ކަލާފާނު ސްކޫލުގައި މަސައްކަތް ކުރަމުންދާ ސަޕޯޓް ސްޓާފުންގެ އަގުވަން ކުރުމުގެ ގޮތުން، ފާއިތުވި އަހަރު އެ ސްކޫލުގެ ގުރޭޑް 10ގައި ކިޔެވި ދަރިވަރުން ހަފްލާއެއް ބާއްވައިފިއެވެ.
މިއީ ސަޕޯޓް ސްޓާފުން ކުރާ ބުރަ މަސައްކަތް، ލޯތްބާއި އިހްތިރާމާއެކުގައި ބަލައިގަންނަކަން ހާމަކޮށްދިނުމުގެ ގޮތުން އެ ދަރިވަރުން ބޭއްވި ހަފްލާއެކެވެ. ސަޕޯޓް ސްޓާފުންގެ ގޮތުގައި މި ވަގުތު އެ ސްކޫލުގައި މަސައްކަތް ކުރަމުންދާ 17 މުވައްޒަފަކަށް ޚާއްޞަ ހަދިޔާއެއް މި ހަފްލާގައި ހަދިޔާ ކުރިއެވެ.
" ޚިދުމަތުގެ އަގުވަޒަންކުރާ ޙާލު ލޯތްބާއެކު ޝުކުރިއްޔާ" އެ ހަދިޔާގައި ދަރިވަރުން ލިޔެފައިވެއެވެ.

ކަލާފާނު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަބްދުލް ފައްތާޙު ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ، ސަޕޯޓް ސްޓާފުންނަކީ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ބައެއް ކަމަށާއި އެ ސްޓާފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމަކީ އެއީ ދަރިވަރުންގެ ހިތުގައި އެ ސްޓާފުންނާމެދު އޮތް ލޯބި އަންގައިދިނުން ކަމަށެވެ.
" ސަޕޯޓް ސްޓާފުންގެ އަގުވަޒަން ކުރުމަށް އިސްނަގައިގެން އެ ހަފްލާ ބޭއްވީ ދަރިވަރުން އަމިއްލައަށް. އެފަދަ ކަމެއް ދަރިވަރުންގެ ފަރާތުން ފެނުމަކީ އެއީ ސްކޫލުން ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއް" ފައްތާޙު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަޕޯޓް ސްޓާފުންގެ އަގުވަޒަން ކުރުމަށް، މީގެ ކުރިން ދަރިވަރުންގެ ފަރާތުން އެފަދަ ހަރަކާތެއް ކުރިއަށް ނުގެންދާ ކަމަށެވެ. މި ފަހަރު ދަރިވަރުން އެފަދަ ހަރަކާތެއް ބޭއްވުމުން ސަޕޯޓް ސްޓާފުންނަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

" ބައެއް ސްޓާފުންނަށް އުފަލުން ރޮވުނު. އެއީ އަގުވަޒަން ކުރުމުގެ ގޮތުން މީގެ ކުރިން އެފަދަ ކަމެއް ކޮށްފައި ނުވާތީ" ފައްތާހު ވިދާޅުވިއެވެ.
ފާއިތުވި އަހަރު ގުރޭޑް 10ގައި ތިބި ދަރިވަރުންނަށް މިއީ އޯލެވެލް އިމްތިޙާނުގެ ދުވަސްވަރެވެ. އެ އިމްތިޙާން އަންނަ މަހުގެ މެދުތެރެއާ ހަމައަށް ކުރިއަށް ދާނެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާއިރު، ހުރިހާ ސްކޫލްތަކުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
advertisment
ހިޔާލު