ހުރަވީ ސްކޫލް ނަލަކޮށް ފެހިކުރުމަށް ދަރިވަރުން ޒިންމާދާރު ކުރުވަނީ

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ހުރަވީ ސްކޫލުގައި ގިނަ ޙަރަކާތްތަކެއް ބާއްވައިފިއެވެ. މި ގޮތުން  ތިމާވެއްޓަށް ދިމާވެފައިވާ ތަފާތު މައްސަލަތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް ޓަކައި ތިމާވެށީގެ ދުވަހަށް ޚާއްޞަކޮށްގެން ވަނީ ޕޯސްޓަރުކުރެހުމުގެ މުބާރާތެއް ބާއްވާފައެވެ. މި މުބާރާތަށް ވަރަށް ގިނަ ދަރިވަރުންގެ ތަރުޙީބު ލިބި ގިނަ ދަރިވަރުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މި ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭނުން ކުރި ބެނާ އެ ސްކޫލުގެ ދަރިވަރުން ތައްޔާރު ކުރީ އުކާލާ ޕްލާސްޓިކް ފުޅީގެ މަތި ބޭނުންކޮށްގެންނެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ބޭއްވިގެން ދިޔަ އަނެއް ބޮޑު ޙަރަކާތަކީ "ނަލަ ރީތީ ކުލާސް އަހަރެމެންގެ ޒިންމާ" ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ދަރިވަރުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމާއި ސްކޫލަކީ އެ ކުދިންގެ އަމިއްލަ ތަނެއްގެ ގޮތުގައި އިޙްސާސްކޮށްދިނުމާއި އުޅޭ ތަން ރީތިކޮށް ބޭއްވުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމެވެ. މި ޕްރޮގްރާމުގެ އިސްދާރެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޙަލީމެވެ.

މި ގޮތުން މިހާރުވަނީ ކޮންމެ ފަންގިފިލާއަކުން ލީޑަރަކާއި ކޮންމެ ކްލާހަކުން ދެ ދަރިވަރަކު ފްލޯ ބަލަހައްޓަން ނަނގާ ދަރިވަރުންނާ ޒިންމާ ޙަވާލުކޮށްފައެވެ. މި ކުދިންގެ މަސްޢޫލިއްޔަތަކީ ކްލާސް އަބަދުވެސް ސާފުކޮށް ބޭއްވުމަށް ޓަކައި ކުލާހަށް ކުނިނޭޅުމަށާއި ތަރުތީބުން ކުލާސް ބޭއްވައި އެކަން ދެމެހެއްޓުމާއި ބަލަހައްޓާ އޭރިއާގެ އެއްވެސް ތަނެއްގައި ނުވަތަ އެއްޗެއްގައި ހަޑިހުތުރު އެއްޗެއް ކުރަހާ ލިޔެފައި ހުރިތޯ ޗެކުކޮށް އަންގަންޖެހޭ ފަރާތްތަކަށް އެންގުމެވެ.

މީގެ އިތުރުން ގެންދެވުނު ޙަރަކާތަކީ ސްކޫލު ފެހި ކުރުމުގެ ޕްރޮގްރާމެވެ. މިއީ ވެސް އަލަށް ފެށި ޕްރޮގްރާމެކެވެ. މިގޮތުން ސްކޫލުން ކަނޑައެޅި ވަކި ފާރުތަކެއްގައި މިހާރު ވަނީ "ހޭންގިން ގާޑެން" ތައްޔާރު ކޮށްފައެވެ. މި ހޭންގިން ގާޑެންތައް ބަލަހައްޓާނީ އެ ފަންގިފިލާއެއް ނިސްބަތްވާ ގުރޭޑެއްގެ ދަރިވަރުންނެވެ. ދަރިވަރުން ވަނީ ވަރަށް ވާދަވެރިކަމާއި ފޯރީގައި މިޙަރަކާތުގައި ބައިވެރިވެފައެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ދަރިވަރުންނަށް ގަސްހެއްދުމުގެ ތަމްރީނުދިނުމާއި ގަހަށް ލޯބިކުރުމުގެ ސިފަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމެވެ.

މުޅި ސްކޫލު ފެހިކުރުމަށް ޓަކައި ސްކޫލުގެ ގޯތިތެރޭގައި ވެސް ގިނަ އަދަދަކަށް ގަސްއިންދިއެވެ. ބެލެނިވެރިން ވަނީ ސްކޫލުން ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެދުނު އެދުމަށް އިޖާބަދީ، ގިނަ އަދަދެއްގެ ގަސް ހަދިޔާ ކޮށްފައެވެ. އެކަމަށްޓަކައި ބެލެނިވެރިންނަށް އެ ސްކޫލުން ޚާއްޞަ ޝުކުރުއަދާކުރެއެވެ.

މި ހަރަކާތުގެ ތެރެއިން، ހުރަވީ ސްކޫލުގެ އެސްއެމްޓީން ވަނީ އެ ސްކޫލުގެ ޓެރަސްގައި މިރުސްގަހާއި ކޮޕީގަސް ހައްދަން ފަށާފައެވެ. ހުރަވީ ސްކޫލުގެ އަމާޒަކީ "މަލަ ފެހި" އުނގެނުމަށް ފަހި އުފާވެރިކަމާ އެކު ދަރިވަރުން އުޅޭ ހިތްވާ ސްކޫލަކަށް ސްކޫލުގެ މާހައުލު ހެދުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *