ސްޓޫޑެންޓް ލޯނަށް 1700 މީހުން ކުރިމަތިލައިފި

ސަރުކާރުން ހުޅުވާލި ސްޓޫޑެންޓް ލޯނަށް 1709 މީހުން ކުރިމަތިލި ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، ސްޓޫޑެންޓް ލޯނަށް ކުރިމަތި ލުމުގެ މުއްދަތު މިއަދު މެންދުރު 1:30އަށް ހަމަވިއިރު 1709 މީހުން ކުރިމަތިލާފައިވާ ކަމަށެވެ. ސްޓޫޑެންޓް ލޯނަށް ހުޅުވާލީ މި އަހަރުގެ ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

ލޯނުގެ ފުރުޞަތު 500 ފަރާތަށް ދޫކުރަން ހުޅުވަލި ނަމަވެސް ޝަރުޠު ހަމަވާ އެންމެނަށް ލޯން ދޭން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލިއެވެ. ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުޞަތުދީ އެފަރާތްތަކުގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މިނިސްޓްރީ ކަނޑައަޅާ ޚަރަދެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތުދީ އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށް ފުރުޞަތު މި ލޯނުގެ ފުރުޞަތުގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނަށް އެދުމުގެ ފުރުޞަތު ވެސް މި ލޯން ސްކީމްގެ ދަށުން ދީފައިވެއެވެ.

ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީއެޗްޑީ ލެވަލްއަށް ކިޔެވުމަށް ވެސް މި ލޯން ސްކީމުން މަގުފަހިކޮށްދީފައިވެއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ، ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނަށް ހޮވުނު ފަރާތުން އިޚުތިޔާރުކުރާ އިޢުލާންކުރި ޤައުމަކާއި ކިޔަވަންދާ ޤައުމަކާއި އަޅާކިޔައި ޚަރަދު ކުޑަ ޤައުމެއްގެ ރޭޓުންނެވެ. މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައި ވަނީ އެޑްމިނިސްޓްރޭޓިވް ޗާރޖް ގެ ގޮތުގައި %1 ހިމެނޭހެންނެވެ.

މިދިޔަ އަހަރުވެސް 500 ޖާގައަށް ހުޅުވާލި ލޯން ސްކީމަށް ކުރިމަތިލައި ޝަރުޠު ހަމަވި 1225 ދަރިވަރުންނަށް ލޯން ހަމަޖައްސައިދިނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *