ތަފާސް ހިސާބުގެ ޑިގްރީ ކޯހަކާއެކު ޤައުމީ ޔުނިވަރސިޓީން އޮގަސްޓް މަހު ފަށާ 106 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ޖުލައި މަހުގެ 25އާ ހަމައަށެވެ.
ކޯސްތަކަށް ކުރިމަތިލާން ހުޅުވާލުމުގެ ގޮތުން މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ބައްދަލުވުމުގައި ވައިސް ޗާންސެލަރު، ޑރ. އައިޝަތު ޝހެނާޒު އާދަމް ވިދާޅުވީ، ހުރިހާ ކަމެއް ވެސް މިއަދު ބިނާވެފައިވަނީ ސްޓެޓިސްޓިކްސްގެ މައްޗަށް ކަމަށާއި އަލަށް ފަށާ އެ ކޯހަކީ އެ ދާއިރާއަށް ވަރަށް މުހިންމު ކޯހެއް ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުން ހިންގާ ބެޗްލާ އޮފް ސްޓެޓިސްޓިކްސް ކޯހަކީ ތިން އަހަރު ދުވަހުގެ ކޯހެކެވެ.
ކޯސްތަކުގެ މައުލޫމާތު ދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ ރަޖިސްޓްރާ މުޙައްމަދު ޟާމިރު ވިދާޅުވި ގޮތުގައި އެ ޔުނިވަރސިޓީން ހުޅުވާލި ކޯސްތައް ބެހެނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ދަރިވަރުން ކޯސްތަކަށް އެޕްލައިކުރާ ތަރުތީބުން ފުރުޞަތު ދޭ ކޯސްތަކާއި މެރިޓަށް ބަލައިގެން ދަރިވަރުންނަށް ފުރުޞަތު ދޭ ކޯސްތަކެވެ.
ޟާމިރު ވިދާޅުވީ، ކޯސްތަކަށް އެޕްލައިކުރާނީ އެ ޔުނިވަރސީޓީގެ ޕޯޓަލް މެދުވެރިކޮށެވެ. ކޯސްތަކުގެ މައުލޫމާތު ވެސް އެ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ އޮގަސްޓް އިންޓޭކުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު