ސަރުކާރު ސްކޫލުތަކުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންނާ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މި ފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ޕްރިންސިޕަލުންނާއި ސްކޫލުގައި މަސައްކަތްކުރައްވާ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވާފައެވެ.
މި ބައްދަލުވުމަކީ މި އަހަރު މިނިސްޓްރީއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު ސްކޫލުތަކުގެ އިސްވެރީންނާ ހިއްސާކުރައްވާ، މިނިސްޓްރީއިން އެކުލަވާލުމަށް ހަމަޖެހިފައިވާ އެކި ސިޔާސަތުތަކާ ގުޅޭ ގޮތުން ޕްރިންސިޕަލުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ 'އިންޑިޕެންޑެންޓް ލާނަރސް' ގެ ގޮތުގައި އަދި އަމިއްލަ އަށް ކިޔެވުމަށް ޒިންމާވާ ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރުމަށް ސްކޫލުތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި މުދައްރިސުންނަކީ ގަދަރާއި އިޙްތިރާމް ލިބިގެންވާ، އަބުރުވެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރެ، ސްކޫލް ވެއްޓަކީ މުދައްރިސުންނަށް އިޙްތިރާމާއި ގަދަރުދޭނެ ތަނެއްގެ ގޮތުގައި ބައްޓަންކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މުދައްރިސުންގެ ވޯކްލޯޑް ކުޑަ ކުރުމަށްޓަކައި މި ދިރާސީ އަހަރުގެ ތެރޭގައި މިނިސްޓްރީއިން ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންކަން މިނިސްޓަރ ވަނީ މި ބައްދަލުވުމުގެ ތެރޭގައި ޕްރިންސިޕަލުންނާ ޙިއްޞާކުރައްވާފައެވެ. އޭގެ ތެރޭގައި ސްކޫލުތަކުން ބޭނުންކުރާ ވައިބަރ ގްރޫޕްތައް ވަކި ނިޒާމެއްގެ ތެރެއިން މަދުކުރުމާއި، އިމެއްނެތި ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތައް މަދުކޮށް، މުދައްރިސުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ރޭވިފައިވާ ބައެއް ކަންކަން ވެސް ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ދަރިވަރުންނަށް އުނގަންނައިދިނުމަށް ސްކޫލުތަކުގެ އިސްވެރީންނާއި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުދަންނަވާފައެވެ.
advertisment
ހިޔާލު