ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ވެސް ސްކޫލްތަކުން ކުރިއަށް ގެންދިޔަ
މިއަދު ސާނަވީ އިމްތިހާން ފެށިއިރު، ދަރިވަރުންނަށް ހިތްވަރު ދިނުމަށް ސްކޫލްތަކުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ބައެއް ސްކޫލްތަކުން އެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ މުޅި ރަށުގެ ރައްޔިތުން ވެސް ޝާމިލުވާ ގޮތަށެވެ.
ނ. ލަންދޫ ސްކޫލުން ސާނަވީ އިމްތިޙާނުގައި މި އަހަރު 12 ކުދިން ބައިވެރިވެއެވެ. އޭގެ ތެރެއިން މަދުވެގެން 4 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނޭނެ ކަމަށް އެ ސްކޫލުން އުއްމީދު ކުރެއެވެ. އެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ސްކޫލުގެ ސްޓާފުންނާއި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުޑަ ޕާޓީއެއް ވަކިވަކިން ވެސް ބޭއްވިއެވެ. މިއީ އެ ސްކޫލުން މި އަހަރު ސާނަވީ އިމްތިޙާނު ހަދާ ދަރިވަރުންގެ ޝަރަފުގައި ބޭއްވި ހިތްވަރު ދިނުމުގެ ޕާޓީތަކެކެވެ.

" ކުރީ އަހަރަށްވުރެ ގިނަ ސްޓަޑީ ކޭމްޕްތައް ވެސް މި އަހަރު ބޭއްވިން. އިމްތިހާނުގައި ފެށީ ރަނގަޅު ނަތީޖާއެއް ދަރިވަރުން ނެރޭނެ ކަމުގެ އުއްމީދާއެކު" ޕްރިންސިޕަލް ޔުސުފު އަބްދުއްރަހީމް ވިދާޅުވިއެވެ.
އިމްތިހާނުގެ ހާސްކަން ފިލުވާލުމަށް ގއ. ނިލަންދޫ ސްކޫލުން ބޭއްވީ ޕިއްޒާ ޕާޓީއެކެވެ.

މިއީ، އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ގޮތުން އެ ސުކޫލުގެ މެނޭޖްމެންޓާއި މުދައްރިސުން އިސްނަގައިގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ. ދަރިވަރުންނަށް ކާމިޔާބަށް އެދި ޝުޢޫރު ފާޅުކުރުމާއެކު، އިމްތިހާނުގެ ހާސްކަން ފިލުވާލުމަށް ދަރިވަރުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުނު ކަމަށް އެ ސްކޫލުން ދެކެއެވެ.
އއ. ހިމަންދޫ ސްކޫލުން 27 ދަރިވަރުން މި އަހަރު ސާނަވީ އިމްތިޙާނުގައި ބައިވެރިވިއެވެ. އެއީ އެ ސްކޫލުގެ ތާރީހުގައި ވެސް ސާނަވީ އިމްތިޙާނެއްގައި ބައިވެރިވާ އެންމެ ގިނަ އަދަދެއްގެ ދަރިވަރުންނެވެ. އެ ދަރިވަރުންގެ ނަތީޖާއަށް އަމާޒުކޮށްގެން ކުރީ އަހަރުތަކަށްވުރެ މާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށް އެ ސްކޫލުން ބުނެއެވެ.
ޕްރިންސިޕަލް ޒީނިޔާ އަޙްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، ގުރޭޑް 9ން ފެށިގެން ޝެޑިއުލްކޮށްގެން ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ހިރިޔާ ސްކޫލާއި އަމީނިއްޔާގެ އިތުރުން އިމާދުއްދީން ސްކޫލަށް ޒިޔާރަތްކޮށް އެ ސްކޫލުގެ ދަރިވަރުންނާއެކު ހޯދައި ފުރުޞަތުތައް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި ކުދިންނަށް އިތުރުމައުލޫމާތާއި ތަޖުރިބާތައް ހޯދައި ދިނުމުގެ ގޮތުން އެމްއެންޔޫއާއި ވިލާ ކޮލެޖާއި އައިޔޫއެމްގެ އިތުރުން ބޮޑެތި ކުންފުނިތަކަށް ޒިޔާރަތްކޮށް ހޯދައިދިން ތަފާތު ތަޖުރިބާތައް ހިމެނެއެވެ.
ޒީނިޔާ ވިދާޅުވީ، އެ ސްކޫލުން ވެސް ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރާ ކަމަށާއި، ދަރިވަރުންނަށް ހިތްވަރު ދިނުމުގައި އެ ރަށުގެ ހުރިހާ މުއައްސަސާތަކުން ބައިވެރިވި ކަމަށެވެ.

ސްކޫލުގެ ކޮންމެ ކަމެއްގައި ބެލެނިވެރިންނާއި ރަށުގެ ހުރިހާ މުއައްސަސާތަކާއި ޖަމިއްޔާއެއް ހިމެނޭހެން އެންމެންގެ އެއްބާރުލުން ލިބުނު ކަމަށާއި އަދި އެ ހުރިހާ ފަރާތްތަކުން ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހަރަކާތްތަކެއް ނުހިންގާ ސްކޫލެއް ނެތެވެ. އެ ހުރިހާ ހަރަކާތެއްގައި ރަށުގެ ހުރިހާ މުއަސްސަސާތަކާއި ބެލެނިވެރިން ބައިވެރިވުމަކީ އެއީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ދަރިވަރުންނަށް ވެސް ލިބޭނެ ހިތްވަރެކެވެ.
ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ސްޓަޑީކޭމްޕްތައް ބޭއްވުމަށް ބެލެނިވެރިންނާއި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން، ގިނަ ޚަރަދުތަކެއް ވެސް ކުރިއެވެ. މިއީ ކޮންމެ އަހަރަކު ވެސް އެ މުއައްސަސާތަކުން ކުރަމުން އަންނަ ހޭދައެކެވެ.
އިމްތިޙާން ކުރިއަށްދާއިރު، ދަރިވަރުންގެ ކާމިޔާބަށް އެދިގެން އެތައް ބަޔަކު އަންނަނީ ދުއާ ކުރަމުންނެވެ.
ޝެއިޚް މުޙައްމަދު އަނިލް އޭނާގެ ފޭސްބުކު ޕޭޖުގައި ވިދާޅުވީ، " މިއަދު ފެށޭ އެސްއެސްސީ އަދި އޯލެވެލް އިމްތިޙާނަކީ ހުރިހާ ދަރިވަރުންނަށް ފަސޭހަ އިމްތިޙާނެއް ކަމަށް ލައްވާށިއެވެ." އޭގެ ފަހުން ބެލެނިވެރިންނަށް މުހިންމު މެސެޖެއް ވެސް އަނިލް ދެއްވިއެވެ.

" ލޮބުވެތި ބެލެނިވެރިންނޭ! މިއިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ހިތްވަރު ދެއްވާ! އިތުރު ޕްރެޝަރަށް އެކުދިން ވައްޓާ ނުލާ! ކޮންމެ ނަތީޖާއެއް ލިބުނަސް އެކުދިން ދެކެ ލޯބިވާނެކަންވެސް ހާމަކުރޭ!"
ސާނަވީ އިމްތިޙާނުގައި މި އަހަރު ބައިވެރިވާ ދަރިވަރުންގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު އިތުރެވެ. ކުރީ އަހަރު އެސްއެސްސީ އިމްތިހާން ހެދީ 6107 ދަރިވަރުންނެވެ. 1226 ދަރިވަރުންގެ އިތުރުވުމާއެކު މި އަހަރު 7133 ދަރިވަރުން އެސްއެސްސީ އިމްތިހާނު ހަދައެވެ. އޯލެވެލް އިމްތިޙާނު މިދިޔަ އަހަރު ހެދީ 6،698 ދަރުވަރުންނެވެ. 803 ދަރިވަރުންގެ އިތުރުވުމާއެކު މި އަހަރު އޯލެވެލް ހަދަނީ 7501 ދަރިވަރުންނެވެ.
ސާނަވި އިމްތިހާނު މި އަހަރު ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށް ގެންދެއެވެ.
advertisment
ހިޔާލު