އައްޑޫ ހައި ސްކޫލުގެ ދަރިވަރުން ލ. އަތޮޅުގައި ތަޖުރިބާ ކުރީ، ދިރިއުޅުމުގެ ވައްޓަފާޅިއާއި ވިސްނުމާއި ފިކުރުގެ ތަފާތު

އައްޑޫ ހައި ސްކޫލުގެ ދަރިވަރުން ލ. އަތޮޅަށް ކުރި ދަތުރުގައި އެ ދަރިވަރުން ތަޖުރިބާ ކުރީ ދިވެހި ތާރީޚާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ވިސްނުމާއި ފިކުރުގެ ތަފާތު ކަމަށް އެ ސްކުލުން ބުނެފިއެވެ.

މިއީ ކޮވިޑް19ގެ އާލަމީ ވަބާގެ ފަހުން އެ ސްކޫލުން ކުރި މިފަދަ ފުރަތަމަ ދަތުރެވެ. މިދިޔަ މަހު 22 ން 30 ކުރި މި ދަތުރުގައި ގުރޭޑް 11ގައި ކިޔަވަމުންދާ 63 ދަރުވަރުންނާއި ހަތް އޮފިޝަލުންނާއެކު 70 މީހުން ބައިވެރިވިއެވެ.

އައްޑޫހައި ސްކޫލުން ބުނީ، މިއީ ހައްދުންމަތީގެ ރީތިކަމާއި ތާރީޚާއި އާސާރުތަކާއި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަނެ ދިވެހި ޤައުމިއްޔަތުގެ މުހިންމު ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް ކުރި ދަތުރެއް ކަމަށެވެ. މި ދަތުރުގައި އެ ސްކޫލުގެ ދަރިވަރުން، ހައްދުންމަތީގެ މުހިންމު މުއައްސަސާތަކުގެ އިތުރުން ސީނާއި މަސައްކަތް ކުރާ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލާފައެވެ.

މި ދަތުރުގައި ދަރިވަރުންނާއެކު ބައިވެރިވެވަޑައިގެންނެވި އައްޑު ހައި ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރި ދަތުރުން ދަރިވަރުންނަށް ތަޖުރިބާ ކުރެވުނީ، އައްޑޫގެ ރައްޔިތުންގެ ދިރިއުޅުމާއި ހައްދުންމަތީގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅީއާއި ފެންވަރާއި ވިސްނުމާއި ފިކުރުގައި ވެސް ބޮޑު ތަފާތެއް ހުންނަ ކަމަށެވެ. އަދި އެމީހުންގެ މެހުމާންދާރީއާއި ހިންހެޔޮކަން ވެސް ދަރިވަރުން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

" ކުދިންނަށް ކުރިއަކުން ޤަބޫލެއް ނުކުރެވޭ މެހުމާންދާރީ އަދާކުރުމުގައި އެހާ ހިތްހެޔޮ މީހުން ދިރިއުޅޭ ކަމެއް. އަދި ރަށްރަށުގައި ތާރީޚީ އެހާ މުހިންމު ތަންތަން ހުންނަ ކަމެއް" ނަދީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ދިރިއުޅޭ ކުދިންނަށް ފެންނާނީ އައްޑޫގެ މާހައުލު ކަމަށާއި ތަފާތު މާހައުލުތަކަށް ކުދިންގެ ވިސްނުން ގެންގޮސް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަތުމަކީ ޤައުމިއްޔަތެއް ދިރިވުމަށް  ކުރަން ޖެހޭ މުހިންމު މަސައްކަތެއް ކަމެކެވެ.

އައްޑޫ ހައި ސްކޫލުން ކުރި ކާމިޔާބު ދަތުރުގައި، ހަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލުން ބެހެއްޓި މެހުމާންދާރީއަށް ނަދީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ނަދީމް ވިދާޅުވީ، އެއް ހަފުތާގެ މުއްދަތަށް، އެ ސްކޫކުގެ ދަރިވަރުންގެ ކަންތައް ބަލަހައްޓައި މެހުމާން ދާރީ އަދާކުރީ އެންމެ މަތީ ފެންވަރުގައި ކަމަށާއި ހަމަދު ސްކޫލުގެ އެސްއެމްޓީއާއި ޓީޗަރުންނާއި ސަޕޯޓް ސްޓާފުންނާއި އަދި ޕްރިންސިލްގެ އެހީތެރިކަން އެންމެ މަތީ ފެންވަރުގައި ލިބިވަޑައިގެންނެވި ކަމަށެވެ.

" އަޅުގަނޑުމެންނާއެކު ހުރިހާ ކަމެއްގައި ބައިވެރިވެ ހުރިހާ ޚިދުމަތެއް ފޯރުކޮށް ދިނީ އެންމެ މަތީ ފެންވަރުގައި. އެ ސްކޫލުން ދައްކައިދިނީ މެހުމާންދާރީއާއި ކުލުނާއި އޯގާތެރިކަމުގެ މިސާލެއް" ޕްރިންސިޕަލް ނަދީން ވިދާޅުވިއެވެ.

ނަދީން ވިދާޅުވީ އަންނަ އަހަރު ވެސް ދަރިވަރުންނަށް އެފަދަ ދަތުރުތަކެއް އިންތިޒާމު ކުރައްވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *