ޣިޔާޘުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ އިސްތިއުފާ ދެއްވައިފިއެވެ.
ދަރިވަރު ނޫހަށް މުސްތަފާ ވިދާޅުވީ، އިސްތިއުފާ ދެއްވި އަމިއްލަ މަސައްކަތަކަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުން ކަމަށާއި، އިސްތިއުފާ ދެއްވުމަކީ އެއީ ކުރިން ވެސް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މުސްތަފާ ވިދާޅުވީ، ތަޢުލީމީ ދާއިރާއާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށާއި ހައެއްކަ މަސް ފަހުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތަން ފެނިވަޑައިގަންނަވާނެ ކަމަށެވެ.
" ކުރިން ވެސް ނިންމައިގެން ހުރީ ދިރާސީ އަހަރު ނިމުމާއެކު އިސްތިއުފާ ދޭން. މިއީ ކުއްލި ނިންމުމެއް ނޫން" މުސްތަފާ ވިދާޅުވިއެވެ.
ޣިޔާޘުއްދީން ސްކޫލުގެ ލީޑިންގ ޓީޗަރަކު ދަރިވަރު ނޫހަށް ވިދާޅުވީ ޕްރިންސިޕަލްގެ އިސްތިއުފާއަކީ ސަޕްރައިޒެއް ކަމަށާއި ކުރިން އެފަދަ އިޝާރާތެއް ކުރައްވާފައި ނުވާ ކަމަށެވެ.
ޣިޔާޘުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް މުސްތަފާ ވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އޭގެ ކުރިން މަސައްކަތް ކުރެއްވީ އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ޕްރިންސިޕަލަކަށެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ނުވަ އަހަރު ހޭދަކުރެއްވިއެވެ.
advertisment
ހިޔާލު