މަދަނީ ފުލުހެއްގެ ގޮތުގައި 2017 ވަނަ އަހަރު ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަން ފެށި އަޙްމަދު ނިހާދު މަސައްކަތް ކުރަން އެންމެ ބޭނުންވީ ޔުނީފޯމް އެޅި ފުލުހެއްގެ ގޮތުގައެވެ. ހަތް އަހަރު ދުވަހު، މަދަނީ ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު، 2023 ވަނަ އަހަރު ފުލުހެއްގެ ވަޒީފާއަށް ބަދަލުވެ ފުލުހުންގެ އަސާސީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވީ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާހިތުންނެވެ. އޭނާއަށާއި ޤައުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ވެސް އެއީ ކަމަށް ދެކިގެންނެވެ.
މިދިޔަ އަހަރު ފެށި 36 ވަނަ އަސާސީ ތަމްރީނު ކޯހަށް، ފުލުހުންގެ ޔުނީފޯމް އަޅައިގެން، ނިހާދު ކުރިމަތިލިއިރު ޢަޒުމަކަށްވީ ކޯހުން ފާސްވުމެވެ. ވަނައެއް ހޯދުމެއް ނޫނެވެ.

" ވަނައެއް ހޯދުމަށްވުރެ ދެވަނަ ފަހަރަށް ކޯސް ހަދަން ދާން ނުޖެހުން އަޒުމަކަށްވީ" އުފަން ރަށް ވ. ފެލިދޫގައި ހުންނަ ފުލުހުންގެ މަރުކަޒުގައި މަސައްކަތް ކުރަން ފެށި، ސަރޖަންޓް ނިހާދު ބުންޏެވެ.
ފަސް މަސް ދުވަހުގެ އަސާސީ ތަމްރީނު ކޯސް އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ނިންމައި، ކޯހުގެ ވަނަތައް އިއުލާން ކުރަން އެއް ދުވަހަށް ވެފައި ވަނިކޮށް، ނިހާދު ވަނީ ފޭސްބުކު ޕޭޖުގައި އެ ވަގުތު އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލާފައެވެ.
" ދެން ފަހެ ސަތިރީސް ވަނަ ފުލުހުންގެ ތަމްރީނު ކޯސް ނިމި ނަތީޖާ އިޢުލާން ކުރަން ކުޑަތަންވި ހިނދު ހިތަށް އެރިއެވެ.
ލައްކަ ގޭނުމެއް ގޭނިއްޖެއެވެ.
ލައްކަ ބޭނުން ބޭނިއްޖެއެވެ.
ލައްކަ ރުއިން ރޮއިފީމެވެ.
ލައްކަ ހިތުގައި ޖެހިއްޖައީމެވެ.
ލައްކަ ހިތްވަރު ކޮށްފީމެވެ.
ލޯބިވާ އަނބިމީހާއި ދަރިންނާއި މައިންބަފައިން ތިމާގެ މީހުން، ގާތް ރަހުމަތްތެރިންނާއި ދެކެފަރިތަ މީހުން، ބޭނުންވާހާ މަތީ ދަރަޖައަކުން ފާސް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނަސް ދެރަވެ ކަރުއެލުވާލާ ވަރުގެ ނަތީޖާއެއް ނެރެވިފައިވާނޭ ކަމުގެ އުއްމީދާއެކު މިރޭ ނިދާލަމެވެ."

ކޯހުން ވަނައަކަށް، ނިހާދަށް އުއްމީދު ނުކުރެވުނަސް އޭނާއެކީގައި އެ ކޯހުގައި ބައިވެރިވި އެންމެ ގާތް އެކުވެރިން ބުނަމުން ދިޔައީ ނިހާދަށް އެއްވަނަ ލިބޭނެ ކަމަށެވެ. އެކުވެރިންގެ އެ ވާހަކަތަކަށް ނިހާދު ސަމާލުކަމެއް ނުދެއެވެ. އެކަމަށް ފަރުވާލެއް ވެސް ނުބަހައްޓައެވެ.
ނިހާދު ބުނީ ކޯހުން އެއްވަނަ ލިބުނުކަން އިއުލާން ކުރުމުން ލިބުނު އުފަލާއެކު އޭނާ އެންމެ ދެރަވީ އެކުގައި އުޅުނު ބައެއް ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވުމުންނެވެ.
" އެހާމެ އުފާވެސްވި، އަދި އެހާމެ ދެރަވެސްވި" ނިހާދު ބުންޏެވެ.
ނިހާދު ބުނީ، އޭނާއެކީ އެންމެ ކައިރިން ދުވި އެއްކުއްޖަކަށް ކޯސް ނުނިންމުނީ ކަނޑައެޅިފައި އޮތް ވަރަށްވުރެ ހަތަރު ސިކުންތު ލަހުން ދުވެވިގެންނެވެ.
" އެއީ ވަރަށް ދެރަވި ވަގުތެއް، އެ އެކުވެރިޔާގެ އިހުސާސް ހުންނާނެ ގޮތް ހިތަށްއަރާ ކޮންމެ ފަހަރަކު ދެރެވޭ"
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށްދޭ، ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު ނިހާދަށް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.

މުޅި ކޯހުން އެއްވަނަ ހޯދުމުގެ އިތުރުން އައުޓްޑޯ މާއްދާތަކުން އެއްވަނަ އިންޑޯ މާއްދާތަކުން ދެވަނަ ވެސް ނިހާދު ހޯދިއެވެ. ކޯހުން ދެވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް އާލިމަ މުޙައްމަދު ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުއީން މުޙައްމަދުއެވެ. ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އަމްހަރް އާރިފްއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ހަސަން އަނަސް ނާފިޒްއެވެ. އައުޓްޑޯ މާއްދާތަކުން ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މާޝާ ރަޝީދުއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އާއިޝަތު ރަވީނާއެވެ.
އެންމެ މޮޅު ސްކޮޑަކަށް ހޮވުނު ބީފާނު ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

އެގޮތުން، ގާނޫނާއި، ހިއުމަން ރައިޓްސް އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
36 ވަނަ އަސާސީ ތަމްރީނު ކޯހުގައި 198 ފުލުހުން ބައިވެރިވެ 164 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. އެއީ 36 އަންހެން ފުލުހުންނާއި 128 ފިރިހެން ފުލުހުންނެވެ.
advertisment
ހިޔާލު