ގދ. އަތޮޅު މަދަރުސާގެ ސައިންސް ލެބް ތަރައްޤީ ކުރަނީ

ގދ. އަތޮޅު މަދަރުސާގެ ސައިންސް ލެބް ތަރައްޤީ ކުރަނާމެ ބަޔަކު ހޯދަން އެ ސްކޫލުން އިއުލާން ކޮށްފިއެވެ.

ގދ. އަތޮޅު މަދަރުސާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ މަދަރުސާއިން ދޭ ކުރެހުމަކާ އެއްގޮތަށް ސައިންސް ލެބް ތަރައްޤީކުރަނޭ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.

އެ މަދަރުސާއިން ބުނީ، ސައިންސް ލެބްގެ މަސައްކަތަށް ބީލަން ހުށަހެޅޭނީ މާދަމާގެ ނިޔަލަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރަން އެ ސްކޫލަށް އީމެއިލް ކުރަންޖެހެއެވެ. ބީލަން ހުށަހެޅުން އޮންނާނީ މެއި މަހުގެ 14 ވަނަ ދުވަހުގެ 10:30ގައި އެ ސްކޫލުގެ އޮފީހުގައެވެ.

ގދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ފާތިމަތު ނާހިދާ ވިދާޅުވީ، ސައިންސް ލެބް މިހާރު ހުރި އިމާރާތުން އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމާފާއިވާ ކަމަށާއި، އެ ބަދަލު ގެންނަނީ އެ މަދަރުސާގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމާއެކު ލެބް ބޭނުން ކުރާ ދަރިވަރުން އިތުރުވެ، ދަރިވަރުންނަށް ފަސާހައިން ލެބުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ، ލެބަށް ގެންނަ ބަދަލުތަކާއެކު ކެމިކަލް ރައްކާކުރާނެ ވަކި ކޮޓަރިއެއްގެ އިތުރުން، ދަރިވަރުންނަށް އެކްސްޕެރިމެންޓް ހަދަން މިހާރަށްވުރެ ފަހި މާހައުލެއް ޤާއިމް ކުރާނެ ކަމަށެވެ.

ނާހިދާ ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެ މަސައްކަތް ނިންމާ ނުލެވުނަސް ބޭނުންވަނީ ވީހާވެސް އަވަހަށް ދަރިވަރުންނަށް އެ ލެބުގެ ބޭނުން ކުރެވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *