ދިރާސީ އާ އަހަރު މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދުނު ދަރިވަރުންގެ އަދަދު މިދިޔަ އަހަރަށްވުރެ މަދުކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ފާއިތުވި ފަސް އަހަރަށް ބަލާއިރު މާލޭގެ ސްކޫލްތަކުން ޖާގަ ހޯދަން އެދުނު މިންވަރު ދަށްވީ މި އަހަރުއެވެ.
އެ މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު، މާލޭގެ ސްކޫލްތަކަށް ބަދަލުވާން އަތޮޅު ތަކުގެ ސްކޫލްތަކުން މި އަހަރު ހުށަހަޅާފައި ވަނީ 967 ދަރިވަރުންނެވެ. މިއީ މިދިޔަ އަހަރު ޖާގަދިން 1500 ކުދިންނާ އަޅާބަލާއިރު 533 ދަރިވަރުން މަދު އަދަދެކެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، 2020-2021 ވަނަ އަހަރު 480 ދަރިވަރުންނަށް، 2021-2022 ގައި 716، 2022-2023ގައި 780 ދަރިވަރުން މާލޭގެ ސްކޫލްތަކުން ޖާގަ ދީފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލޭގެ ސްކޫލްތަކުގެ ގުރޭޑް 1ގައި ކިޔަވަން 1992 ދަރިވަރުން އެދިފައިވެއެވެ. މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން 1158 ދަރިވަރުން އެދިފައިވެއެވެ. މާލޭގެ ސްކޫލްތަކަށް ވަންނަން އެދުނު ދަރިވަރުންގެ ޖުމްލަ އަދަދަކީ 3150އެވެ. އަދި އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދިފައިވާ 967 ދަރިވަރުންނާއެކު މާލޭގެ ސްކޫލްތަކުގައި ކިޔަވަން 4117 ދަރިވަރުން އެދިފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު، އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން ހުށަހެޅި ދަރިވރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އެދިފައިވަނީ ގުރޭޑް 1 އަށް ވަންނާށެވެ. އެއީ 171 ދަރިވަރުންނެވެ. ދެވަނައަށް އެންމެ ގިނަ ދަރިވަރުން އެދިފައި ވަނީ ގުރޭޑް 8އަށް ވަންނާށެވެ. ތިން ވަނައަށް އެންމެ ގިނަ ދަރިވަރުން އެދިފައި ވަނީ ގުރޭޑް 5އަށް ވަންނާށެވެ. އެންމެ މަދުން އެދުނީ ގުރޭޑް 10އަށް ވަނުމަށެވެ.
advertisment
ހިޔާލު