މި ކުދިން މި ބުނާ އެއްޗެއް ބައްޕަމެންނަށް ވިސްނޭނެ ނަމަ!

" ބައްޕަމެން ސިނގިރޭޓް ބުއިން ހުއްޓާލާ! ޝީޝާ ބުއިން ހުއްޓާލާ! މުޅި އާއިލާގެ ދުޝްމަނެއް."

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރަން މ. އަތޮޅު މުލީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން އިސްނަގައިގެން ބޭއްވި ހިނގާލުމުގައި ބައިވެރިވި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ތަކެއް ހިފަހައްޓައިގެން ހުރި ބޯޑްތަކުގައި ލިޔެފައި ހުރީ އެ ކުދިންގެ ޝުއޫރެވެ. އެ ކުދިން އެދޭ އެދުންތަކެވެ. ދުންފަތުގެ ދުމުން މުޅި ޤައުމު ކޮށިއަރަމުންދާއިރު އެ ކުދިން އެދެނީ ދިރިއުޅުމުގެ ހައްޤެއްގެ ގޮތުން ވެސް ދުންފަތުގެ އެ ވިހައިން އެކުދިންނާއި އާއިލާތައް ސާލަމާތްކޮށް ދިނުމަށެވެ.

ކޮންމެ އަހަރަކު ވެސް މެއި މަހުގެ 31 ވަނަ ދުވަސް ފާހަގަކުރަނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ދުވަހުގެ ގޮތުގައެވެ. މި ދުވަހަށް މި އަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ:

" ކުޑަކުދިން ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްކޮށް ދަފަރާ ކުރުން"

މި ޝިޔާރާއެކު ބާރުއަޅަނީ، ދުންފަތުގެ ސިނާއަތުގެ އަމަލުތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތް ކުރުމަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމަށް ވަކާލާތުކުރުމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި ކުޑަކުދިންނާއި ޒުވާނުންނާ ގުޅުންހުރި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ދުންފަތް ކޮންޓްރޯލް ކުރަން ވަކާލާތުކުރާ ފަރާތްތަކާ މަޝްވަރާކޮށް، ދުންފަތުގެ ސިނާއަތުގެ އުކުޅުތަކުން ޒުވާނުން ރައްކާތެރިކޮށްދޭ ސިޔާސަތުތައް އެކުލަވާލައި، ތަންފީޒުކުރުމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 15-16 އަހަރާ ދެމެދުގެ 37 މިލިއަން ކުދިން ކޮންމެ ވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލެއް ކުރެއެވެ. ރާއްޖޭގެ ހާލަތު އޮތީ މާ ނުރައްކާކޮށެވެ. ސިނގިރޭޓަށް ހުށައެޅޭ ކުދިންގެ އުމުރު ދުވަހެއް ދުވަހަށް އަންނަނީ ދަށްވަމުންނެވެ. ސިނގިރޭޓް ބޯން ފަށާ އުމުރު، މިހާރު ވަނީ 12 އަހަރު ނޫނީ 13 އަހަރު ފަހަނައަޅައި ގޮސްފައެވެ. 9 އަހަރުގެ ކުދިން ވެސް ސިނގިރޭޓަށް ހުށައެޅޭ ކަމަށް މިހާރުގެ ސާވޭތަކުން ދައްކައެވެ. އަދި ސްކޫލްތަކުގައި ވެސް ވަގަށް އީ ސިނގިރޭޓްގެ ބާވަތްއް ބޭނުން ކުރާތަން މަދުން ނަމަވެސް ފެންނަމުން ދެއެވެ.

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށްވުރެ ބޮޑަށް އޭގެ ތެރެއަށް ޒުވާނުން ވެއްދުމަށް ކުރާ މަސައްކަތް މާ ފުޅަލެވެ. ނަތީޖާއަކީ ޒަމާނީ ޓެކްނޮލިޖީއާއި ގުޅުވައި ދުންފަތުގެ އުފެއްދުންތައް ނެރެނީ އެއަށް ހިތް ލެނބޭނެހާ އުޅުތައް ބޭނުން ކޮށްގެންނެވެ. މި ފަހަކަށް އައިސް އީ ސިނގިރޭޓާއި ނިކޮޓިން ޕައުޗް ފަދަ އެތައް އުފެއްދުމަކަށް ޒުވާނުން ވަނީ ހުށަހެޅިފައެވެ.

ތަފާސް ހިސާބަށް ބަލާއިރު، ފާއިތުވި އަހަރު އެކަނި ވެސް 462 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެކުރިއެވެ. މިއީ އާބާދީއާއި އެތެރެވިހާ ޓޫރިސްޓަށް ބަލާއިރުވެސް ބޮޑު އަދަދެކެވެ. މިއީ ޒަމާނީ އީ ސިނގިރޭޓް ނުލައި އެތެރެކުރި މިންވަރެވެ. ސިނގިރޭޓް އެތެރެކުރަން 1.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ނުރައްކަލުން ހުށަހެޅޭ ބަލިތަކަށް ފަރުވާ ކުރުމަށް އެއާ އެއްވަރުގެ އަދަދެއްގެ އަހަރެއްގެ މައްޗަށް ދައުލަތުން ހޭދަކުރެއެވެ.

ދުންފަތުގެ ނުރައްކަލުގެ ވާހަކަ ދައްކާއިރު، އެއިން ސަލާމަތް ވުމަށް ފަށަން ޖެހެނީ ގޭތެރެއިންނެވެ. ބައްޕަ ނޫނީ މަންމަ ނޫނީ އާއިލާގެ މީހުން އެކަން ކުރުން ހުއްޓާލައިގެންނެވެ. ދަރިންގެ ކައިރީގައި އެކަން ނުކުރަން ބުނުމުގެ ބަދަލުގައި އެކަން ކުރުން ހުއްޓާލުމުގެ ހިތްވަރު ބެލެނިވެރިޔާގެ ކިބައިގައި ހުންނަން ޖެހެއެވެ. ދުންފަތާ ދުރުނުވެ ދަރިން އެއިން ސަލާމަތް ކުރާނެ ގޮތެއް ނޯންނާނެއެވެ. ދޫކޮށްލާ ކޮންމެ ދުންކޮޅެއްގެ އަސަރު ކައިރީގައި ތިބި ދަރިންނަށް އާއިލާގެ އެހެން މީހުންނަށް ނޫނީ ވަށައިގެން ތިބި މީހުންނަށް ކުރާނެއެވެ. ތިމާގެ އުފަލަށް ކުރާ އެ ދޭނެދެވޭ އާދައިގެ ވަބާގައި ޖެހެނީ ދަރިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *