އަލަށް އިމާރާތް ކުރާ ފޭދޫ ސްކޫލުގައި ޑޭކެއަރ ސެންޓަރަކާއި ލޭންގުއޭޖް ލެބެއް

ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، އެ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާއިރު، އެ ސްކޫލުގައި ޑޭކެއަރ ސެންޓަރަކާއި ލޭންގުއޭޖް ލެބެއް ޤާއިމް ކުރަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. 40 ކުލާސް ރޫމް ހިމެނޭ އެ ސްކޫލުގެ މަސައްކަތް ކުރަނީ އެސްޖޭއިންނެވެ.

ފޭދޫ ސްކޫލުގެ މަސައްކަތް އެސްޖޭއާ ހަވާލުކުރަން ރޭ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީޢުއެވެ.

އެ ސްކޫލުން އިމާރާތް ކުރަނީ އެ ރަށުން މީގެ ކުރިން ހިއްކި ސަރަހައްދުގައި 96،500 އަކަފޫޓް ހިމެނޭ ސަރަހައްދެއްގައެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ފޭދޫ ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެސްޖޭއިން ފޭދޫ ސްކޫލުގެ މަސައްކަތް ނިންމަނީ 480 ދުވަހުގެ ތެރޭގައެވެ.

ފޭދޫ ސްކޫލުގެ މަސައްކަތް އެސްޖޭއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވި ކަމަށް އެކްސްޕްރެސް ނިވްސްއިން ބުނެފައިވަނީ، އެ ސްކޫލުގެ އިމާރާތަކީ މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭ އިމާރާތެއް ކަމަށާއި ޒަމާނީ ޚިދުމަތްތަކާއި އާ ކަންތައްތަކެއް އެ އިމާރާތުގައި ހަމަޖައްސާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އަލަށް ޤާއިމް ކުރާ، ޑޭ ކެއަރ ސެންޓަރަކާއި ލޭންގުއޭޖް ލެބަކާއި ފީފާ އިން ޤަބޫލުކުރާ ފެންވަރުގެ ޓާފްއެޅި ދަނޑެއް އެ ސްކޫލުގައި ޤާއިމް ކުރައްވާނެ ކަމަށެވެ. ޑޭ ކެއަރ ސެންޓަރުގެ އެހީގައި ޓީޗަރުންގެ އަމިއްލަ ދަރިން ގޮވައިގެން ސްކޫލް މާޙައުލަށް ނުކުމެވޭނެ ކަމަށް ވެސް މިނިސްޓަރު، ޑރ. ޝަފީއު ވިދާޅުވެފައިވެއެވެ.

ފޭދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރީ ހުސްވި އަހަރުގެ ތެރޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *