ޔުނިވަރސިޓީތަކުގެ މިސްރާބު ބަދަލުކޮށް ހިތްފަސޭހަ" ކެމްޕަސް ލައިފެއް" ދަރިވަރުންނަށް ހޯދައިދޭންޖެހޭ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ދަސްވެނިވުމަށް މިއަދު ބޭއްވި ދެވަނަ ދަންފަޅި ޝަރަފުވެރިކޮށް ދެއްވައި ވަޒީރު ޑރ. އިސްމާއިލް ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީއަކީ ދިވެހިރާއްޖޭގެ ތައުލީމުގެ އެންމެ ބޮޑު ކުރިބޯށި ކަމަށެވެ. ފާއިތުވި ހަތަރު އަހަރު ދުވަހު މަތީ ތައުލީމުދޭ އިންސްޓިއުޓެއްގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، މަތީ ތައުލީމުގެ މިސްރާބި އަޅުގަނޑުމެންނަށް މި ގެންދެވެނީ ރަނގަޅު މިސްރާބަށް ބާވައޭ ސުވާލު އުފެއްދެވޭ ކަމަށެވެ.
" ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ދަރިވަރުންނަށް ފަހިކޮށްފައިވާ ފަދަ ކެމްޕަސް ލައިފެއް އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބޭނީ ކޮންދުވަހަކުން ބާވައޭ އަޅުގަނޑުގެ ހިތަށް އަބަދުވެސް އަރާ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަތީ ތައުލީމު ހާޞިލުރަން މާލެއަންނަ ދަރިވަރުންނަށް އެކަށީގެންވާ ދަނާލުތަކެއް ލިބޭނީ ކޮންދުވަހަކުން ބާވައޭ. އަބަދުވެސް އަޅުގަނޑުގެ ހިތަށް އަރާ" ވަޒީރު ވިދާޅުވިއެވެ.
" ޔުނިވަރސިޓީ ބަދަލުވާން ޖެހިއްޖެ. ހިންގާ ގޮތުގައި އެކަންޏެއްނޫން. ޔުނިވަރސިޓީއަކީ ހިތްގައިމު ވެއްޓެއްގައި ޤާއިމް ކުރެވިފައިވާ ހިތްފަސޭހަ މާހައުލަކަށް ވުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން"

ޑރ. އިސްމާއިލް ވިދާޅުވީ، ޔުނިވަރސިޓީގައި ހިންގޭ ކޯސްތަކުގެ ތެރެއިން، ޚާއްޞަކޮށް ބެޗްލާސް ޑިގްރީ ޕްރޮގްރާމަކީ ފުލްޓައިމްކޮށް ދަރިވަރުންނަށް އެކަމަށް ވަގުތު ހުސްކޮށްގެން ކިޔަވާ ޕްރޮގްރާމްތަކެއް ކަމުގައި ކުރިއަށް ގެންދާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.
ދިވެހިންގެ ރާއްޖޭގެ ތަޞައްވުރަކީ އިލްމީ ހުނަރު ލިބިފައިވާ ދިވެހި ދަރިންތަކެއްގެ މުޅިން އާ ޖީލެއް ބިނާކުރުންކަން ބަޔާން ކުރައްވައި ވަޒީރު ވިދާޅުވީ، މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަމާއި އެ މަސައްކަތުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ފަރާތަކީ ނެޝަނަލް ޔުނިވަރސިޓީ ކަމަށެވެ.
ވަޒީރުގެ ވާހަކަ ފައްޓަވަމުން، ހުރިހާ ދަސްވެނިންގެ ފަރާތުން އެދިވަޑައިގެންނެވީ ތެދުވެރިވުމަށެވެ. ދެން ވިދާޅުވެދެއްވީ ތެދުވެރިވާންވީ ކަންތައްތަކެވެ. " ތެދުވެރިކަމަކީ އޮޅުވާނުލު މަކަރު ނުހެދުން. އިޚްލާސްތެރިވުން. އަދި ވަފާތެރިވުން. ތެދުވެރިވާންވީ އަމިއްލަ ނަފުސަށް. މާތްވެގެންވާ އިސްލާމްދީނަށާއި ދިވެހި ޤައުމަށް. އަދި މުޅި އިންސާނިއްޔަތަށް"
ޑރ އިސްމާއިލް ވިދާޅުވި ގޮތުގައި، ތެދުވެރިވާށޭ އެއީ ބުނެލަން ފަސޭހަ އެކަމަކު އެކަމަށްޓަކައި ހިތްވަރާއި ޢަޒުމާއެކު މަސައްކަތްކޮށްގެން މެނުވީ ހާޞިލް ނުކުރެވޭނެ ކަމެކެވެ.

ދިވެހި އަދަބިއްޔާތަށާއި ޅެންވެރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޑޭޒީމާގެ ފާއިޒާ 1966 ވަނަ އަހަރު ލިޔުއްވި މަޒުމޫނެއްގައި ލިޔުއްވާފައިވާ ލިޔުއްވުމަކަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވި ގޮތުގައި " އަމިއްލަ ނަފުސުގެ މައްޗަށް ތެދުވެރިކަން ނެތަމަ ހިތްހަމަޖެހުމާއި އުފާވެރިކަން އެ ގެއްލުނީއެވެ. މިހެނީ އަމިއްލަ ނަފުސުގެ މައްޗަށް ތެދުވެރިކަން ނެތް މީހާއަށް އެހެން މީހުންގެ ހިތުގައި އޮންނާނީ ކޮން ގަދަރެއްތޯއެވެ. އަދިވެސް ވިދާޅުވެފައިވޭ ބަޔަލަށް ސުއްޙަވެރިކަމާއި މަސްލަހަތު ހުރި ގޮތެއްގައި ދިރިއުޅެވޭނީ އެބައެއްގެ އަމިއްލަ ނަފުސުގެ މައްޗަށް ތެދުވެރިކަން ހުރެގެންނެވެ. މިހެނީ މި ސިފަ ނުވާނަމަ އެކުވެރިކަން ދެމި ނޯންނާނެކަމީ ޝައްކެއްނެތި އެނގޭ ކަމެކެވެ. އެކުވެރިކަމެއް ނުވާނަމަ ތެދުވެރި ލޯބީގެ ހަމްދަރުދީއެއް ނުވާނެއެވެ. އަދި ކީއްތޯއެވެ. އޭގެ ބަދަލުގައި ތިމާމެންގެ ހިތްތަކުގައި އަނދަމުންދާނީ ފިތުނަވެރިކަމުގެ ގަދަ އަލިފާނެއެވެ. އަބަދު ތިބެންޖެހެނީ ހަސަދައިގައެވެ. ދުވަހަކު ވެސް ކާމިޔާބު ވެގެން ހިތްހަމަޖައްސާލެވޭނެ ވަގުތެއް އެފަދަ ބަޔަކަށް ނާންނާނެ" އެވެ.
މާދަމާގެ ނިޔަލަށް ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާއިރު، މިއަދު 122 ދަރިވަރުން ދަސްވެނިވިއެވެ. އޭގެތެރޭގައި ހިމެނެނީ، ތައުލީމީ ދާއިރާގެ 52 ދަރިވަރުން ސިއްޚީ ދާއިރާގެ 59 ދަރިވަރުން ފަތުރުވެރިކަމުގެ ދާއިރާއިން 11 ދަރިވަރުންނެވެ.
advertisment
ހިޔާލު