ފާއިތުވި އަހަރު، ރެހެންދި ސްކޫލުން އެއްވަނަ އަކުމަލްއަށް

ފާއިތުވި 2023-2022 ވަނަ އަހަރު ރެހެންދި ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު "ގޯލްޑް" ގެ މަޤާމް އަޙްމަދު އަކްމަލް ނިޒާމް ހޯދައިފިއެވެ. ދެވަނައަށް ދޭ "ސިލްވަރ" މަޤާމް ހޯދީ މާދިހް މަސީޙް ހުސައިންއެވެ. ތިން ވަނައަށް ދޭ "ބްރޯންޒް" މަޤާމް ހޯދީ މުހައްމަދު ހަދްޔާން އަފްރާހެވެ.

ރެހެންދި ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި އެންމެ މޮޅު ދަރިވަރުންނަށް އިނާމް ދެއްވީ އިސްލާމިކް ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާއެވެ.

އެއްވަނައަށް ދިޔަ އަކުމަލް، ފާއިތުވި ސާނަވީ އިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދިއެވެ. ރެހެންދި ސްކޫލުގެ ފްރިފެކްޓެއްގެ އިތުރުން ސްޓޫޑެންޓް ކައުންސިލުގެ މެމްބަރުކަމާއި އެކްޓިވިޓީ ކެޕްޓަންކަމުގެ ޒިންމާ އޭނާ އާދާކުރިއެވެ. އަދި ސްކައުޓާއި އެންވަޔަރަމަންޓް ކުލަބުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ.

އަކުމަލް މަތީ ސާނަވީއަށް ކިޔަވަމުން ގެންދަނީ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގައެވެ.

ސިލްވަރ މަޤާމް ހޯދި މާދިހު ދިޔައީ، ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނައަށެވެ. އޭނާއަކީ ފާއިތުވި އަހަރު ރެހެންދި ސްކޫލުގެ ކެޕްޓަނެވެ. އަދި ސްޓޫޑެންޓް ކައުންސިލުގެ ރައީސެވެ. ސްކައުޓް ލިޑަރެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ފާއިތުވި އަހަރު އެންމެ މޮޅު ސްކައުޓަކީ ވެސް މާދިހުއެވެ. މާދިހު މިހާރު ކިޔަވަމުން ދަނީ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ގުރޭޑް 11ގައެވެ.

ބްރޯންޒް މަޤާމް ހޯދި ހަދްޔާންއަކީ ފާއިތުވި އަހަރު ރެހެންދި ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. އަދި އޭނާއަކީ ޕްރިފެކްޓެއްގެ އިތުރުން ސްޓޫޑެންޓް ކްލަބްގެ މެމްބަރެއް ވެސް މެއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *