"ސްކޫލް ގްރާންޓް"ގެ ގޮތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެރަށުގެ ތިން ސްކޫލަކަށް ތިންލައްކަ ރުފިޔާގެ އެހީއެއްވެދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި ގްރާންޓުގެ ދަށުން އެހީ ދިނީ، އެކަމަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ހިމެނޭކަންތައްތައް ހާސިލް ކުރުމަށް، ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ޖަލާލުއްދީނުގެ އިތުރުން އަފީފުއްދީން ސްކޫލަށެވެ.

ސްކޫލްތަކުން ހިންގާ ޕްރޮޖެކްޓްތަކަށް މީގެ ކުރިން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދެމުން އައީ ކޮންމެ ސްކޫލަކަށް 50،000ރުފިޔާއެވެ. މި އަހަރު އެ އެހީ ވަނީ 100،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިއަދު ވި އެއްބަސްވުންތަކުގައި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މުޙައްމަދު އާތިފެވެ. ޖަލާލުއްދީން ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު މުޙައްމަދެވެ. އަފީފުއްދީން ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އަދުނާނު އަލީއެވެ. ހދ. އޭއީސީގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް މުހައްމަދު މަތީނެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ، ސްކޫލް ގްރާންޓް ތާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި،ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާމިނަތު މުޙައްމަދު ވިދާޅުވީ، އެ ސްކުލަށް ލިބުނު އެހީ ބޭނުން ކުރާނީ މުދައްރިސުންނާއި ދަރިވަރުންނާއި އަދި ސްކޫލަށް ބޭނުންވާ ވަޞީލަތްތައް ޤާއިމް ކުރުމަށެވެ. އޭގެ ތެރޭގައި މިހާރަށްވުރެ ފަސޭހައިން ބޯފެން ފޯރުކޮށް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ، އެ ސްކޫލަށް ލިބުނު އެހީ ބޭނުންކުރާނީ، އެ ސްކޫލުގެ މިޑިއާ ކުލަބަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށާއި ޓީޗަރުންނާއި ދަރިވަރުންގެ ކުރިއެރުމަށް ކުރާ މުހިންމު މަސައްކަތްތަކަށެވެ.
advertisment
ހިޔާލު