ދިރާސީ އާ އަހަރުގެ ކިޔެވުން ހުރިހާ ސްކޫލެއްގައި ވެސް މި އަދު ފަށައިފިއެވެ. ދަރިވަރުންނަށް މަރުޙަބާ ކިޔުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. ބައެއް ސްކޫލްތަކުން ދިރާސީ އާ އަހަރު ފެށީ ފަތިސް ނަމާދުންނެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހު ކިޔަވާނީ ގިނަ ވެގެން ތިން ގަޑިއިރަށެވެ.
ދިރާސީ އާ އަހަރު 83،000 ދަރިވަރުން ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވަމުންދާނެއެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރެއިން މާލެހިމެނޭ ސަރަހައްދުތަކުގެ ސްކޫލްތަކުގައި 17،000 ދަރިވަރުން ކިޔަވަމުން ދާނެއެވެ.

ޕްރައިވެޓް ސްކޫލްތަކުގައި 13،000 އެއްހާ ދަރިވަރުން ކިޔަވާނެއެވެ. އޭގެ ތެރެއިން 9000 ދަރިވަރުން ކިޔަވަމުން ދާނީ މާލޭގެ ސްކޫލްތަކުގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލޭގެ ސަރަހައްދުގައި ހިމެނޭ ސްކޫލްތަކުގެ ގުރޭޑް އެކެއްގައި 2500 ދަރިވަރުން އެންރޯލް ކުރެވިފައިވާ ކަމަށާއި ގުރޭޑް އެކެއް ފިޔަވައި އެހެން ގުރޭޑްތަކަށް 2081 ދަރިވަރުން ވަންނަ ހުށައެޅި ކަމަށެވެ. އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1126 ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ. މާލޭގެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ހާހެއްހާ ދަރިވަރުން ބަދަލުވި ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ފެންވަރު ރަނގަޅު ތައުލީމެއް އަދާކުރުމަށް މުދައްރިސުންނަކީ މުހިންމު ބައެއް ކަމަށާއި ދިރާސީ އާ އަހަރު 12،662 މުދައްރިސުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ 10،729 ދިވެހި މުދައްރިސުންނާއި 1933 ބިދޭސީ މުދައްރިސުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ދިރާސީ އާ އަހަރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް، 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށެވެ. އަދި ހަ ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެ ކަމަށެވެ. އެއީ، ބ. ފެހެންދޫ ސްކޫލާއި ބ. ފުޅަދޫ ސްކޫލާއި ގއ. ކޮނޑޭ ސްކޫލާއި ވ. ރަކީދޫ ސްކޫލާއި ވ. ތިނަދޫ ސްކޫލާއި އަދި އދ. ދިއްދޫ ސްކޫލުގައެވެ.
advertisment
ހިޔާލު