ސުމާ: ހަނިމާދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރު

ފާއިތުވި 2023-2022 ވަނަ އަހަރު ހަނިމާދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ފާތިމަތު ސުމާ ހޯދައިފިއެވެ.

ހަނިމާދޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕްލިޓިކަލް ޑައިރެކްޓަރު، ޒިޔާދު ރަޝީދެވެ.

އެއްވަނަ މަޤާމް ހޯދި ސުމާއަކީ، ސާނަވީ އިމްތިޙާން ނިންމާ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގައި ހަނިމާދޫ ސްކޫލުން ހިމެނުނު ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެވެ. ޤައުމި ގަދަ ދިހައެއްގެ ފަސްވަނަ ސުމާ ހޯދިއެވެ. ސުމާއަށް އޭ ސްޓަރ ލިބުނީ، އިނގިރޭސިއާއި ބައޮލޮޖީއާއި ކެމިސްޓްރީއާއި އިސްލާމުންނެވެ. އޭ ލިބުނީ ދިވެއްސާއި ފިޒިކްސްއާއި އިކޮނޮމިކްސްގެ އިތުރުން ހިސާބުންނެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން މަތީ ސާނަވީއަށް މިހާރު ކިޔަވަމުން ގެންދާ ސުމާވަނީ ސާނަވީގައި ކިޔެވިއިރު ޖޫނިއަރ އަދި ސީނިއަރ ޕްރިފެކްޓްކަމާއި ކެޑޭޓެއްގެ އިތުރުން ޣާޒީ ހައުސްގެ ކެޕްޓަންގެ ޒިންމާ އަދާކޮށްފައެވެ.

ސާނަވީން އިމްތިޙާނުން އެއްވަނަ ނޫނީ ދެވަނަ ލިބޭނެ ކަމަށް އުއްމީދު ކުރިކަމަށާއި އެކަމަކު އިކޮނޮމިކްސް ޕޭޕަރު ނިންމާ ނުލެވުމަކީ އުއްމީދު ކުރި ޓާގެޓަށް ނުދިއަ އެއް ސަބަބު ކަމަށް ދަރިވަރު ނޫހަށް ސުމާ ބުންޏެވެ.  " އުއްމީދު އޮވެގެން އިމްތިޙާނުގައި އިށީނީ. އެކަމަކު ކަންދިމާކުރި ގޮތުން އެންމެ ބޭނުންވި ގޮތަކަށް ނޫން އިމްތިޙާން ހެދުނީ" ސުމާ ބުންޏެވެ.

ސުމާ ބުނީ އޯލެވެލްއަށްވުރެ އޭލެވެލްގެ ނަތީޖާ ރަނގަޅު ކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބޭނުން ވަނީ ސްކޮލަރޝިޕެއް ހޯދައިގެން މެޑިސިންގެ ދާއިރާއިން ކުރިއަށް ދާށެވެ.

" ޑޮކްޓަރަކަށް ވުމަކީ އެއީ ކުރިއްސުރެ އުއްމީދެއް" ސުމާ ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *