން މުޖްތަމައުގެ އަދުގެ ހާލަތު ވަރަށް ރީތިކޮށް ކުރުކޮށް ތިލަކޮށް ދެއްވިއެވެ.

" މިސްކިތްތަކުގައި ދޮރުފަތްތަކެއް ނެތް ނަމަ، އަޅުގަނޑުމެން ނަމާދަށް ސައިކަލުގައި ގޮސް ޕާކު ކުރީހީ މިހުރާބާއި މިމްބަރާ ދެމެދުގައި. ސައިލުގައި ގޮސް ފިހާރާތަކަށް ވަދެވޭ ނަމަ، ސައިކަލް ޕާކު ކުރާނީ ސޭޓާއި ކައުންޓަރާ ދެމެދުގައި" އެފަދަ އެތައް މިސާލެއް ދެއްކެވިދާނެ ކަމަށް އިޝާރާތް ކުރައްވައި މަހާޒު ގެނެސްދެއްވި މިސާލުތަކުން ސިފަކޮށްދެނީ ތޮއްޖެހިފައިވާ މާލޭގައި ޕާކް ކުރުމުގެ ހާލަތާއި އަޅުގަނޑުމެންގެ އަޚްލާޤު ހުރި ގޮތާއި ވިސްނާ ގޮތެވެ.

މަހާޒު ވިދާޅުވީ، އަޅުގަނޑުމެން ބަސްބުނުމުގެ ތެރޭގައި، އަޅުގަނޑުމެން ބުނާ ބަހަކުން އަނެކާގެ ހިތަށް ކުރަނީ ކޮން އަސަރެއްތޯ ނުބަލާ ކަމަށެވެ. އެހެން މީހެއްގެ ގަޔަށް ވަޅިހަރައިފިއޭ ބުނީމާ، އެއީ ދިވެއްސަކަށް ނުވި ނަމަވެސް އިންސާނީ ޠަބީއަތް ނިޔާކުރާގޮތުން އަޅުގަނޑުމެންގެ ހިތަށް އަސަރުކުރާ ކަމަށެވެ.

" އެކަމަކު ރެއާއި ދުވާލު އަނެކާގެ އަބުރަށް އަރައިގަނެވޭއިރު އަޅުގަނޑުމެންނަށް މި އިހުސާސް ކުރެވޭތޯ. އަނެކާގެ ހިތުގައި އެ އެޅޭ ވޭން، އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭތޯ. ކިހާދުވަހަށް އެ ލަކުނުތައް ހިތުގައި ހުންނާނެ ކަމަށް އަޅުގަނޑުމެން ވިސްނަމުތޯ" މަހާޒު ވިދާޅުވިއެވެ.

ތަފާސް ހިސާބާއި މުޖްތަމައުގެ ހާލަތާ އެކީގައި އަޅުގަނޑުމެން ގުރާފެއް ކުރަހާ ނަމަ، މަތީ ތަޢުލީމް ނިންމާ ދަރިވަރުންގެ އަދަދު މައްޗަށްދާ ތަން ފެންނާނެ ކަމަށާއި، އެހެން ނަމަވެސް އެންމެންނަށް ހިތުގެ އަޑިން އިއްތިފާގު ވެވޭ، މި ގުރާފުގައި އަޅުގަނޑުމެންގެ އަޚްލާގީ މިންގަނޑު ހިމަނައިފި ކަމުގައި ވަނީނަމަ އޭގެ ރޮނގު މި އަންނަނީ މަތިން ތިރިއަށްކަން މަހާޒު ފާހަގަ ކުރެއްވިއެވެ. " ސީދާ އޮލަބަކަށޭ އަޅުގަނޑު ނުދަންނަވާނަން. އިއްތިފާގު ވެވޭ ކަމަކީ އަޚުލާގު މި ލައިން އަންނަނި ތިރިއަށްކަން"

މަހާޒު ވިދާޅުވީ، އަޅުގަނޑުމެންގެ ޒިންމާ އުފެދެނީ މި ހިސާބުން ކަމަށާއި ތައުލީމު ހާޞިލުކޮށްގެން މުޖްތަމަޢަށް ނުކުންނައިރު އަޅުގަނޑުމެންގެ ކިބައިން މުޖްތަމަޢު އުއްމީދުކުރާ ކަންތައްތަކެއް ހުންނަ ކަމަށާއި އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް ވަކިގޮތަކަށް ހުންނަން ޖެހޭނެ ކަމަށް މުޖްތަމަޢު ޤަބޫލުކުރާ ކަމަށެވެ.

މަހާޒު ދެން ދެއްވީ ދަސްވެނިންނަށް ނަސޭހަތެކެވެ.

" މުޖްތަމައުގެ ތެރޭގައި މިންގަނޑެއް ގެންގުޅުއްވާ ގޮތެއް ހުންނަ އަޚްލާޤެއްގެ ވެރި ބަޔަކަށް ވާށޭ. ތިމާއަށް ޙައްޤެއް ލިބޭ ކަމަށް ވާނަމަ އެ ޙައްޤާ ގުޅިގެން ވާޖިބެއް އުފަންވާކަން ހަނދުމަފުޅު ބަހައްޓާށޭ. ބަސް ބުނުމުގެ ކުރިން އެ ބަސް މި ބުނަނީ ކޮން ފަރާތަކަށް، ކޮން ވަގުތެއްގައި ކިހިނެއް ވެގެންކަން، އެ ބަސް ބުނުމުގެ ސަބަބުން އަނެކާއަށް ކުރާނީ ކޮން އަސަރެއްކަން، ތިމާއަށް ލިބޭނީ ކޮން ގެއްލުމެއްކަން، މި ބަސް ނުބުނެ ފަރުޖެހެން އޮތްތޯ އަޅުގަނޑުމެން ވިސްނައި ފިކުރުކުރަން ޖެހޭ" މަހާޒު ވިދާޅުވިއެވެ.
" މުޖްތަމައަށް އަންނަ ބަދަލު އުފެދިގެން މިއަންނަނީ ތިމާ މީހާގެ އަމިއްލަ ނަފުސަށް ގެންނަ ބަދަލަކުން"

އިރުއަރާ ކޮންމެ ދުވަހަކީ އަމިއްލަ ނަފުސު ތަރައްޤީ ކުރުމަށް މަސައްކަތް ކުރާ ދުވަހަށް ހަދަން މަހާޒު ވަނީ ހުރިހާ ދަސްވެނީންގެ ކިބައިން އެދިވަޑައިގެންފައެވެ. ތަޢުލީމު ޙާސިލުކުރުމުގައި ދިވެހި ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ދިވެހި އުފެއްދުންތެރި ލިޔުން ނެތުމުގެ ކަންބޮޑުވުން ކަމަށާއި މިއަދު ދަސްވެނިވާ ދަރިވަރުންނަކީ ލިޔުންތެރިކަމުގައި އުފެއްދުންތެރި ބަޔަކަށްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *