އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވެސް (އައިޔޫއެމް)އިން ޤުރުއާން ހިތުދަސްކޮށް އިމްތިޙާނު ހަދާ ފަރާތްތައް، އިތުރު އިމްތިހާނެއް ހެދުމެއް ނެތި ހާފިޒުން ކަމުގައި ބަލައިގަންނަ ގޮތަށް އުޞޫލަށް ބަދަލު ގެނެސްފިއެވެ.
ޙާފިޒުން އިމްތިޙާނު ކުރުމާއި، ޙާފިޡުކަމުގެ ސަނަދު ދިނުމާއި، ޙާފިޒުންނަށް ދައުލަތުން ޢިނާމްތައް ދިނުމާއި ޙާފިޒުންގެ ދަފުރަތަރު ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް އާ އުޞޫލެއް އެކުލަވާލައި އެ އުޞޫލަށް މިހާރު ދަނީ ޢަމަލުކުރަމުންނެވެ.
މި އުޞޫލުގައި ބުނެފައިވާ ގޮތުން ހާފިޒު ކަމުގެ އިމްތިޙާނުގައި ބައިވެރިވެވޭނީ ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ފަރާތަކަށް ކިޔައިދީ، ހާފިޒު ކަމުގެ ފެންވަރު ހުރިކަން އަންގައިދޭ ލިޔުމާއެކު ހުށަހެޅުމުންނެވެ. މި ބަދަލުގެ ސަބަބުން މުރާޖައާ ކުރަން މާލެ އަންނާކަށް ނުޖެހެއެވެ. މާލެ އަންނަން ޖެހެނީ އިމްތިޙާނުގައި ބައިވެރިވާން އެކަންޏެވެ. ކުރިން އޮންނަ ގޮތުން ހާފިޒަކަށް ވުމަށް މުރާޖައާ ކުރަން ޖެހެނީ މާލެ އައިސް އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާ ކޮމެޓީއަށް ނުވަތަ މީހަކަށް ކިޔައިދީގެންނެވެ.
މި އުޞޫލުގައި ބުނެފައިވާ ގޮތުން، އިމްތިޙާނުން ފާސްވާ ދަރިވަރުން ގިންތި ކުރެވެނީ ތިން ދަރަޖައެއްގައެވެ. އެއީ:
އެއްވަނަ ދަރަޖަ: ( އޭ ފާސް) 85 އާއި 100 އިންސައްތައާ ދެމެދު
ދެވެނަ ދަރަޖަ: ( ބީ ފާސް) 75 އާއި 84 އިންސައްތައާ ދެމެދު
ތިންވަނަ ދަރަޖަ: ( ސީ ފާސް) 60 އާއި 69 އިންސައްތައާ ދެމެދު
އިމްތިޙާނުގައި މާކްސްދޭ ގޮތަށް ބަލާއިރު، 70 އިންސައްތަ މާކްސް ދެނީ ޙިފްޒަށެވެ. ދެން ތަޖުވީދަށެވެ. އެއީ 20 އިންސައްތަ މާކުހެވެ. ދެން ދެނީ، މުތަޝާބިހު އާޔަތްތަކަށް 5 އިންސައްތަ މާކްސްއާއި ކިޔެވުމުގެ ފަރިތަކަމާއި ފަޞާޙާތްތެރިކަމަށް ފަސް އިންސައްތަ މާކުހެވެ.
ޙާފިޒު ކަމުގެ އިމްތިޙާނުން 59 އިންސައްތައިން ދަށުން ލިބޭ ފަރާތްތައް ފެއިލްވާނެއެވެ. ފެއިލްވާ ފަރާތްތައް އަލުން އިމްތިޙާނުގައި ބައިވެރިވެވޭނީ ފެއިލްވި ތާރީޚުން ފެށިގެން ތިން މަސް ފަހުންނެވެ.
advertisment
ހިޔާލު