ވޭވަށު ސްކޫލޫގެ ގުރޭޑް 9ގެ ދަރިވަރުން ތަޖުރިބާ ހޯދަން މުއްޔަށް

މ. ވޭވަށު ސްކޫލުގައި ގުރޭޑް ނުވައެއް އުފެއްދައި ކިޔަވައިދޭން ފެށީ ދިރާސީ އާ އަހަރުގައެވެ. އޯލެވެލްގައި އެ ދަރިވަރުން އަންނަ އަހަރު ބައިވެރިކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް އެރަށު ސްކޫލުން ވަނީ ފަށާފައެވެ.

ވޭވަށު ސްކޫލުގެ ގުރޭޑް 9ގައި މިހާރު ކިޔަވަމުން ދަނީ 10 ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައި ދެނީ ބިޒްނަސް ސްޓްރީމާއި ސައިންސް ސްޓްރީމް އެއްކޮށްލައިގެންނެވެ. ބިޒްނަސް މާއްދާގެ ގޮތުގައި ކިޔަވައި ދެނީ ބިޒްނަސްއާއި އެކައުންޓިންގއެވެ. ސައިންސްގެ މާއްދާތަކުގެ ގޮތުގައި ކިޔަވައިދެނީ ކެމިސްޓްރީއާއި ބައޮލޮޖީއެވެ. ދެން ހިސާބާއި އިނގިރޭސީގެ އިތުރުން ދިވެއްސާއި އިސްލާމެވެ.

ވޭވަށު ސްކޫލުގެ ޕްރިންސިޕަލް އަލީ ނައީމް ދަރިވަރު ނޫހަށް ވިދާޅުވީ، ދަރިވަރުންގެ ނަތީޖާއަށް އަމާޒުކޮށްގެން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އަންނަ ހަފްތާގެ ތެރޭގައި މ. އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަ މުއްޔަށް ދާނެ ކަމަށެވެ. އަދި ވިދާޅުވީ، އަތޮޅުގައި އެންމެ ރަނގަޅު ތައުލީމެއް ފޯރުކޮށްދެމުން ގެންދާ އެއް ސްކޫލަކީ ވެސް އަތޮޅު ތައުލީމީ މަރުކަޒު ކަމަށެވެ.

" މި ދަތުގެ ބޭނުމަކީ ދަރިވަރުންނަށް ވެސް ޓީޗަރުންނަށް ވެސް ތަޖުރިބާ ހޯދައި ދިނުން. އެ އިންތިޒާމް ހަމަޖައްސައިދޭން އަޅުގަނޑުމެން ވާނީ މ. އޭއީސީގެ ޕްރިންސިޕަލާއެކު މަޝްވަރާ ވެސް ކޮށްފައި" އަލީ ނައީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކުލާސްތަކުގެ އިތުރުން މާލެއިން ތީޗަރުން ގެނެސްގެން ވެސް ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

އަލީ ވިދާޅުވީ، ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެން އޮންލައިންކޮށް ކިޔަވައިދިނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސްކޫލާއެކު  ވެސް ވާހަކަ ދައްކާފައިވާ ކަމަށާއި އެ ސްކޫލުން ވެސް ތިބީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށެވެ.

" ޞަލާޙުއްދީން ސްކޫލުގެ ޕްރިންސިޕަލާ އަޅުގަނޑުމެން ވާނީ ބައްދަލުކޮށް، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަޝްވަރާކޮށްފައި. އެ ސްކޫލުން ތިބީ އަޅުގަނޑުމެންގެ ދަރިވަރުންނަށް އޮންލައިންކޮށް ބައެއް މާއްދާތަކުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް. އެ މަސައްކަތް ވެސް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން" އަލީ ވިދާޅުވިއެވެ.

އާބާދީ މަދުވުމުން ވޭވަށު ސްކޫލުގެ ބައެއް ގުރޭޑްތަކުގައި ކުދިން ވަރަށް މަދެވެ. މި އަހަރު އެ ސްކޫލުގައި ގުރޭޑް އެކެއްގައި ކިޔަވަނީ އެއްމެ ދަރިވަރެކެވެ. އެހެންވެ ކިޔަވައި ދެނީ ގުރޭޑް އެކަކާއި ދޭއް އެއްކޮށްލައިގެންނެވެ. އެ ގުރޭޑްގައި ހަތް ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

2008 ވަނަ އަހަރުން ފެށިގެން ގުރޭޑް 7 އަދި 8 ގެ ދަރިވަރުން ކިޔަވަން ދިޔައީ ފެރީއެއްގައި އެރަށު ކައިރީގައި އޮތް މުލަކު ސްކޫލަށެވެ. މި އުނދަގޫ ދަތުރަށް ނިމުމެއް ގެނެސް ރަށުގައި ތިބެގެން އޯލެވެލްއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދިނީ މީގެ ތިން އަހަރު ކުރިންނެވެ. ގުރޭޑް ހަޔަކުން ފަށައި، ކޮންމެ އަހަރަކު ގުރޭޑެއް އުފައްދަމުން އައިސް މި އަހަރު ގުރޭޑް ނުވައެއް އުފެއްދީއެވެ.

އަލީ ވިދާޅުވީ، ގުރޭޑް ނުވައެއް އުފައްދައި، ޓީޗަރުން ހަމަނުވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށާއި މިނިސްޓްރީގެ އެއްބާރުލުމާއެކު ކިޔަވައިދޭން ފަށަންވާއިރަށް ބޭނުންވި ވަރަށް ޓީޗަރުން ހަމަކުރެވުނު ކަމަށެވެ.

" އެންމެ ބޮޑު ކަންބޮޑުވުމަށް އޮތީ ގުރޭޑް ނުވައެއް ފަށާއިރު ބޭނުންވާ ޓީޗަރުން ނުލިބިދާނެތީ. އަޅުގަނޑުމެން އެދުނީ އިތުރަށް ހަތަރު ޓީޗަރުން ހޯދަން. އަޅުގަނޑުމެން އެދުނު ގޮތަށް އެކަންތައްތައް ކޮށްދެއްވި. އެކަމަށްޓަކައި އެޑިޔުކޭޝަން މިނިސްޓަރާއި މިނިސްޓަރުގެ ޓީމަށް ޚާއްޞަ ޝަކުރެއް، ސްކޫލާއި ރައްޔިތުންގެ ފަރާތުން ދަންނަވަން" އަލީ ނައީމް ވިދާޅުވިއެވެ.

އަންނަ އަހަރަކީ ވޭވަށު ސްކޫލަށާއި އެ ރަށަށް ތާރީޚީ އަހަރެކެވެ. ފުރަތަމަ ފަހަރަށް އެ ސްކޫލުގެ ދަރިވަރުން އޯލެވެލްގައި އިށީންނާނެއެވެ. އަމިއްލަ ރަށުގައި ތިބެގެން އޯލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ. އެއީ އެރަށު ރައްޔިތުންގެ އުއްމީދެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *