މަތީ ތަޢުލީމުގެ ކޯސްތަކުގެ މޮޑިއުލްތަކުގެ ގަޑި ހަމަނުކުރުމާއި ލޯކަލް ޕްރޮގްރާމްތައް އިންޓަރނޭޝަނަލް ޕްރޮގްރާމްގެ ގޮތުގައި ހިންގގަން މައުލޫމާތު ދެމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ކުރި ޢާންމު އިއުލާނުގައި ބުނެފައި ވަނީ، ރާއްޖޭގައި މަތީ ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި އެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ގޮތްތަކާ ގުޅޭ ގޮތުން އެ އޮތޯރިޓީއަށް އެކިއެކި ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
މައިގަނޑު ގޮތެއްގައި ލިބޭ ޝަކުވާތަކެއްގެ ގޮތުގައި ފަސް ޝަކުވާއެއް އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. އެއީ:
1- ޕްރޮގްރާމް އެކްރެޑިޓޭޝަން ދެވިފައިވާ ގޮތާ ޚިލާފަށް ޕްރޮގްރާމްތަކުގެ މޮޑިއުލްތަކުގެ ގަޑި ހަމަނުކޮށް ނިންމަމުން ދިއުން.
2- އެއް ސެމިސްޓަރ ނިމި އަނެއް ސެމިސްޓަރ ފަށާއިރު، ކިޔަވައިދެއްވާ ލެކްޗަރަރއިންނަށް މުސާރަ ނުދިނުމުގެ ސަބަބުން ދަރިވަރުންނަށް މާކްސްތައް ނުލިބުމާއި ޕްރޮގްރާމްގެ މުއްދަތު ދިގުވާކަން، އަދި މިކަމުގެ ސަބަބުން، ދަރިވަރުންގެ ކޯހުގެ ފީ އިތުރުވެގެންދާކަން.
3- ލޯކަލް ޕްރޮގްރާމްގެ ގޮތުގައި ހުއްދަ ނަގާފައިވާ ޕްރޮގްރާމްތައް އިންޓަރނޭޝަނަލް ޕްރޮގްރާމްގެ ގޮތުގައި ކަމަށް ބުނެ މައުލޫމާތު ދެމުން އަންނަކަން.
4- އެމްކިއުއޭގެ އުޞޫލުތަކާ ފުށުއަރާ ގޮތަށް ދަރިވަރުންނަށް މައުލޫމާތު ދިނުން.
5- ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް އާއި ޕްރި މާސްޓަރ ޕްރޮގްރާމް ވަކި ޕްރޮގްރާމެއްގެ ގޮތުގައި އިސްތިހާރުކޮށްގެން ހިންގަމުން އަންނަކަން.
އެމްކިޔުއޭއިން ބުނީ، އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ގައިޑްލައިނާ އެއްގޮތަށް ހިންގަމުން އަންނަކަން ކަށަވަރު ކުރުމަށްޓަކައި ޕްރޮގްރާން އޮޑިޓް ޤަވާއިދުގެ ދަށުން " ރެމްޑަމް ބެޗް އޮޑިޓް" ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިކަން ތަކުރާރުވާނަމަ އެ މަރުކަޒަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
advertisment
ހިޔާލު