އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް ވެސް މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނުދެނީ

އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނުދޭން ޕްރޮގްރާމްތަކެއް ފެށުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޤު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރުގެ މުނާޞަބަތުގައި ވަޒީރު ދެއްވި ހިޠާބުގައި ވިދާޅުވީ، ދަރިވަރުންނަށް އުނގެނުމުގެ މައިދާނުގައި ތަފާތު ރޮނގުތަކުން، އެއީ ޢިލްމީ ރޮނގުން، ނުވަތަ ކުޅިވަރުގެ ރޮނގުން، ނުވަތަ މަސައްކަތްތެރިކަމުގެ ރޮނގުން ކަމުގައިވިޔަސް، މިއިން ކޮންމެ ރޮނގަކުން ކުރިއަށް ދެވޭނޭ މަގުތަށް ތަނަވަސްވުން، އެދަރިވަރުންގެ މުސްތަޤުބަލަށާއި ޤައުމުގެ ތަރައްޤީއަށް ނުހަނު ބޭނުންތެރި ކަމަށެވެ. އެ މަގަށް ކަންތައްތައް ތަރުތީބު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން،

އޭ-ލެވެލް މަރުޙަލާގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް، އެދަރިވަރުންނަށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު ލިބޭނޭގޮތަށް ފަރުމާކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއް ކައިރި މުސްތަޤުބަލެއްގައި ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަފީޢު ވިދާޅުވީ، " ދިރާސީ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި އިސްތިރާޖީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ އުއްމީދީ ގިނަގުނަ މަސައްކަތްތައް ރޭވި، އޭގެ ތެރެއިން ބައެއް ކަންކަން މިހާރު މިވަނީ ތަންފީޒުކުރަން ފަށާފައި، އަދި ދެންހުރި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވާންޖެހޭ ތައްޔާރީތަށް މި ދަނީ ވަމުން" ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ދިވެހި އިސްލާމީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ރައްކާތެރިވާ، އިސްލާމްދީން ދެކެ ލޯބިވާ، ދިވެހި ޤައުމާ މެދު ފަޚުރުވެރިވާ، ދިވެހިވަންތަކަން ހުރި ދިވެހި ދަރީން ބިނާކުރުމުގެ އައު ވިސްނުންތަކެއް ތަޢުލީމީ ނިޒާމަށް ގެނައުމުގެ ބޭނުންތެރިކަން މިވަނީ އިހުނަށްވުރެ ބޮޑުވެފައި ކަމަށާއި މި މަތިވެރި މަޤުޞަދުގައި، ތަޢުލީމީ މަންޖަހުގެ ތެރެއިން ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކައިގެ އަގު ވަޒަންކުރާ، ޤައުމީ ބަހާތަކަށް އިސްކަންދޭ، ފަރުދީ އަދި މަދަނީ ޒިންމާތައް އަދާކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރާއި ސިފަތައް ހުރި ދަރިވަރުން ބިނާކުރުމުގެ މަސައްކަތަށް އިތުރު ސަމާލުކަމެއްދީ، ޤައުމު ދެކެ ލޯބިވާ ފަރުދުންތަކެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

" އުނގެނުމާއި އުނގަންނައިދިނުން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ސްކޫލުތަކުގެ ވެއްޓަކީ އުނގެނުމަށް ފަހި، އުފާވެރި ވެއްޓަކަށް ވެގެން. ދަރިވަރުންގެ އުނގެނުމަށާއި އުނގަންނައިދިނުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލާ، އުފާވެރި، ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ޤާއިމުކުރުމަކީ މިސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނެ ކަމެއް. އެގޮތުން، ކުލާސްތަކުގައި ދަރިވަރުން ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ސްކޫލުތައް އޭސީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ދާދި އަވަހަށް ފެށިގެން ކުރިއަށް ދާނެ"

ފެންވަރު ރަގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަގަޅު، އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުންތަކެއް ދާއިރާގައި ޚިދުމަތުގައި ތިބެގެންކަން ބަޔާން ކުރައްވައި ވަޒީރު ވިދާޅުވީ، ތަޢުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަގަޅު މުދައްރިސުން ދާއިރާގައި މަދުވުމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ޙައްލުކުރުމަށް، ތަޢުލީމީ ދާއިރާގައި ތިއްބެވި ޚިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ޤައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިހިނގާ ދިރާސީ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، ތަރައްޤީގެ މައިދާނުގައި އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ޖީލު ބައްޓަން ކުރަންވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގެންފައިވާ ބައެއްގެ ގޮތުގައި. އާޓިފިޝިއަލް އިންޓަލިޖެންސް ފަދަ، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް މުދައްރިސުން އަހުލުވެރި ކުރުވުމާއި، ޝާމިލުކޮށްގެން އުނގަންނައިދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް، ޚާއްޞަ އިސްކަމެއް މި ދިރާސީ އަހަރުގެ ތެރޭގައި ދެވިގެން ދާނެ"

ވަޒީރު ވިދާޅުވީ، ޢިލްމީ، ފަންނުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް މިކުރާ މަސައްކަތް ކާމިޔާބުވާނީ އަޅުގަނޑުމެން އެންމެން، ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު، ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. ޚާއްޞަކޮށް ސްކޫލުތަކާއި ބެލެނިވެރީންނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެ ހަރުދަނާވެގެން ކަމަށާއި މި ފެށޭ ދިރާސީ އަހަރަކީ މިދެންނެވި ގުޅުންތައް އިތުރަށް ތަރައްޤީވެ، ދަރިވަރުންގެ ކުރިއެރުމަށް އަޅުގަނޑުމެން އެންމެންގެ ވިސްނުމާއި ފިކުރު ސީދާވެގެންދާނެ އަހަރެއްކަމުގައި ޔަޤީންކުރައްވާ ކަމަށް ވަޒީރުގެ ހިޠާބުގައި ވިދާޅުވެފައިވެއެވެ.

ދަރިވަރުންނާ މުހާޠަބުކުރައްވައި ވަޒީރު ވިދާޅުވީ، ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު، އެންމެ އިސްކަމެއް ދޭންވީ، އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، މުދައްރިސުންނަށް ޤަދަރާއި އިޙްތިރާމްކުރާ، ހިންމަތާއެކު އުނގެނުމަށް މަސައްކަތްކުރާ، ޒިންމާދާރު ދަރިވަރަކަށް ވުމަށެވެ. " އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއެކު، ތިމާ އާއި ތިމާ ވަށައިގެންވާ އެންމެންގެ ސަލާމާތާއި ރައްކާތެރިކަމަށް އިސްކަންދޭ ދަރިވަރަކަށް ވުމަށް. އުނގެނުމަށް މިލިބިފައިވާ ރަނުގެ ފުރުޞަތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރުމަށް ތިޔަ ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވަން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *