ރ. އިނގުރައިދޫ ސްކޫލުގެ ހަތަރު ބެލެނިވެރިން އިސްނަގައިގެން އިމާރާތް ކުރި މިސްކިތް ހުޅުވައިފިއެވެ. އެއް ފަހަރާ 65 ދަރިވަރުންނަށް ނަމާދު ކުރެވޭ މި މިސްކިތަކީ އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ފަސާހައެއް ކަމަށް އިނގުރައިދޫ ސްކޫލުން ފާހަގަކުރެއެވެ.
މިސްކިތް ބިނާކުރީ:
މުޙައްމަދު މުސްތަފާ ރަނައުރާގެ، ރ. އިނގުރައިދޫ
ރަފީއު މުހައްމަދުފުޅު ވައިޖެހޭގެ، ރ. އިނގުރައިދޫ
އިލްޔާސް ޢަލީ މިރުސްމާގެ، ރ. އިނގުރައިދޫ
އަޙްސިމް މޫސާ ފީރޯޒް ތ.ކަނޑޫދޫ
އިނގުރައިދޫ ސްކޫލުގެ ގޯތިތެރޭގައި އިމާރާތް ކުރި މި މިސްކިތް ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދެވެ.
ހިތްގައިމު ރީތި މިސްކިތެއް އެ ސްކޫލަށް ހަދިޔާ ކުރެއްވީތީ ހަތަރު ބެލެނިވެރިންނަށް ޚާއްޞަ ޝުކުރެއް އިނގުރައިދޫ ސްކޫލުގެ ޕްރިންސިޕަލް ސަޢީދު އިބްރާހިމް ވަނީ އަދާކުރައްވާފައެވެ. ދަރިވަރު ނޫހަށް ސަޢީދު ވިދާޅުވީ، ދެ ދަންފަޅިއަށް ކިޔަވައިދެމުން ގެންދާއިރު، މިސްކިތެއްގެ ދަތިކަން އެ ސްކޫލަށް އިންތިހާއަށް އޮތް ކަމަށާއި ދަރިވަރުންނާއި މުވައްޒަފުންނަށް ސްކޫލުގެ ތެރޭގައި މިހާރު ނަމާދު ކުރަން ކުރިން ކުރަމުން އައި ތަކުލީފަށް ނިމުމެއް އައިސްފައިވާ ކަމަށެވެ.

" މީގެ ކުރިން ނަމާދު ކުރަން ބޭނުން ކުރަން ޖެހެނީ ކުލާސްރޫމެއް ފަދަ ތަނެއް. ވަކިން މިސްކިތެއް ހުރުމަކީ އެއީ ނަމާދުކުރުމަށް ވެސް ބާރުލިބޭ އަދި ސްކޫލުގެ ހައިބަތް ވެސް ދައްކުވައިދޭ ކަމެއް" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ނަމާދު ކުރުމަށް ހުރި ދަތިތަކުގެ ވާހަކަ ދެކެވެން ފެށުމުން އެކަމަށް އިސްނެންގެވި ހަތަރު ބެލެނިވެރިން އެ މަސައްކަތް ކުރިއަށް ގެންދެވީ، އެ ސްކޫލުން ބޭނުންވި ގޮތަށް، ސްކޫލުން ކުރަހައިދިން ޑިޒައިނަކަށެވެ.
" އަޅުގަނޑަށް މެލޭޝިޔާއިން ވެސް ފެނުނީ ސްކޫލުގެ ތެރޭގައި ވަކިން މިސްކިތް ހުންނަތަން. އެއީ ވަރަށް ހިތްގައިމު އަދި ނަމާދަށް ޚާއްޞަ ސަމާލުކަމެއް ދަރިވަރުންނާއި މުވައްޒަފުންނަށް ދެވޭ ކަމެއް. އެ ގޮތަށް ވަކިން މިސްކިތެއް ބިނާކުރަން ބޭނުންވީ. އިރާދަކުރެއްވީތީ އެކަން އެގޮތަށް ފަހިވެގެން ދިޔައީ" ސައީދު ވިދާޅުވިއެވެ.

މިސްކިތް ބިނާކުރުމުގައި އިސްކޮށް މަސައްކަތް ކުރި އިލްޔާސް އަލީ ދަރިވަރު ނޫހަށް ވިދާޅުވީ، ވީހާވެސް އަވަހަށް މިސްކިތުގެ މަސައްކަތް ނިންމަން ބޭނުންވި ނަމަވެސް މަސައްކަތް ކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ހުރިހާ މަސައްކަތެއް ނިންމާލެވުނީ އަހަރަކަށްވުރެ ގިނަ ދުވަސްވި ފަހުން ކަމަށެވެ.
އޭނާ ވިދާޅުވީ، ފަސްލައްކައެއްހާ ރުފިޔާ ޚަރަދުވިއިރު، އެ ހުރިހާ ފައިސާއަކީ ވެސް ހަތަރު ބެލެނިވެރިން ޚަރަދުކުރި ފައިސާ ކަމަށެވެ.
" ވަރަށް އުފާވޭ އުއްމީދު ކުރި ވަރަށްވުރެ ލަހުން ނަމަވެސް މަސައްކަތް ފުރިހަމަކޮށް ދަރިވަރުންނާއި ސްޓާފުންނަށް މިސްކިތުގެ ބޭނުން ކުރެވެން ފެށުމުން. މިއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" އިލްޔާސް ވިދާޅުވިއެވެ.
އިނގުރައިދޫ ސްކޫލުގައި 365 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު