އިސް ރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ފަށަނީ

ދިވެހިރާއްޖޭގައި ތިބި އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް އިސްރަށްވެހިންގެ ނާދީ އިން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއެކު މިއަދު މަޝްވަރާކޮށްފިއެވެ.

އިސް ރަށްވެހިންގެ ނާދީއަކީ ޢުމުރުން 55 އަހަރުން މަތީ ބޭފުޅުންގެ އިޖްތިމާޢި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތަނެއް ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފައިވެއެވެ.

މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ކޮންމެ މަހަކުވެސް ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އިސްލާމިކް މިނިސްޓްރީގައި އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާގައި ވާހަކަ ދެއްކީ ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާއި ކޮންޓެންޓާއި މަޤުޞަދުތަކާ ބެހޭ ގޮތުންނެވެ. މިގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ "ރިސާލަތު" ޕްރާގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތަކާއި ދީނީ ކުއިޒް މުބާރާތްތަކާއި ޤުރްއާން މުބާރާތް ފަދަ ދީނީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށް ދިނުމަށް މަސައްކަތްކުރާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިސްރަށްވެހިންނަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން އެއްބަސްވުމެއް އެކުލަވާލަން ދެ ފަރާތުން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށާއި އޭގެ ކުރިން ވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އިސްރަށްވެހިންނަށް ބާއްވާ ސެޝަންތަކުން ލިބޭ ފީޑްބެކް ބޭނުންކޮށްގެން، އިސްރަށްވެހިންގެ މުޖުތަމައުގެ ބޭނުންތަކާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޕްރޮގްރާމް އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އާއި "އިސްރަށްވެހިންގެ ނާދީ" ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަދި ރޫހާނީ ގޮތުން މުއްސަނދި މާހައުލެއް ގާއިމުކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *