ބުނަންވީ، ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭއެއް ނޫން، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ

ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ބެލެނިވެރިންނަށް ހުޠުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުޠުބާގައި ބުނީ، ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއްގެ ގޮތުގައި، ނަމާދު ކުރުން ހަދަން ޖެހޭ ކަމަށާއި ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުޤުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. ކުޑަކުދިން މިސްކިތަށް އަހުލުވެރި ކުރުވުމުގައި ބެލެނިވެރިންގެ ސަމާލުކަން ނުހަނު ބޭނުންވާނެ ކަމަށާއި މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް އެކުދިންނަށް ކިޔައިދިނުމަކީ، މިސްކިތުގެ ޖަމާޢަތަށް ޙާޟިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭން ޖެހޭ އިރުޝާދެއް ކަމަށެވެ. މިސްކިތަކީ ބިންމަތީގައިވާ މާތް اﷲ ގެ ގެކޮޅުކަން ދަރިންނަށް ކިޔައިދީ މިސްކިތުގެ ސާފުތާހިރުކަމާއި މިސްކިތުގައި ކުރެވޭނެ ކަންތައްތަކާއި ކޮށްގެންނުވާނެ ކަންކަން ބެލެނިވެރިން ދަރިންނަށް ކިޔައިދޭން ޖެހޭނެ ކަމަށް ވެސް ހުޠުބާގައި ބެލެނިވެރިންނަށް ހަނދާންކޮށް ދީފައިވެއެވެ.

" މިޤައުމަށް މިއަދު މިވަނީ، ހެޔޮ ލަފާ މުޖްތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ. މި މަސައްކަތްތައް ކާމިޔާބުވާނީ ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހެދިގެންނެވެ." ހުޠުބާގައި ބުނެފައިވެއެވެ.

" ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެ ދެމީހުންނާ الله سُبْحَانَهُ وَتَعَالَى ޙަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ. އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހެއެވެ. އެގޮތުން، މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުޠަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާކުރުމެވެ. އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެކެވެ. ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އެއުރެންނާއި އަހުރެމެންނާ (އެބަހީ: ކާފިރުންނާއި މުސްލިމުންނާ) ދެމެދު (ތަފާތުކުރާ) ޢަހުދަކީ ނަމާދެވެ. ފަހެ، (ނަމާދުގެ ވާޖިބުކަމަށް އިންކާރުކޮށް) ނަމާދު އަޅައިފިމީހާ، ހަމަކަށަވަރުން، ކާފިރުވެއްޖެއެވެ."

އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއްކަން ބަޔާން ކުރައްވައި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ހަދީސެއްގެ މާނައިގައި ވަނީ "ތިޔަބައިމީހުންގެ ދަރިންގެ ޢުމުރުން ހަތް އަހަރުވުމުން ނަމާދު ކުރަން އެކުދިންނަށް އަމުރުކުރާށެވެ! އަދި ދިހަ އަހަރުވުމުން ނަމާދު އަޅައިފިނަމަ އެކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރާ އެންމެ ފަހުކަމަކަށް އަނިޔާނުވާނޭ ގޮތައް ގައިގައި ޖަހައިގެން ނަމަވެސް އަދަބުވެރިކުރުވާށެވެ! އަދި އެކުދިން ނިންދަވާ ތަންމަތިތައް ވަކި ކުރާށެވެ." ހުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

ނަމާދަށް އަހުލުވެރި ބަޔަކަށް ހެދުމަށް ޢަމަލީ ގޮތުން ކުރެވޭ މަސައްކަތްތަކުގެ އިތުރަށް، ދަރިންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ ވެސް، ކުރަން ޖެހޭނެ ކަމެއްކަން ބަޔާން ކުރައްވައި ހުޠުބާގައި ބުނެފައިވަނީ، އެފަދަ ދުޢާތައް ދަރިންނަށް ކިޔައިދިނުމުން އެ ކުދިންގެ ހިތްތަކުގައި ނަމާދަށް އޮންނަ ޝައުޤުވެރިކަން އިތުރުވާނެ ކަމަށެވެ.

ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަން ޖެހޭ ކަމެއް ކަމުގައި އިޙުސާސްކުރެވޭ ގޮތަށް ދަރިންނަށް މަގު ދެއްކައިގެން ނުވާނެ ކަމަށާއި ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއް ކަމަށް، ނަބަވީ ސުންނަތުގެ މިސާލުތަކުން ސާބިތުވާ ކަމަށް ވެސް ހުޠުބާގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *