400 އެއްހާ ދަރިވަރުން ދަސްވެނިވިއިރު، ފިރިހެން ކުދިންގެ ނިސްބަތަކީ އެންމެ 14 އިންސައްތަ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި އަހަރު ދަސްވެނިވި 400 އެއްހާ ދަރިވަރުންގެ ތެރޭގައި އެންމެ 14 އިންސައްތަ ފިރިހެން ދަރިވަރުން ހިމެނުމަކީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި އެ ޔުނިވަރސިޓީން ފާހަގަކުރައްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ތިންވަނަ ދަންފަޅީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މަރުހަބާ ދެންނެވުމުގެ ގޮތުން، ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑަމިކް އެފެއަރޒް ޑރ. އަލީ ފަވާޒު ޝަރީފު ކަންބޮޑުވުމެއްގެ ގޮތުގައި ވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ ދަންފަޅީގައި ދަސްވެނިވި ފިރިހެން ކުދިންގެ އިންސައްތައަކީ އެންމެ 25 އިންސައްތަ ކަމަށެވެ. ތިން ދަންފަޅި އެއްކޮށް މި އަހަރު ދަސްވެނިވި އިންސައްތައަކީ 13.6 އިންސައްތަ ކަމަށެވެ.

" މިއީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް. ޖުމްލަ އާބާދީގެ މި އުމުރުފުރައިގެ މަތީ ތައުލީމު ހާޞިލުކުރާ އުމުރުފުރައިގެ ގިނައީ ފިރިހެނުން"

ރާއްޖޭގެ އާބާދީގައި މަތީ ތައުލީމު ހާޞިލުކުރާ އުމުރުފުރައަށް ބަލާއިރު، 51.5 އިންސައްތައަކީ ފިރިހެނުންނެވެ.

" އާބާދީގެ ދެ ޖިންސްގައި މި އުމުރުފުރައިގައި މާ ބޮޑު ތަފާތެއް ނެތް ކަމުގައި ވިޔަސް، މަތީ ތައުލީމަށް އެންމެ 14 އިންސައްތަ ފިރިހެން ކުދިން ދިއުމަކީ އެއީ މި ޔުނިވަރސިޓީން ވެސް އަދި ޤައުމީ ފެންވަރުގައި ވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. މިކަމުގެ ސަބަބުތައް ދެނެގަނެ މިކަމަށް އަވަސް ފަރުވާއެއް ހޯދަން ޖެހިފައިވާ ކަމެއް" ފަވާޒު ވިދާޅުވިއެވެ.

މިއަދު ހެނދު އޮތް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *