މައިންބަފައިން ދަރިންނަށް އެހީވާންވީ، ދުނިޔެއާއި އާޚިރަތުގައި ވެސް މަންފާކުރާނެ ޢިލްމެއް ހޯދައިދޭން

މައިންބަފައިން ދަރިންނަށް އެހީވާންވީ، ދުނިޔެއާއި އާޚިރަތުގައި ވެސް މަންފާކުރާނެ ޢިލްމެއް ހޯދައިދިނުމަށް ކަމަށް ހުޠުބާގައި ގޮވާލައިފިއެވެ.

ދިރާސީ އާ އަހަރު އަންނަ އާދީއްތަ ދުވަހު ފަށާތީ، މިއަދުގެ ހުކުރު ހުޠުބާ ޚާއްޞަ ކޮށްފައި ވަނީ ދިރާސީ އާ އަހަރަށެވެ.

މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށާއި ގަދައަޅައި މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވުމަށް ބެލެނިވެރިންނަށް ހުޠުބާގައި ވަނީ ގޮވާލާފައެވެ.

" ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވާށެވެ! އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބަލާށެވެ!"

ހުޠުބާގައި ދަރިވަރުންނަށް ހަނދާން ކޮށްދިނީ، ދަރިވަރުންނަކީ މާދަމާ ޤައުމުގެ ވަޙްދަތު ޙިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ދަނެ، މާތް ﷲ ތިޔަ ދަރިވަރުންގެ ޢުމުރުގައި ބަރަކާތްލައްވައި ޢިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިޙްތިރާމް ކުރުމަށެވެ. އަދި ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށެވެ.

" މަދްރަސީ މަރުޙަލާއަކީ، އެ މަރުޙަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުޙަލާއެއް ނޫންކަން ދަންނާށެވެ! އެ މަރުޙަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިންމު ކަމެއްކަން ދަންނާށެވެ!"

ދިވެހި ދަރިވަރުންނަށް ﷲ ގެ ރަޙުމަތުން ލިބިފައިވާ ފަދަ ތަޢުލީމީ ފުރުޞަތަކަށް އެދިއެދި ތިބި އެތައްހާސް ކުދިންނެއް ދުނިޔޭގައި އުޅޭކަމަށެވެ. ދަރިވަރުންނަށް ލިބިފައިވާ ފުރުޞަތު ބޭކާރުކޮށްނުލައި، ﷲ ގެ ވާގިފުޅާއެކު ހިންމަތާއެކު މަސައްކަތްކޮށް، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޢަޒުމް އައުކުރުމަށް ދަރިވަރުންނަށް ހުޠުބާގައި ވަނީ ހަނދާން ކޮށްދިފައެވެ.

ހުޠުބާގައި ބުނެފައިވާ ހޮތުގައި، ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާއި ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނެއެވެ. ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަން ކަށަވަރެވެ. ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެކެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ޢިލްމުވެރިންނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވާފައި ވެއެވެ.

ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ނޯވެއެވެ. ވަކި ޖިންސެއް ނޯވެއެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހެއެވެ. މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެކެވެ.

ހުޠުބާގައި ބުނެފައި ވަނީ، ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީން ކަމަށާއި ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމް ކަމަށެވެ. ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވާ ކަމަށެވެ.

މާތް ﷲ ރުއްސުންލެއްވި އަބުއްދަރުދާއުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގެ މާނާގައި ވެއެވެ. "މީހަކު ޝަރުޢީ ޢިލްމު އުނގެނުމަށްޓަކައި މަގެއް އިޚްތިޔާރުކޮށްފިނަމަ ﷲ سُبْحَانَهُ وَتَعَالَى އެމީހަކަށްޓަކައި ސުވަރުގެއަށް މަގެއް ފަހި ކޮށްދެއްވައެވެ. ހަމަކަށަވަރުން، މަލާއިކަތް ބޭކަލުން ޢިލްމު އުނގެނޭ މީހާގެ ޢަމަލަށް ރުހިވަޑައިގެން އެ ބޭކަލުންގެ ފިޔަފުޅުތައް އޭނާއަށްޓަކައި ތިރިކޮށްލައްވައެވެ. އަދި ޢިލްމުވެރިޔާއަށް އުޑާއި ބިމުގައި ވާހައި ތަކެއްޗާއި، ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން އިސްތިޣުފާރު ކުރެއެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަން ވާހުށީ ހުރިހާ ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއް ވާރުތަ ނުކުރައްވައެވެ. ހަމަކަށަވަރުން އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. ފަހެ އެ ޢިލްމު ޙާޞިލުކޮށްފިމީހާއީ ބޮޑުވެގެންވާ ނަސީބެއް ޙާޞިލުކޮށްފި މީހެކެވެ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *