ކިއުބާ ސްކޮލަރޝިޕްގެ ދަށުން ޑޮކްޓަރީކަން ކިޔަވަންދާނެ ޝަރުޠު ހަމަވާ މީހަކު ނުވުމުން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އެމްބީބީއެސް ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް، ލެޓިން އެމެރިކަން ޔުނިވަރސިޓީ އޮފް މެޑިސިންއިން ކިޔެވުމަށް ދޭ ސްކޮލަރޝިޕަށް މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރި އިއުލާ ގުޅިގެން ޝަރުޠު ހަމަވާ އެޕްލިކޭޝަނެއް ލިބިފައި ނުވާ ކަމަށެވެ. މި ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ މުއްދަތު އަންނަ ޖޫން މަހުގެ 2 ދުވަހުގެ 1:30އަށް މިހާރު ވަނީ އިތުރުކޮށްފައެވެ.
ސެޕްނިޝް ބަހުން ކުރިއަށް ގެންދާ މި ކޯހަށް ކުރިމަތި ލެވެނީ ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ އިމްތިޙާނުގެ ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް ހިމެނޭގޮތަށް 5 މާއްދާއިން ސީއިން މަތީ ގުރޭޑެއް ހާޞިލްކޮށްފައިވުމެވެ. ނޫނީ ބައޮލޮޖީއާއި ކެމިސްޓްރީ އަދި ފިޒިކްސް ނުވަތަ ހިސާބު ހިމެނޭގޮތަށް ތިން މާއްދާއިން ސީއިން މަތީ ގުރޭޑެއް ހާޞިލްކޮށްފައިވާ ވުމެވެ.
އަންނަ ޖޫންއަށް 25 އަހަރު ނުފުރޭ މީހަކަށް ވުމަކީ ވެސް މި ކޯހުގެ ޝަރުޠުކެވެ. މި ކޯހަށް ހޮވޭ ކެންޑިޑޭޓުން ކިއުބާއަށް ދާން ފުރަން ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ކޯސް ފެށުމުގެ ކުރިން ސްޕެނިޝް ބަސް ކިޔަވައިދޭނެ ކަމަށާއި، ސްކޮލަރޝިޕްގައި ކިޔެވުމަށް ޕްލޭސްމަންޓް ދިނުމާއި، ފައިނަލް ސިލެކްޝަން ހަދާނީ ކިއުބާ ސަރުކާރުން ކަމަށެވެ. ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށައެޅުމަށްފަހު އެދޭ ކޯސް ނުވަތަ ޔުނިވަރސިޓީ ކޮލެޖް ބަދަލެއް ނުކުރެވޭނެ ކަމަށާއި، ކޯހަށް ކިއުބާއަށް ދިއުމާއި އައުމުގެ ޚަރަދު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީންދޭނެ ކަމަށާއި އިތުރަށް ހިނގާ ޚަރަދުތަކަށް ކަނޑައަޅާފައިވާ މިންވަރަށް ފައިސާ ދޭނީ ކިއުބާ ސަރުކާރުން ކަމަށް އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު